މާލޭ ގަލޮޅު މޯޗަރީ ކައިރީ ގުދަނެއްގައި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހަކަށް ދުމުގެ އަސަރުކުރުމުން، ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ބުނީ، އެ ހާދިސާގައި ދުމުގެ އަސަރުކުރީ އެ ސަރަހައްދުގައި ހަރަކާތްތެރިވި އަންހެން ފުލުހަކަށް ކަމަށެވެ. އަދި އެ ފުލުހަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެމްއެންޑީއެފުން މިއަދު ބުނީ، ހުވަފެނީ ގޯޅީގައި އަލިފާން ރޯވީ މިއަދު ހެނދުނު 10:57 ހާއިރު ކަމަށާއި، އޭގެ ގާތްގަނޑަކަށް ގަޑިއިރެއް ތެރޭ 11:52 ހާއިރު އަލިފާންގަނޑު ކޮންޓްރޯލުކޮށްފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކުން ފެންނަނީ ހަނި ގޯޅިއެއްގެ ތެރޭ ހުރި އެ ގުދަނުގެ މުޅި އިމާރާތުގައި ވަރަށް ބޮޑަށް ރޯވެފައި އޮތް ތަނެވެ. އަދި ވަރަށް ބޮޑަށް ކަޅު ދުން ވެސް އަރަމުން ދިޔައެވެ.
އަލިފާން ނިއްވުމަށް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ސިފައިން ހަރަކާތްތެރިވިއިރު، މިހާތަނަށް މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، އިތުރު ތަފްސީލު އަދި އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.
މި ހަފުތާއެއްހާ ދުވަހުގެ ތެރޭ އަލިފާނުގެ ހާދިސާތަކެއް ހިނގައިފައިވާއިރު، އެންމެ ނުރައްކާތެރި ހާދިސާ ހިނގީ އދ. ދިގުރަށުގައެވެ. ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭ ކުޑަ ތަންކޮޅެއްގައި ހިނގި އެ ހާދިސާގައި ފަސް މީހުން މަރުވެފައިވާއިރު، ދެ މީހަކަށް އަދިވެސް އަންނަނީ ފަރުވާދެމުންނެވެ.
ހަމައެއާއެކު، ރޭ ހުޅުމާލޭގައި ވެސް އަލިފާނުގެ ހާދިސާއެއް ހިނގައި ގެއެއްގެ ކޮޓަރިއެއް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ.