ލަންޑަން (16 މާޗް 2026): އީރާނުން ހަމަލާދީފާނެކަމުގެ ބިރަށް ގަލްފުގެ ހުރުމުޒު ކަނޑުއޮޅިން އެއްވެސް ބޯޓެއް މިހާރު ދަތުރު ނުކުރާކަމަށާ އެކަނޑުއޮޅި އޮތީ މުޅިން ބަންދުކޮށްފައި ކަމަށް ގަލްފުގެ މެރިޓައިމް މަސްދަރުތަކާ ހަވާލާދީ ލަންޑަންގައި ނުކުންނަ "ޓެލްގްރާފް" ނޫހުން ބުނެފިއެވެ.
މި ނޫސް ބުނާގޮތުން ހުރުމުޒު ކަނޑުއޮޅި ހުރަސްކުރާ ބޯޓުތަކުގެ އަދަދު މަދުވަމުން މަދުވަމުން ގޮސް މިހާރުވަނީ ސުމަކަށް ގޮސްފައެވެ. އަދި ހުރުމުޒު ކަނޑުއޮޅި ހުޅުވުމުގައި އެމެރިކާއަށް އެހީތެރިވުމަށް ނޭޓޯގެ ގައުމުތަކަށް ޓްރަމްޕް ގޮވާލެއްވި ގޮވާލެއްވުމަށް ނޭޓޯ އަޅައި ނުލާނެ ކަމަށްވެސް މި ނޫސް ބުނެއެވެ.
ދުނިޔޭގެ ގައުމުތަކުން ކިތަންމެ ވަރަކަށް އެދުނުނަމަވެސް ހަނގުރާމައިގެ ހާލަތު އޮތްގޮތުން ހުރުމުޒު ކަނޑުއޮޅިން ބޯޓުތައް ހުރަސްކުރުމުގެ ފުރުސަތު ނުދެވޭނެކަން އީރާނުން އެގައުމުތަކަށް އަންގަމުން ގެންދާކަންވެސް "ޓެލްގްރާފް" ނޫހުން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް އީރާން ވަނީ އެގައުމު ބޭނުންވާ ގައުމުތަކަށް ބޭނުންވެއްޖެ ހާލަތެއްގައި މިފުރުސަތު ދޭނެކަމަށް ކުރިން ބުނެފައެވެ.

ޓްރަމްޕް
ހަނގުރާމަ ހުއްޓާލުމަށްޓަކައި އެމެރިކާއަށް ޕްރެޝަރު ކުރުމަށް އީރާން އެޅި މި ފިޔަވަޅުގެ ސަބަބުން ދުނިޔޭގެ ވިޔަފާރީގެ މައި ހަބެއްގެ ގޮތުގައި ސިފަކުރެވޭ ގަލްފުން މުދަލާއި ތެލާއި އެނޫންވެސް ތަކެތި އެތެރެކުރުމާއި ބޭރުކުރުންވަނީ މުޅިން ހުއްޓުމަކަށް އައިސްފައެވެ. \
ދުނިޔޭގައި ހިނގާ ވިޔަފާރީގެ މުއާމަލާތްތަކުގެ ގާތްގަނޑަކަށް 20 އިންސައްތައާއި 25 އިންސައްތައިގެ މިންވަރެއް ހިނގަމުން ދަނީ ގަލްފުގެ ހުރުމުޒު ކަނޑުއޮޅި ހުރަސްކޮށެވެ. އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފަށައިފިނަމަ ހުރުމުޒު ކަނޑުއޮޅި ބަންދުކުރާނެ ކަމުގެ އިންޒާރު ހަނގުރާމަ ފެށުމުގެ ކުރިން އީރާން ވަނީ ތަކުރާރުކޮށް އެމެރިކާއަށް ދީފައެވެ.
އީރާނަކީ ހުރުމުޒު ކަނޑުއޮޅި ބަންދު ކުރުމުގެ ގާބިލްކަން ލިބިފައިވާ ގައުމެއްކަމާއި އީރާނާދެކޮޅަށް ހަނގުރާމަ ފަށައިފިނަމަ އީރާން މިކަން ކުރާނެކަމާއި މިކަމުގެ ސަބަބުން ދުނިޔޭގެ އިގްތިސާދުގެ ސަޕްލައި ޗެއިންއަށް ބޮޑު ލޮޅުމެއް އަރައި އެކަމުގެ ބޮޑު ގެއްލުމެއް އެމެރިކާގެ އިގްތިސާދަށްވެސް ކުރާނެކަމަށް ވިދާޅުވެ އެމެރިކާގެ އަސްކަރީ އިސްވެރިން ޓްރަމްޕަށް ހަނގުރާމައިގެ ނުރައްކާތެރިކަން ވިސްނައި ދެއްވިކަމަށް ރިޕޯޓްތައް ބުނެއެވެ.

ހުރުމުޒު ކަނޑުއޮޅި
ނަމަވެސް ޓްރަމްޕް ވަނީ ނަތަންޔާހޫގެ ބަހަށް ހެއްލި މިއިން އެއްވެސް ކަމަކަށް ނުބަލައި އީރާނާ ދެކޮޅަށް މިދިޔަ މަހުގެ 28 ވަނަ ދުވަހު ހަނގުރާމަ ފަށައިފައެވެ.
މުހައްލިލުން ވިދާޅުވާގޮތުގައި ޓްރަމްޕް ހީކުރީ އީރާނަށް ހަމަލާދީ އެގައުމުގެ އިސްވެރިން ޝަހީދުކޮށްލެވޭއިރަށް އީރާން އަވަސްގޮތަކަށް އަމާން ދޭނެކަމަށެވެ. ނޫނީ އީރާނުގެ ވެރިކަމުގެ ނިޒާމު ރޫޅިގެންދާނެ ކަމަށެވެ. ނޫނީ އީރާނުގެ ވެރިކަމުގެ ނިޒާމާ ދެކޮޅަށް އެގައުމުގެ ރައްޔިތުން ތެދުވެ ވެރިކަން ވައްޓާލާނެކަމަށާ އެހިސާބުން އެމެރިކާ ބޭނުންވާ ގޮނޑިކޮއްކޮ ވެރިއަކުން އީރާނުގެ ވެރިކަމުގައި ބެހެއްޓޭނެކަމުގައެވެ.
ނަމަވެސް ކަންދިޔައީ ޓްރަމްޕްގެ ރޭވުމާ އަދި ވިސްނުމާ މުޅިން ދެކޮޅަށެވެ. އެހެންކަމުން މިހާރު މިއޮތީ އެމެރިކާގެ އަސްކަރީ އިސްވެރިން ޓްރަމްޕަށް ދެންނެވި ހާލަތު އައިސްފައެވެ.
އީރާން ބަލިނުކުރެވުމާއެކު އެގައުމުވަނީ ގަލްފުގައިވާ އެމެރިކާގެ ބޭސްތަކާއި މަރުކަޒުތައް ފުނޑާލުމަށްފަހު ގަލްފުގެ ހުރުމުޒު ކަނޑުއޮޅި ރަނގަނޅަށް ބަންދުކޮށްލާފައެވެ. މިކަނޑުއޮޅި ހުޅުވުމަށްޓަކައި އެސަރަހައްދަށް އަސްކަރީ އުޅަނދެއް ފޮނުވަންވެސް ޓްރަމްޕް ވަނީ ނުކުޅެދިފައެވެ.
ދުނިޔޭގެ އިގްތިސާދީ ހަރަކާތްތަކުގެ ގާތްގަނޑަކަށް 30 އިންސައްތަ ވަނީ ހުއްޓުމަކަށް އައިސްފައެވެ. ހުރުމުޒު ކަނޑުއޮޅި ހުރަސްނުކުރެވި 500 އަށް ވުރެގިނަ އުޅަނދު އެބައޮތްކަމަށް ގަލްފުގެ މެރިޓައިމް މަސްދަރުތަކާ ހަވާލާދީ "ޓެލްގްރާފް" ނޫސް ބުނެއެވެ.
މިކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށްވަނީ ބޮޑުވެފައެވެ. ގަލްފާއެކު ވިޔަފާރިކުރާ ކުންފުނިތަކަށް ދަނީ މާލީގޮތުން ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ. މީގެތެރޭގައި ގިނައީ އެމެރިކާއާއި ޔޫރަޕްގެ ކުންފުނިތަކެވެ. ގިނަ ދުވަސްވާނަމަ އެކުންފުނިތައް ބަނގުރޫޓްވާނެކަމުގެ ބިރުވެސް އެބައޮތެވެ.
ޓްރަމްޕަށް ގޮތްހުސްވެ އެންމެފަހުންވަނީ ހުރުމުޒު ކަނޑުއޮޅި ހުޅުވުމަށްޓަކައި ނޭޓޯގެ ގައުމުތަކަށާއި ޗައިނާގެ އަސްކަރީ އެހީއަށް އެދި ގޮވާލައްވާފައެވެ. ނަމަވެސް ނޭޓޯގެ ގައުމުތަކުންވެސް ޗައިނާވެސްވަނީ ޓްރަމްޕް ވެއްޓިފައިވާ މިވަޅުގަނޑުން އޭނާ ސަލާމަތް ކުރުމަށް ހަރަކާތްތެރިވުމަށް ފަސްޖެހިފައެވެ. މިއާއެކު ޓްރަމްޕްވަނީ އޭނާގެ އެދުމަށް ނޭޓޯ އިޖާބަ ނުދީފިނަމަ މުސްތަގްބަލްގައި އެއްޖަމާއަތެއްގެ ގޮތުގައި ނޭޓޯ ނޯންނާނެކަމާއި ނޭޓޯ ރޫޅިގެން ހިނގައިދާނެކަމުގެ އިންޒާރު ދެއްވާފައެވެ.
ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެމެރިކާގެ އަސްކަރީ ކޮންޓްރޯލް އޮންނަ ގައުމެއްކަމަށްވާ ޖަޕާންވެސްވަނީ ޓްރަމްޕް އެދުނު ނަމަވެސް ހަނގުރާމައިގެ ތެެރެއަށް ނުވަންނާނެކަމަށް ބުނެފައެވެ.