ސެމްސަންގުން ދެވަނަ ޖީލުގެ "ޓްރައިފޯލްޑް" އަކާއި ކަހާލެވޭ ފޯނެއް އުފައްދަނީ

ސެމްސަންގުން މިހާރު ޓެސްޓު ކުރަމުންދަނީ ކުރީގެ މޮޑެލްއަށްވުރެ ލުއި، ނަމަވެސް ތަންކޮޅެއް ބޯ އައު މޮޑެލެއް ---

ސެމްސަންގް ކުންފުނިން، ދެވަނަ ޖީލުގެ "ގެލެކްސީ ޒެޑް ޓްރައިފޯލްޑް" (ތިން ފަށަށް ފަތްޖެހޭ ފޯނެއް) އަދި ކަހާލެވޭ ފޯނެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ޚަބަރު މަޝްހޫރު ޓެކް ނޫސްތަކުން ފަތުރަމުން ދާއިރު، ސެމްސަންގުން ފުރަތަމަ ނެރުނު ޓްރައިފޯލްޑް ފޯނު ބާޒާރަށް ނެރުނުތާ މަދު މަސްކޮޅެއްގެ ތެރޭގައި އުފެއްދުން ހުއްޓާލި ނަމަވެސް، ސެމްސަންގުން ފަތްޖެހޭ ފޯނުތައް އުފެއްދުމުގެ ޚިޔާލު ދޫކޮށްލާފައި ނުވާކަން މި ޚަބަރުން އެނގެއެވެ.

ރިޕޯޓުތައް ބުނާގޮތުން ސެމްސަންގުން މިހާރު ޓެސްޓު ކުރަމުންދަނީ ކުރީގެ މޮޑެލްއަށްވުރެ ލުއި، ނަމަވެސް ތަންކޮޅެއް ބޯ އައު މޮޑެލްއެކެވެ. މީގެ ބޭނުމަކީ ފޯނު އިތުރަށް ވަރުގަދަކޮށް، ގިނަ ދުވަހު ހަލާކުނުވެ ހިފަހައްޓާނެ ފޯނެއް އުފެއްދުމެވެ.

މި ފޯނުގެ އެތެރޭގެ ޓެސްޓުތައް ކާމިޔާބުވެއްޖެނަމަ، 2027 ވަނަ އަހަރުގެ މެދުތެރޭގައި މި ފޯނު ބާޒާރަށް ނެރުން އެކަށީގެންވެއެވެ.

ފުރަތަމަ ޓްރައިފޯލްޑް ފޯނު އެމެރިކާ އަދި ކޮރެއާގެ ބާޒާރަށް ނެރުމަށްފަހު އުފެއްދުން ހުއްޓާލަން ޖެހުނީ، ތިން ފަށަށް ފަތްޖެހޭ ގޮތަށް ފޯނު ފަރުމާކުރުމުގައި ހުރި އިންޖިނިއަރިންގެ އުނދަގޫތަކާއި، އުފެއްދުމަށް ދާ ޚަރަދު ބޮޑުވުމުގެ ސަބަބުންނެވެ. އެހެންކަމުން ދެވަނަ ޖީލުގެ ފޯނު ތަންކޮޅެއް ބޯކޮށް ފަރުމާކުރުމުގެ ބޭނުމަކީ ފޯނުގެ ހިންޖް (ފަތްޖެހޭ ތަން) އިތުރަށް ވަރުގަދަކުރުން ކަމަށް ބެލެވެއެވެ.

ޓްރައިފޯލްޑްގެ އިތުރުން، ސެމްސަންގުން ދަނީ 6.7 އިންޗިއަށް ސްކްރީން ބޮޑުކޮށްލެވޭ "ސްލައިޑަބަލް" (ކަހާލެވޭ) ފޯނެއްވެސް ޓެސްޓު ކުރަމުންކަމަށް މި ލީކުގައި ބުނެފައިވެއެވެ.

މިއީ އޮޓޮމެޓިކް މޯޓަރުގެ ބަދަލުގައި އަތުން ނުވަތަ އެހެން ކޮންމެވެސް ގޮތަކުން ސްލައިޑް ކުރެވޭ ގޮތަށް ފަރުމާކުރަމުންދާ ފޯނެކެވެ.

ސެމްސަންގުން ވަނީ 2026 ވަނަ އަހަރުގެ އެމް.ޑަބްލިއު.ސީ އިވެންޓުގައިވެސް ސްލައިޑް ކުރެވޭ ފޯނެއްގެ ނަމޫނާއެއް ދައްކާލާފައެވެ.

މި ލީކުވި މައުލޫމާތުތަކާ ގުޅޭގޮތުން ސެމްސަންގުން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައި ނުވި ނަމަވެސް، މިއިން ދައްކައިދެނީ ތަފާތު އައު ޑިޒައިންތަކުގެ ސްމާޓްފޯނުތައް އުފެއްދުމަށް ދުނިޔޭގެ އެންމެ ބޮޑު ސްމާޓްފޯނު ކުންފުނިން އަދިވެސް ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކަމެވެ.

comment ކޮމެންޓް