އައްޑޫ ސިޓީން އަނެއްކާ ވެސް މިރޭ ކަރަންޓު ކެނޑިއްޖެއެވެ.
'ސަން'އަށް މައުލޫމާތު ދެމުން އައްޑޫ ސިޓީ ކައުންސިލްގެ ހިތަދޫ މާމެންދޫ ދާއިރާގެ ކައުންސިލް މެންބަރު އަދާލާ ރަޝީދު ވިދާޅުވީ، އައްޑޫގެ ގުޅިފައިވާ ހުރިހާ ރައްތަކުން ކަރަންޓު ކެނޑުނީ ގާތްގަނޑަކަށް 11 ޖަހަން އުޅެނިކޮށް ކަމަށެވެ.
އޭގެ އިރުކޮޅެއް ފަހުން ފެނަކަ ގުރޫޕުގައި ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށް ބުނެފައިވާ ކަމަށާއި ނަމަވެސް ކަރަންޓު ލިބޭނެ ވަކި ސީދާ ގަޑިއެއް ޖަހާފައި ނުވާކަން އަދާލާ ފާހަގަކުރިއެވެ.
އެކަމަކު، އޭގެ ފަހުން މިރޭ 11:29 އެހާކަންހާއިރު އައްޑޫގެ ބައެއް ހިސާބުތަކަށް ވަނީ ކަރަންޓު ދޭން ފަށާފައެވެ.
އަދާލާ ވިދާޅުވީ، މި ރޯދަމަސް އައިފަހުން ކުރީން ކަރަންޓު ދާގޮތަށް މިހާރު ނުދާ ކަމަށެވެ. މީގެ ތިން ވަރަކަށް ހަފުތާ ކުރީން ވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކުން ވަނީ ކަރަންޓު ކެނޑިފައެވެ. ފެނަކައިން ވަގުތީ ގޮތުން އެ މައްސަލަ ހައްލުކުރުމުން، ރޯދަމަހުގެ ބާކީ އޮތް މުއްދަތުގައި ކަރަންޓު ނުކެނޑޭނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު އޭރު ވަނީ ވިދާޅުވެފައެވެ.
ފާހަގަކުރެވޭ ގޮތުގައި، އައްޑޫން ކަރަންޓު ކެނޑުމަކީ ދޭތެރެއަކުން ދިމާވާ މައްސަލައެކެވެ. މާލެ ފިޔަވާ ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސިޓީއަކީ އައްޑޫއެވެ.
އެ ސިޓީއަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެ ސިޓީއަށް އެއް މެގަވޮޓުގެ ޖެނެރޭޓަރު ސެޓެއް ވަނީ ގެންގޮސްފައެވެ. އަދި އެއަށް ފަހު، 1.8 މެގަވޮޓްގެ އިތުރު ޖަނަރޭޓަރެއް އެ ސިޓީއަށް ވަނީ ފޮނުވައިފައެވެ.
ގިނަ ބަޔަކު ދެކޭ ގޮތުގައި އައްޑޫގެ ކަރަންޓު މައްސަލަ ހައްލުވާނީ އެ ސިޓީގައި އަލަށް ގާއިމުކުރާ ޕަވާ ހައުސް ނިމުމުންނެވެ. ނަމަވެސް، އެ ތަނުގެ މަސައްކަތް މި ސަރުކާރުން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައެއް ނުވެއެވެ.