ނިއު ޔޯކަށް ޖައްސަން ދިޔަ ކެނެޑާ ބޯޓެއް އެކްސިންޓްވެ، ދެ ޕައިލެޓުން މަރުވެއްޖެ

ނިއު ޔޯކަށް ޖައްސަން ދިޔަ ކެނެޑާގެ ބޯޓު އެކްސިޑެންޓްވެފައި: އޭގައި ތިބި ދެ ޕައިލެޓުން ވަނީ މަރުވެފައި -- ފޮޓޯ/ ރޮއިޓާސް

ނިއު ޔޯކު ސިޓީގެ ލަގާޑިއާ އެއާޕޯޓުގައި ހިނގި މި ހިތާމަވެރި ހާދިސާއަކީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމާމެދު ބޮޑެތި ސުވާލުތަކެއް އުފެދުނު ކަމެކެވެ. އެއާ ކެނެޑާގެ ސީއާރްޖޭ-900 މަރުކާގެ މަތިންދާ ބޯޓު ރަންވޭއަށް ޖެއްސުމުގެ ތެރޭގައި އަލިފާން ނިއްވާ އުޅަނދެއްގައި ޖެހި ހިނގި މި ހާދިސާގައި ބޯޓުގެ ދެ ޕައިލެޓުން ވަނީ ނިޔާވެފައެވެ. މި ހާދިސާގައި ޖުމްލަ 41 މީހަކަށް އަނިޔާވެފައިވާއިރު، މީގެ ތެރެއިން ބައެއް ފަރާތްތަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަން ކަމާބެހޭ ފަރާތްތަކުން ކަށަވަރުކޮށްދެއެވެ. މިއީ މުޅި ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ލިބުނު ފުން ހިތާމައެކެވެ.

  • އެއާ ކެނެޑާގެ މަތިންދާ ބޯޓެއް ލަގާޑިއާ އެއާޕޯޓަށް ޖެއްސުމުގެ ތެރޭގައި އެއާޕޯޓުގެ ވެހިކަލެއްގައި ޖެހި އެކްސިޑެންޓުވެއްޖެ
  • މި ހާދިސާގައި ބޯޓުގެ ދެ ޕައިލެޓުން ނިޔާވެ، 41 ފަސިންޖަރަކަށް އެކިވަރުގެ އަނިޔާތައް ލިބުނު
  • ހާދިސާ ހިނގި ވަގުތު ބޯޓުގައި 72 ފަސިންޖަރުންނާއި 4 ކްރޫ މެންބަރުން ތިބި
  • ނޭޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑުން މިހާރު ދަނީ ހާދިސާގެ ފުރިހަމަ ތަހުގީގެއް ކުރަމުން

ނިއު ޔޯކު ސިޓީގެ ލަގާޑިއާ އެއާޕޯޓަށް ޖައްސަން ދިޔަ އެއާ ކެންޑާ ބޯޓެއް، އަލިފާން ނިއްވާ އުޅަނދެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި ބޯޓުގައި ތިބި ދެ ޕައިލެޓުން މަރުވެއްޖެއެވެ.

އެ ހާދިސާގައި ޒަޚަމްވި 41 މީހުން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ޕޯޓް އޮތޯރިޓީގެ ވެރިޔާ ކެތުރިން ގާސިއާ ވިދާޅުވިއެވެ. އޭގެ ތެރެއިން 32 މީހަކު ފަހުން ދޫކޮށްލި ނަމަވެސް ބާކީތިބި މީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ.

ހާދިސާ ހިނގި ވަގުތު ބޯޓުގައި 72 ފަސިންޖަރުންނާއި ހަތަރު ކްރޫ މެންބަރުން ތިއްބެވެ.

ފްލައިޓް ޓްރެކިން ވެބްސައިޓް "ފްލައިޓްރާޑާ 24" އިން ބުނި ގޮތުގައި ސީއާރްޖޭ-900 މަރުކާގެ އެ މަތިންދާ ބޯޓު އެ ވެހިކަލްގައި ޖެހިފައި ވަނީ 24 މޭލު (ގަޑިއަކު 39 ކިލޯމީޓަރު) ގެ ބާރު މިނުގައެވެ.

މަންޒަރު ދުށް މީހަކު ބުނި ގޮތުގައި އެމީހުން ތިބީ ހާދިސާ ހިނގިތަނާ ގާތްގަޑަކަށް 100 މީޓަރު ދުރުގައެވެ. އަދި އެ ވަގުތު ހީވީ ބޯޓު ދެ ފަޅިވެގެން ދިޔަހެން ކަމަށް އެމީހުން ސިފަކޮށްދިނެވެ.

އެއީ ވަރަށް ހިތާމަވެރި އެކްސިޑެންޓެއް ކަމަށާއި ނޭޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑުން ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ނިއު ޔޯކް ސިޓީގެ މޭޔަރު ޒޮހްރާން މަމްދާނީ ވިދާޅުވިއެވެ.

ހާދިސާއާ ގުޅިގެން އެއާޕޯޓު ބަންދުކުރުމަށްފަހު މިހާރު ވަނީ އަލުން ހުޅުވާފައެވެ.

comment ކޮމެންޓް