މިއަދު ސިނަމާތަކުގައި ރިލީޒްކުރި ޑައިރެކްޓަރު އަދިތިޔަ ދާރުގެ ފިލްމު "ދުރަންދަރު 2" އަކީ 1975ވަނަ އަހަރު ރިލީޒްކުރި ތާރީޚީ ފިލްމު "ޝޯލޭ" ކަހަލަ ފިލްމެއް ކަމަށް ބުނެ ޑައިރެކްޓަރު ރާމް ގޯޕާލް ވަރުމާ އެ ފިލްމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފިއެވެ.
އިއްޔެ ބޭއްވި ފިލްމުގެ ޚާއްސަ ޕްރީމިއާ ޝޯ ބެލުމަށްފަހު އެންމެ ފުރަތަމަ ޚިޔާލު ފާޅުކުރި ފަރާތްތަކުގެ ތެރޭގައި މަޝްހޫރު ޑައިރެކްޓަރު ރާމް ގޯޕާލް ވަރްމާ ހިމެނެއެވެ.
އަބަދުވެސް ފާޅުކަން ބޮޑު ގޮތެއްގައި ޚިޔާލު ފާޅުކުރާ ވަރްމާ، މި ފިލްމަށް ތައުރީފު ކުރުމުގައި އެއްވެސް ފަސްޖެހުމެއް ނެތި ސިފަކުރި ގޮތުގައި މި ފިލްމަކީ ސިނަމާގެ ދުނިޔެ ބަދަލުކޮށްލާނެ ފަދަ އާދަޔާޚިލާފު އުފެއްދުމެކެވެ.
"ރޭގައި "ދުރަންދަރު 2" ބެލުމަށްފަހު ބުނެވޭނީ، ފިލްމުގެ ކާމިޔާބީއަށާއި، ބެލުންތެރިންގެ ފޯރިއަށާއި، އިޖުތިމާއީ ނުފޫޒަށާއި، އަދި ސިނަމާގެ އުސޫލުތައް މުގުރާލުމަށް ބަލާއިރު، މިއީ "ޝޯލޭ"އަށް ވުރެ ސަތޭކަ ގުނަ ފުރިހަމަ އުފެއްދުމެއް ކަމަށް" ރާމް ގޯޕާލް ވަރުމާ ބުނެފައިވެއެވެ.
ފިލްމު "ޝޯލޭ" އަކީ މުޅިއެކު 35 މިލިއަން ރުޕީސްގެ ބަޖެޓަކުން އުފެއްދި ފިލްމެކެވެ. ނަމަވެސް ފިލްމަށް ލިބުނު އާމްދަނީގެ އަދަދު 580 މިލިއަން ރުޕީސްއަށް އެރިއިރު އެ ފިލްމުގެ 250 މިލިއަން ޓިކެޓް އޭރު ވިކުނު ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

1975ވަނަ އަހަރު ޑައިރެކްޓަރު ރަމޭޝް ސިއްޕީ އުފެއްދި ފިލްމު "ޝޯލޭ"ގެ ޕޯސްޓަރެއް-- ފޮޓޯ/ހިންދުންސްތާންޓައިމްސް
"މިއީ ސިނަމާގެ އާ ޒަމާނެއްގެ ފެށުން. އަދި މާޒީގައި މި ދާއިރާގައި ހުރި ހުރިހާ ކަމެއް ފޮހެލާނެ ފަދަ އިންގިލާބެއް ގެނެސްދޭނެ ފިލްމެއް. މީގެފަހުން 'ޑައިރެކްޓަރު' މި ލަފުޒުގެ މާނަ ގުޅިފައިވާނީ އަދިތްޔާ ދާރުގެ ނަމާ. ސްޓީވަން ސްޕީލްބާގް އާއި ކްރިސްޓޮފާ ނޯލަން ފަދަ ބޭފުޅުން ވެސް ކުރަން ހުރި ހުރިހާ މަސައްކަތެއް ހުއްޓާލުމަށްފަހު، އެންމެ ފުރަތަމަ މި ފިލްމު ބެލުން ބުއްދިވެރިވާނެ،" ކުޅަދާނަ ފިލްމު ޑައިރެކްޓަރު އިތުރަށް ބުނެފައިވެއެވެ.
ރާމް ގޯޕާލް ވަރްމާގެ މި ޕޯސްޓާއެކު ސޯޝަލް މީޑިއާގައި ފޭނުންގެ ފަރާތުން ބޮޑު ތަރުހީބެއް ފިލްމަށް ލިބެން ފަށާފައިވާއިރު ގިނަ ބަޔަކު ވަނީ ވަރްމާގެ ވާހަކަތަކަށް ތާއީދުކޮށް، ފިލްމާ މެދު އޮތް ޝައުގުވެރިކަން ފާޅުކޮށްފައެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މި ފިލްމަކީ ސިނަމާގެ ވާހަކަ ކިޔައިދިނުމުގެ ވައްޓަފާޅި މުޅިން ބަދަލުކޮށްލާނެ ފިލްމެކެވެ.
އަދިތްޔާ ދާރު ޑައިރެކްޓްކޮށްފައިވާ "ދުރަންދަރު 2" މިއަދު ރިލީޒްކޮށްފައި ވަނީ ހިންދީ ބަހުގެ އިތުރުން ދެކުނު އިންޑިއާގައި އާއްމުކޮށް ވާހަކަދައްކައި އުޅޭ ބަހުރުވަތައް ވެސް ހިމެނޭހެނެވެ.
އިއްޔެ ފިލްމުގެ ޕްރިވިއު ޝޯތައް ބޭއްވިއިރު، ޕެއިޑް ޕްރީމިއާ ޝޯތައް ވެސް އިންޑިއާގެ އެކި ސިޓީތަކުގެ ތިއޭޓަރުތަކުގައި ވަނީ ބާއްވާފައެވެ. މި ފިލްމުގެ ތަރިންގެ ތެރޭގައި ރަންވީރު ސިންގް، އަރުޖުން ރާމްޕާލް، އާރް، މާދަވަން، ސާރާ އަރުޖުން އަދި ސަންޖޭ ދަތު ހިމެނެއެވެ.