ރާއްޖޭގެ ދެކުނަށް އޮންނަ ޗާގޯސްގެ ޑިއޭގޯ ގާސިއާގައި އެމެރިކާއިން ހިންގާ އަސްކަރީ މަރުކަޒަށް ހަމަލާ ނުދޭ ކަމަށް އީރާނުން ބުނެފިއެވެ.
އީރާނުގެ އިސް އޮފިޝަލަކާ ހަވާލަދީ އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިންޑިއާ ކަނޑުގެ ޑިއޭގޯ ގާސިއާ އަސްކަރީ މަރުކަޒަށް މިސައިލް ހަމަލާތައް ދިނުމުގެ ޒިންމާ އީރާނުން ނުނަގާ ކަމަށާއި އޭގެ ފަހަތުގައި އޮތީ އީރާނެއް ނޫނެވެ.
އީރާނުން އެގޮތަށް ބުނެފައި ވަނީ، އިންޓަމީޑިއަޓް ރޭންޖުގެ ދެ ބެލިސްޓިކް މިސައިލް ޑިއޭގޯ ގާސީއާގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އަމާޒުކުރި ކަމަށް ވޯލް ސްޓްރީޓް ޖާނަލާއި އިނގިރޭސި ބައެއް ނޫސްތަކުން ރިޕޯޓުކުރި ފަހުންނެވެ.
އެކަމާ ގުޅިގެން އެމެރިކާއިން އެއްވެސް ވާހަކައެއް ދައްކާފައެއްނުވެއެވެ.
ވޯލް ސްޓްރީޓް ޖާނަލްއިން އެ ހަމަލާ ދިން ކަމަށް ބުނި ނަމަވެސް އެއީ ކޮން ދުވަހަކު ދިން ހަމަލާއެއްކަމެއް ނުބުނެއެވެ.
އެ ރިޕޯޓަށްފަހު، އީރާނުގެ މެހްރު ނިއުސް އެޖެންސީން ވެސް ވަނީ ހަމަލާދިން ކަމަށް ބުނެފައެވެ. އަދި ދުޝްމަނުން ހީކުރާ ވަރަށްވުރެ މާ ދުރަށް އީރާންގެ މިސައިލްތައް ފޯރާނެކަން ޑިއޭގޯގާސިއާއަށް އަމާޒުކުރި ހަމަލާއިން އަންގައިދޭ ކަމަށް އެ ނޫހުން ބުނެފައިވެއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣުޗީ މިދިޔަ މަހު ވަނީ އެ ގައުމުގެ މިސައިލްތަކަށް 2000 ކިލޯމީޓަރުގެ ރާސްތާއަކަށް ދަތުރުކުރެވޭނެ ކަމަށް ބުނެފައެވެ. ޑިއޭގާ ގާސިއާ އޮންނަ ޗާގޯސް އައިލެންޑްސްއަކީ އީރާނާ ގާތްގަނޑަކަށް 4،000 ކިލޯމީޓަރު ދުރުގައި އޮންނަ ތަނެކެވެ.
ޗާގޯސް އޮންނަނީ އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި ކަމަށްވާއިރު، ޑިއޭގޯ ގާސިއާ އޮންނަނީ އެމެރިކާގެ އަސްކަރީ ބޭނުމަށް ކުއްޔަށް ދީފައެވެ. އަދި އީރާން ހަނގުރާމައަށް ޑިއޭގޯ ގާސީއާ ބޭނުންކުރަން ހުއްދަ ދޭން އިނގިރޭސިވިލާތުން ފުރަތަމަ ދެކޮޅު ހެދި ނަމަވެސް ފަހުން އެ ގައުމުން ވަނީ 'ދިފާއީ އޮޕަރޭޝަންތަކަށް' ބޭނުންކުރަން ހުއްދަ ދީފައެވެ.
ޗާގޯސްގެ މިލްކުވެރިކަމާ ގުޅޭ ގޮތުން ޚިޔާލު ތަފާތުވުން ވަނީ އުފެދިފައެވެ. އެގޮތުން ޗާގޯސްއަށް އިނގިރޭސިވިލާތުން ވެރިވީ 1800ގެ އަހަރުތަކުގައި ކަމަށްވާއިރު، މޮރިޝަސްއިން އެ ރަށްތައް ހޯދަން މަސައްކަތްކުރާތާ އަހަރުތަކެއް ވަނީ ވެފައެވެ.
އިނގިރޭސިވިލާތުން މިދިޔަ އަހަރު މެއި މަހު ވަނީ އެއްބަސްވުމެއް ގާއިމުކޮށް ޗާގޯސްގެ ރަށްތަކުގެ އިސްތިގުލާލު މޮރިޝަސްއަށް ދޭން ނިންމައިފައެވެ. ނަމަވެސް އެ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު، ޑިއޭގޯ ގާސިއާ މިހާރު ވެސް ބޭނުންކުރަމުން އަންނަ ގޮތަށް އެމެރިކާ އާއި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރުމުގެ ހުރިހާ ބާރެއް 99 އަހަރަށް އިނގިރޭސި ވިލާތަށް އޮންނާނެއެވެ.
ރާއްޖޭން ވެސް އަންނަނީ، ޗާގޯސްގެ މިލްކުވެރިކަމަށް ދައުވާކުރަމުންނެވެ. އެގޮތުން ޗާގޯސް އެންމެ ހައްގުވަނީ ރާއްޖެއަށް ކަމަށް މި ސަރުކާރުން ވަކާލާތުކުރެއެވެ.