ކުނީގެ ޚިދުމަތްދޭ ސަރުކާރު ކުންފުނި ވެމްކޯގެ މަސައްކަތު މާހައުލުގައި ނުރައްކާތެރި ހާދިސާތައް ހިނގައި، މުވައްޒަފުންގެ ހާލަތާ މެދު ކަންބޮޑުވުންތައް އުފެދިފައިވާތީ، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ތަހުގީގު ފަށައި، އެ ތަހުގީގަށް ބޭނުންވާ މައުލޫމާތު އެ ކޮމިޝަނާ ހިއްސާކުރުމަށް ހުޅުވާލައިފިއެވެ.
މިދިޔަ ފެބްރުވަރީ މަހުގެ ފަހުކޮޅު، ވެމްކޯގެ ތަހުގީގެއް ހިންގާނެކަން އެޗްއާރުސީއެމުން ހާމަކުރީ މިއަހަރުގެ އެ މުއްދަތުގައި ވެމްކޯގެ ސައިޓުތަކުގައި ނުރައްކާތެރި ދެ ހާދިސާއެއް ހިނގި ފަހުންނެވެ.
މިއަދު އެޗްއާރުސީއެމުން ނެރުނު އިއުލާނެއްގައި ބުނީ، ކުނި އުކާލުމާއި ނެގުމުގެ މަސައްކަތްކުރާ ވެމްކޯގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ކަންބޮޑުވުންތަކުގެ ތަހުގީގެއް ފަށައިފައިވާ ކަމަށެވެ.
މި ތަހުގީގުގައި، ވެމްކޯގެ ކުރީގެ މުވައްޒަފުންނަށާއި މިހާރުގެ މުވައްޒަފުންނާއި، މަސައްކަތްތެރިންގެ ޖަމިއްޔާތަކާއި އެ ޖަމިއްޔާތަކުގެ މަންދޫބުން އަދި ކަމާ ގުޅުންހުރި ފަރާތްތަކާއި އާންމުންނަށް ވެސް އެޗްއާރުސީއެމަށް މައުލޫމާތުދިނުމަށް ވަނީ ހުޅުވާލައިފައެވެ.
އެޗްއާރުސީއެމުން ބުނީ، މި ތަހުގީގަށް ބޭނުންވާ މައުލޫމާތު އެ ކޮމިޝަނުގެ އީމެއިލް، ނުވަތަ، އެ ކޮމިޝަނުގެ ފޯނު ނަންބަރު 3003121 އަށް ގުޅައި، ނުވަތަ އެ ކޮމިޝަނުގެ އޮފީހަށް (މ. ޗަނބޭލީވިލާ، 12ވަނަ ފަންގިފިލާ، މަޖީދީމަގު) އައިސް ދެވޭނެ ކަމަށެވެ.
ކޮމިޝަނުން ވަނީ، މިމަހުގެ 26ވަނަ ދުވަހުގެ މެންދުރު 12 ޖެހުމުގެ ނިޔަލަށް މައުލޫމާތު ދިނުމަށް ހުޅުވާލައިފައެވެ.
ފުލުހުން ވަނީ، މިދިޔަ ފެބްރުވަރީ މަހުގެ 22 ވަނަ ދުވަހު، މާލޭގައި ހުންނަ ވެމްކޯ ސައިޓެއް ތެރޭގައި ހިނގި ހާދިސާއެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއްވެފައިވާ މައްސަލަ، އިއްޔެ ހަވީރުގެ ވަގުތެއްގައި ރިޕޯޓުކޮށްފައިވާ ކަމަށް ބުނެފައެވެ.
މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ ސޯޝަލް މީޑިއާގައި މީހަކު ފޮޓޮއާއެކު ހިއްސާކުރި ޕޯސްޓަކުންނެވެ. އެ ޕޯސްޓުގައި އޭނާ ބުނި ގޮތުގައި، ވެމްކޯގެ ރޭމްޕް މަތިން ކޮންޓެއިނަރަކަށް މީހަކު ވަނީ ވެއްޓިފައެވެ. އެ ރޭމްޕު މަތިން ކޮންޓެއިނަރާ ހަމައަށް 12 ނުވަތަ 13 ފޫޓުގެ އުސްމިނެއް ހުންނާނެ ކަމަށް އޭނާ ބުނެފައިވެއެވެ.
މީގެ ކުރިން، މިދިޔަ ޖަނަވަރީ މަހު ތިލަފުށީ ވެމްކޯ ސައިޓުން ގެއްލިގެން ހޯދަމުން ދިޔަތާ ދެ ދުވަސް ފަހުން، މަރުވެފައި އޮއްވައި އުމުރުން 24 އަހަރުގެ ބިދޭސީއެއް ވަނީ ފެނިފައެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ މަރުވުމަށް މެދުވެރިވެފައިވަނީ ޖެނުއަރީ 26ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތްކުރަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓިގެންނެވެ. އަދި އެކްސްކެވޭޓަރުން ކުނިތައް އެ ތަނުގެ ކައިރިން އެހެން ދިމާލަކަށް ބަދަލުކުރުމުގެ ތެރޭގައި އެ މީހާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކުރެވި މީހާގެ ގައިމައްޗަށް ކުނިތަކެއް އެޅުނު ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ އެކްސްކެވޭޓަރު ދުއްވަން އިން، ސްރީލަންކާގެ މީހާ ހައްޔަރުކޮށްފައެވެ.
ގަސްދަކާ ނުލައި މީހަކު މެރިކަމުގެ ތުހުމަތުގައި އެ މީހާ ހައްޔަރުކޮށް، އަދިވެސް ހުރީ ބަންދުގައެވެ.