ޓީވީއަކާއި ފޯނުތަކެއް ހިމެނޭ ގޮތަށް ވަގަށް ނެގި ސާމާނުތަކެއް ފުލުހުން ހޯދައި، އެ ތަކެތީގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ.
އައްޑޫ ޕޮލިހުން ކުރި ޕޯސްޓެއްގައި ބުނީ، މިދިޔަ ޖަނަވަރީ 24 އިން ފެށިގެން އިއްޔެއާ ހަމައަށް ހިތަދޫ ޕޮލިހަށް ހުށަހެޅި ވައްކަމުގެ މައްސަލަތަކުގައި ވަގަށް ނާގަފައިވާ ތަކެތި ހޯދައި، ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެ ތަކެތީގެ ތެރޭގައި، ތިން ފޯނާއި ޓީވީއަކާއި ކަރަންޓު ސާމާނުތަކާއި ބައިސްކަލެއް ހިމެނެއެވެ.

ވަގަށް ނަގާފައިވަނިކޮށް ހޯދި ޓީވީ: އެ ޓީވީ މިހާރު ވަނީ ވެރިފަރާތާ ހަވާލުކޮށްފައި --- ފޮޓޯ/ފުލުހުން
ފުލުހުން ވަނީ، ވައްކަންކޮށްގެން ހޯދާފައިވާ ކަމަށް ޝައްކުކުރެވޭ އެއްވެސް އެއްޗެއް މީހަކު ވިއްކަން އުޅޭނަމަ، ނުވަތަ ވިއްކުމަށް ހުށަހަޅާނަމަ އެފަދަ ތަކެތި އެ މީހެއްގެ އަތުން ނުގަތުމަށާއި، އެފަދަ ކަމެއް ދިމާވެއްޖެނަމަ ލަސް ނުކުރައްވައި ހިތަދޫ ޕޮލިސްގެ ނަންބަރު 9791612 އަށް ގުޅައިގެން ރިޕޯޓުކުރުމަށް އެދިފައެވެ.
ފާހަގަކުރެވޭ ގޮތުގައި، މީގެ ކުރިން ވެސް ވަގަށް ނަގާފައިވާ ތަކެތި ހޯދައި، ފުލުހުން ވަނީ ވެރިފަރާތާ ހަވާލުކޮށްދީފައެވެ.