އަދުގެ ހާލަތަށް ބަލާއިރު، ރާއްޖޭގައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުން ރަނގަޅެއްނޫން، ފައިދާވާނީ ވެރިންނަށް: ޑރ. ޙަސަން ޙަމީދު

ޑރ. ޙަސަން ޙަމީދު: ވިދާޅުވީ މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުން ރަނގަޅުނޫން ކަމަށް ---

ރައްޔިތުންގެ މައި ދެ އިންތިޚާބު ކަމުގައިވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ އެންމެ އެކަށީގެންވާ ގޮތެއް ނޫން ކަމަށް ޤައުމީ ޔުނިވާސިޓީގެ ކުރީގެ ވައިސް ޗާންސެލަރު ޑރ. ޙަސަން ޙަމީދު ފާހަގަކުރައްވައެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، މިފަދަ ބަދަލަކުން ޚަރަދު ކުޑަވުން ފިޔަވައި އެހެން އެއްވެސް ފައިދާއެއް ނެތް އިރު، އޭގެ ސަބަބުން ޑިމޮކްރަސީގެ ހަމަތަކަށް ހުރަސް އެޅި، ވެރިކަމުގައި ތިބޭ ފަރާތްތަކަށް ނާޖާއިޒު ފައިދާ ލިބިގެންދާނެއެވެ. އިންތިޚާބުތަކަކީ ރައްޔިތުންގެ ބާރުވެރިކަން ދަމަހައްޓައި، ވެރިން ޖަވާބުދާރީ ކުރުވުމަށް އޮތް އެންމެ މުހިންމު ވަސީލަތް ކަމަށް ވާތީ، އެ ފުރުސަތުތައް މަދުކުރުމަކީ ޑިމޮކްރަސީގެ ރޫހާ ޚިލާފު ކަމެއްގެ ގޮތުގައި އޭނާ ސިފަކުރައްވައެވެ.

  • މައި ދެ އިންތިޚާބު އެއްކޮށްލުމުން ޚަރަދު ކުޑަވި ނަމަވެސް ޑިމޮކްރަސީގެ ރޫހު ގެއްލޭ
  • އިންތިޚާބުތައް ގިނަވުމަކީ ރައްޔިތުންގެ ބައިވެރިވުން އިތުރުވެ ވެރިން ޖަވާބުދާރީ ކުރުވުމަށް ލިބޭ ފުރުސަތެއް
  • އެއް ދުވަހެއްގައި އިންތިޚާބު ބޭއްވުމުން އަބަދުވެސް ފައިދާ ކުރާނީ ވެރިކަމުގައި ތިބޭ ފަރާތްތަކަށް
  • ގައުމީ ފެންވަރުގެ ކަންކަމާއި ސަރަހައްދީ ފެންވަރުގެ ކަންކަމަށް ދޭ ސަމާލުކަން ކުޑަވެގެންދާނެ

މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ، އަދުގެ ހާލަތަށް ބަލައި އެންމެ ފައިދާހުރި ގޮތް ނޫން ކަމަށް، ގައުމީ ޔުނިވާސިޓީގެ ކުރީގެ ވައިސް ޗާންސެލަރު ޑރ. ޙަސަން ޙަމީދު ވިދާޅުވެއްޖެއެވެ.

އިލްމީ ގިނަ ލިޔުންތަކެއް ލިޔުއްވާފައިވާ ޑރ. ޙަސަން ޙަމީދު އަމިއްލަ ބްލޮގުގައި ވިދާޅުވީ، މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ އެންމެ ފައިދާހުރި ގޮތް ކަމަށް ބުނާ ފަރާތްތަކުން، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ސަބަބުން ޚަރަދު ކުޑަވުން އެއް ފަހަރު މަދުވުން ނޫން ފައިދާއެއް ބަޔާންނުކުރާ ކަމަށެވެ.

ޑރ. ޙަސަން ފާހަގަކުރެއްވި ގޮތުގައި، މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ސަބަބުން ވަކި ބަޔަކަށް ފައިދާކުރާނެއެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުން އިންތިޚާބުން ހޮވެނީ އަމިއްލަ، ނުވަތަ އެހެން ފަރާތްތަކުން ބޮޑެތި ޚަރަދުތައް ކޮށް ކެމްޕެއިން ކޮށްގެންކަން ޙަސަން ފާހަގަކުރެއްވިއެވެ.

އެއާއެކު، ކެމްޕެއިންގެ ތެރެއިން ބައެއް އާންމުންގެ ވޯޓު ގަތުމަށް ފައިސާ ދޭ ކަން ވެސް ފާހަގަކުރެއްވިއެވެ.

"މިހާރު އޮންނަ ގޮތުން، ފަސް އަހަރެއްގެ ތެރޭގައި، އާންމުންނަށް ދެ ފަހަރު ވޯޓު ހޯދުމަށް ފައިސާ ޚަރަދުކުރަން ޖެހެއެވެ. މި ބަދަލު ގެނައުމުން، ވޯޓުލާ މީހުންނަށް ފައިސާ ޚަރަދު ކުރަން ޖެހޭނީ އެންމެ ފަހަރަކުއެވެ،" ޙަސަން ވިދާޅުވިއެވެ.

ޙަސަން ވިދާޅުވީ، މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވާ ގޮތަށް ހެދުމުން، ކެމްޕެއިންކުރަން އުޅުމުގެ ބަދަލުގައި، ރައީސުލްޖުމްހޫރިއްޔާއަށާއި މަޖިލީހުގެ މެންބަރުން، އެ ފަރާތްތަކުގެ މަގާމުތައް އަދާކުރުމަށް ވަގުތު ލިބޭ ކަމަށެވެ. ހަމަ އެއާއެކު، އެއް ދުވަހެއްގައި ދެ އިންތިޚާބު ބޭއްވުމުގެ ސަބަބުން އިދާރީގޮތުން ސަރުކާރަށް ފަސޭހަވާނެ ކަމަށް، ޙަސަން ވިދާޅުވިއެވެ.

"[އެކަމަކު] ސިޔާސީންނާއި ޚަރަދުކުރާ ފަރާތްތަކުގެ މޯހިރުން އުޅޭ ފަރާތްތަކަށް، އިންތިޚާބުތައް މަދުވުމަކީ ފައިދާ ހުރި ކަމެއް ނޫނެވެ."

ދުވާލަކު ފެންތަށްޓެއް ބޯ މިންވަރުން މިސާލު ނަންގަވައި ޙަސަން ވަނީ، 20 އަހަރުން އެއް ފަހަރު އިންތިޚާބު ބާއްވައިފިނަމަ ކިހިނެއް ވާނެތޯ ސުވާލު އުފައްދަވައިފައެވެ.

އެގޮތަށް ބަދަލު ގެނެސްފިނަމަ، ގިނަ މީހުން ބުނާނީ އެއީ ޑިމޮކްރަސީއާ ދުރު، ރައްޔިތުންގެ ބާރެއް ނެތް ކަމެއްގެ ގޮތުގައި ކަމަށާއި، ސަރުކާރާއި މަޖިލީހާ ރައްޔިތުން ދުރުވެ، ޚުދުމުޚްތާރު ވެރިކަމަކަށް ގައުމު އެނބުރޭނެ ކަމަށް، ގިނަ ރައްޔިތުން ބުނާނެ ކަމަށް، ޙަސަން ވިދާޅުވިއެވެ.

"ރައްޔިތުން ބާރުވެރިކުރަން 10 އަހަރުން އެއް ފަހަރު އިންތިޚާބު ބޭއްވުން ކިހިނެއް ވާނެތޯއެވެ؟ އެއީ 20 އަހަރަށް ވުރެ ރަނގަޅު ކަމެއް ކަމަށް ފެންނަ ނަމަ، ފަސް އަހަރުން އެއް އަހަރު އިންތިޚާބު ބޭއްވުން މާ ރަނގަޅު ވާނެއެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބު އޮންނަނީ ހަތަރު އަހަރުން އެއް އަހަރެވެ. އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް (މެންބަރުން)ގެ އިންތިޚާބު ކޮންމެ ދެ އަހަރުން އެއް އަހަރު އޮވެއެވެ،" ޙަސަން ވިދާޅުވިއެވެ.

އެ ވިސްނުމުން ބަލާއިރު، ގިނައިން އިންތިޚާބު ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް، ޙަސަން ވިދާޅުވިއެވެ.

ޙަސަން ވިދާޅުވީ، ޑިމޮކްރަސީއަކީ ރައްޔިތުން ހިންގާ ވެރިކަމެއްނަމަ، ރައްޔިތުންގެ ބައިވެރިވުން ގިނަވި ވަރަކަށް ވެރިކަމުގައި ޑިމޮކްރަސީގެ ސިފަ އިތުރުވާނެ ކަމަށެވެ. އެހެންކަމުން، ރައްޔިތުން ވެރިކަމާ މެދު ގޮތް ނިންމަންޖެހޭ ފަހަރު ގިނަވި ވަރަކަށް ޑިމޮކްރަސީގެ ސިފަ ފުރިހަމަވަމުން ދާނެ ކަމަށް، ޙަސަން ޤަބޫލުކުރައްވައެވެ.

"ދުނިޔޭގެ މިހާރު ހިނގަމުންދާ އެއް އޮޔަކީ އިންތިޚާބުތައް އިތުރުކުރުމެވެ. ރެފަރެންޑަމްތައް ގިނަ ކުރުމެވެ. މިކަމުގައި އެތައް މަންފާތަކެއް ވެއެވެ،" ޙަސަން ވިދާޅުވިއެވެ.

ޙަސަން ވިދާޅުވީ، އިންތިޚާބުތަކާއި ރެފަރެންޑަމްތައް ގިނަވުމުން، ރައްޔިތުންނަށް ގޮތް ނިންމުމަށް ލިބޭ ފުރުސަތުތައް އިތުރުވެ، ގާނޫނު ހަދާ ފަރާތްތަކާއި ރައްޔިތުންނާ ދެމެދު އޮންނަ ހުރަސް ކުޑަވާ ކަމަށް، ގިނަ ބަޔަކު ގަބޫލުކުރާ ކަމަށެވެ.

ރައްޔިތުން ގާނޫނުހަދާ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމަށްފަހު، ރައްޔިތުންނަށް މެންބަރުން ޖަވާބުދާރީކުރެވޭނެ އެއްވެސް ގޮތެއް ނެތްކަން، ޙަސަން ފާހަގަކުރެއްވިއެވެ.

"ރާއްޖޭގައި، ފަސް އަހަރެއްގެ ތެރޭގައި ދެ ފަހަރު އިންތިޚާބު އޮތުމުން، މެންބަރުން ވެސް، އަދި ރައީސަކު ވެސް ދެ ފަހަރު ރައްޔިތުންގެ ކުރިމައްޗަށް ނުސީދާ ގޮތެއްގައި ނުކުންނަން މަޖުބޫރުވެއެވެ. ރިޔާސީ އިންތިޚާބަކުން ހޮވުނު ރައީސަކަށް، މަޖިލިސްގެ މެންބަރުންގެ އަޣުލަބިއްޔަތު ގިނަ ފަހަރު އޮވެއެވެ." ޙަސަން ވިދާޅުވިއެވެ.

ކަން މިހެން އޮތުމާއެކު، ރިޔާސީ ދައުރެއްގައި ރައްޔިތުންގެ މަޖިލިސްގެ އަޣުލަބިއްޔަތު ގެއްލިއްޖެނަމަ، އެކަން ވަނީ ސަރުކާރު އިދާރީ ގޮތުން ހިންގާ ގޮތް ކަމުނުދާކަމުގެ އަލާމާތާކަށް ކަމަށް، ޙަސަން ވިދާޅުވިއެވެ. މެންބަރުންގެ ދައުރެއްގައި ރިޔާސީ އިންތިޚާބަކުން ރިޔާސީ ކެންޑިޑޭޓަކު ބަލިވުމަކީވެސް އެފަދަ އިންތިޚާބީ މަޤާމުތަކުގައި ތިބޭ މީހުން ޒިންމާކުރުވޭނޭ ކަމެއް ކަމަށް، ޙަސަން ވިދާޅުވިއެވެ.

ޙަސަން ދެން ފާހަގަކުރެއްވި ނުކުތާއަކީ ރިޔާސީ އިންތިޚާބެއްގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް ހޮވޭ ކެނޑިޑޭޓަކަށް 50 ޕަސެންޓަށްވުރެ ގިނަ ވޯޓު ބޭނުންވާއިރު، މަޖިލީހުގެ މެންބަރު ކަމަށް އިންތިޚާބުވާ ކެނޑިޑޭޓަކަށް އިންތިޚާބުގައި އެންމެ ގިނަ ވޯޓު ބޭނުންވުމެވެ. މިހާރު އޮތް ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް ހޮވުނު އެއް މެންބަރަކަށް، 2024ވަނަ އަހަރުގެ މަޖިލީހުގެ އިންތިޚާބުގައި 15 ޕަސެންޓު ލިބިފައިވާ ކަމަށް، ޙަސަން ވިދާޅުވިއެވެ.

"މިހެން މިކަން އޮތުމާއެކު، ކެމްޕެއިންތަކުގައި ބޭނުންކުރާ މެސެޖުތަކާއި މީހާ ހޮވާ މިންގަނޑު ތަފާތުވާން ޖެހޭތީ، ދެ އިންތިޚާބު އެއްކޮށްލުމަކީ އެދެވޭ ކަމަކަށް ނުވާނެއެވެ." ޙަސަން ވިދާޅުވިއެވެ.

މީގެ އިތުރުން ޙަސަން ވިދާޅުވީ، ރިޔާސީ އިންތިޚާބަކީ ގައުމީ ފެންވަރުގެ މައްސަލަތަކަށް ސަމާލުކަން ދެވޭ އިންތިޚާބެއް ކަމަށްވާއިރު، މެންބަރު ކަމާއި ކައުންސިލްގެ އިންތިޚާބުތަކަކީ އަތޮޅު ފެންވަރުގެ ކަންކަމަށް ސަމާލުކަން ދެވޭ އިންތިޚާބުތައް ކަމަށެވެ.

"މި ދެ ބާވަތުގެ އިންތިޚާބު އެއްކޮށްލުމުން ސަރަޙައްދީ ފެންވަރުގެ މައްސަލަތަކާއި ހައްލުތަކުގެ ވާހަކަތަކުން ގައުމީ ފެންވަރުގެ މައްސަލަތަކާއި ހައްލުތަކަށް ހިޔަނި އެޅި، ގައުމީ ކަންކަމަށް ދޭންޖެހޭ އިސްކަމުގައި ކޭތަ ހިފާނެއެވެ،" ޙަސަން ވިދާޅުވިއެވެ.

ރާއްޖޭގައި މިވަގުތު އޮތް ޑިމޮކްރަސީގެ ސަގާފަތާ އަޅާ ބަލާއިރު، ދެ އިންތިޚާބު އެއްކޮށްލުމަކީ ޑިމޮކްރަސީގެ ރޫހާ ގުޅޭކަމެއް ނޫން ކަމަށް ވިދާޅުވެ، ޙަސަން ވިދާޅުވީ، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން އަބަދުވެސް ފައިދާކުރާނީ ވެރިކަމުގައި ތިބޭ ފަރާތްތަކަށް ކަމަށެވެ.

ޙަސަން ވިދާޅުވީ، އަވައްޓެރި އިންޑިއާގައި ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ބެހޭގޮތުން އުފެއްދި އެ ގައުމުގެ ކޮމިޓީން ނިންމި އެއް ނިންމުމަކީ، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ވެރިކަމުގައި ތިބޭ ފަރާތްތަކަށް އަބަދުވެސް ފައިދާވާނެ ކަމަށެވެ.

"މިހެން ނިންމިއިރު، ރާއްޖޭގައި ނޯންނަ، އަޚުލާޤީ މިންގަނޑެއް އިންޑިއާގައި އޮވެއެވެ. އެއީ، އިންތިޚާބަށް އިޢުލާނު ކުރުމަށް ފަހު، އެއްވެސް އައު ޕްރޮޖެކްޓެއް، މަޝްރޫޢުއެއް ވެރިކަމުގައި ތިބި ފަރާތުން އިޢުލާނުކޮށްގެން ނުވާނެ ކަމެވެ. ސިޔާސީ މަޤާމުތައް ނުއުފުއްދޭނެ ކަމެވެ." ޙަސަން ވިދާޅުވިއެވެ.

comment ކޮމެންޓް