މި ރޭ ވެސް މިއީ އޮނަހިރި ރެއެކެވެ.

އިސްލާމީ މަރުކަޒުގައި މީހުން ނަމާދު ކުރުން --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ރަމަޟާންމަހުގެ ފަހު ދިހައަކީ ލައިލަތުލްޤަދްރީގެ މާތް ރޭ ހޯދުމަށް މުސްލިމުން އެންމެ ބޮޑަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ދުވަސްވަރެވެ. މި ރޭ ހޯދުމަށްޓަކައި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ވަނީ ފަހު ދިހައިގެ އޮނަހިރި ރޭތަކުގައި ގަދައަޅައި މަސައްކަތްކުރުމަށް އިރުޝާދު ދެއްވާފައެވެ. ބައެއް ފަރާތްތަކުން 27 ވިލޭރޭ އެކަނި ޚާއްޞަކޮށްގެން އަޅުކަން ކުރިނަމަވެސް، ޞައްޙަ ސުންނަތުން ސާބިތުވަނީ ފަހު ދިހައިގެ ހުރިހާ އޮނަހިރި ރޭތަކެއްގައި ވެސް ހީވާގިކަމާއެކު އަޅުކަން ކުރުމަށެވެ. 29 ވިލޭރޭ ފަދަ އޮނަހިރި ރޭތައް ފަރުވާކުޑަކޮށް ނުދޫކޮށްލައި، މާތް ﷲގެ ރުއްސެވުމާއި ފުއްސެވުމަށް އެދި ރޭއަޅުކަމާއި ޞަދަޤާތާއި ޤުރުއާން ކިޔެވުމުގައި ދެމިތިބުމަކީ ކޮންމެ މުސްލިމެއްގެ ވެސް ޒިންމާއެކެވެ.

  • ރަމަޟާންމަހުގެ ފަހު ދިހައިގެ އޮނަހިރި ރޭތަކަކީ ލައިލަތުލްޤަދްރި ހޯދުމަށް އެންމެ ރަނގަޅު ދުވަސްވަރު.
  • 27 ވިލޭރޭ ފަދައިން 29 ވިލޭރޭގައި ވެސް އިހްލާސްތެރިކަމާއެކު އަޅުކަން ކުރުމުގެ މުހިންމުކަން.
  • ހަމައެކަނި ވަކި ރެއަކަށް ޚާއްޞަ ނުވެ، ފަހު ދިހައިގެ ހުރިހާ ރެއެއްގައި ވެސް އަޅުކަމުގައި ހީވާގިވުން.
  • އީމާންކަމާއެކު ރޭއަޅުކަންކޮށްފި މީހާގެ އިސްވެދިޔަ ފާފަތައް ފުއްސަވައިދެއްވާނެކަމުގެ އުފާވެރި ޚަބަރު.

ރަމަޟާންމަހުގައި އަންނަ އެންމެ މުހިންމު ކަމަކީ ލައިލަތުލްޤަދްރީގެ އަޅުކަމެވެ. އެ ރޭ ހޯދުމަށް ރަމަޟާންމަހުގެ ފަހު ދިހައިގައި މަސައްކަތް ކުރަން ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ. ޚާއްޞަކޮށް ފަހުދިހައިގެ އޮނަހިރި ރޭތަކުގައެވެ.

ފަހުދިހައިގެ އޮނަހިރި ރޭތަކަކީ 21، 23، 25، 27، އަދި 29 ވިލޭރެވެ. މި ރެއަކީ 29 ވިލޭރެއެވެ. ވީމާ މިރޭ ވެސް ވާނީ އޮނަހިރި ރެއަކަށެވެ. އޮނަހިރި އެހެން ރޭރެއެކޭ އެއްފަދައިން މި ރޭ ވެސް ލައިލަތުލްޤަދްރި ހޯދަން މަސައްކަތްކުރަން ވާނެއެވެ. ހަތާވީހާއެކު ރަމަޟާންމަސް ނިންމައިލައިގެން ނުވާނެއެވެ. މާތް ﷲގެ ފުއްސެވުމާއި ރުއްސެވުން އަދައިގެން ފަހުދިހައިގެ ހުރިހާ ރެއެއްގައި އަޅުކަންކުރަން ވާނެއެވެ.

ބައެއް މީހުންގެ ނަޒަރުގައި ލައިލަތުލްޤަދްރި ހޯދައި، މުޅި އަހަރަށް ވާވަރަށް އެރޭ އެކަނި އަޅުކަންކުރުމުން އޭނާގެ ދީނީ ޒިންމާ އަދާވީއެވެ. އަދި ވަރަށް ގިނަބަޔަކު ހީކުރާ ގޮތުގައި އެއީ 27 ވިލޭރެއެވެ. އެހެނަސް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވީ އެފަދައަކުންނޫނެވެ. އެކަލޭގެފާނު ބާރުއެޅުއްވީ ފަހުދިހައިގެ ހުރިހާ ރެއެއްގައި އެ ކަމަށް އެދި މަސައްކަތްކުރާށެވެ. ޙަދީޘްކުރެއްވިއެވެ. «تَحَرَّوْا لَيْلَةَ القَدْرِ فِي العَشْرِ الأَوَاخِرِ مِنْ رَمَضَانَ» (رواه البخاري: (2020މާނައީ: "ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތަކުގައި ލައިލަތުލްޤަދްރި ހޯދަން މަސައްކަތްކުރާށެވެ." އެހެން ޙަދީޘެއްގައި އެންގެވީ ފަހުދިހައިގެ އޮނަހިރި ރޭތަކުގައި އެ ކަމަށް މަސައްކަތްކުރުމަށެވެ. ޙަދީޘްކުރެއްވިއެވެ. «تَحَرَّوْا لَيْلَةَ القَدْرِ فِي الوِتْرِ، مِنَ العَشْرِ الأَوَاخِرِ مِنْ رَمَضَانَ» (رواه البخاري: (2017 މާނައީ: "ރަމަޟާންމަހުގެ ފަހުދިހައިގެ އޮނަހިރި ރޭތަކުގައި ލައިލަތުލްޤަދްރި ހޯދަން މަސައްކަތްކުރާށެވެ."

ކަން މިހެން އޮތުމުން އަޅުގަނޑުމެން އަޅުކަމައިގެން ހީވަގިވުން ފަހުދިހައިގެ ހުރިހާރެއަކަށް ދަމައިލަން ޖެހެއެވެ. ހަތާވީހާ އެކު ރަމަޟާންމަސް ނިންމާލައިގެން ނުވާނެއެވެ. ބާކީ ދެން މި މަހުގައި އޮތީ ދެތިން ދުވަހެވެ. ފަހުދިހައިގެ އެންމެ ފަހު ރޭތަކެވެ. މި ރޭތަކުގައި ސިއްރާއި ފާޅުގައި ޞަދަޤާތްކުރާށެވެ. ރޭގަނޑުގެ ފަނޑު އަލީގައި ޤުރުއާން ކިޔަވާށެވެ. ރޭއަޅުކަންކުރާށެވެ. ދުޢާކޮށް ދެންނެވުން ގިނަކުރާށެވެ. މި އެންމެހައި ކަންކަމީ ރަޙުމާނުވަންތަ އިލާހުގެ ފުއްސެވުމާއި، ރުއްސެވުމާއި، ދިންނެވުން މުސްލިމުންނަށް ހުރި ކަންކަމެވެ. އިޚްލާޞްތެރިކަމާ އެކު މި އަޅުކަންތައް އަދާކުރުން މަތީ ދެމިތިބޭށެވެ. އީމާންކަމާ އެކު ﷲގެ ޙަޟްރަތުން ދަރުމައާއި ސަވާބަށް އެދިގެން ލައިލަތުލްޤަދްރީގައި ރޭ އަޅުކަންކޮށްފި މީހާގެ އިސްވެ ގޮސްފައިވާ ފާފަތައް ފުއްސަވައި ދެއްވާނެ ކަމަށް ﷲ ވަނީ ވަޢުދުވެވޮޑިގެންފައެވެ.

ރަމަޟާންމަސް އަޅުގަނޑުމެންނާ އަލްވަދާޢުކިޔައި ގޮއްސިއްޔާ ދެން ހެޔޮކަމުގެ މި މޫސުމް އަލުން އަޅުގަނޑުމެންނާ ބައްދަލުވާނީ 11 މަސްދުވަހާއި 20 ރޭފަހުން ކަމުގައި ދަންނަން ވާނެއެވެ. އެހައިތަނަށް އަޅުގަނޑުމެން ދުނިޔޭގައި ނުތިބެ ވެސް ދާނެއެވެ. ހީވާގިވެ ރަނގަޅަށް މަސައްކަތްކޮށްލައިގެން މި ދެތިންދުވަހު ހެޔޮ ކަންކަން ހާސިލުވޭތޯ ބަލަމާ ހިނގާށެވެ!

comment ކޮމެންޓް