އިސްލާމީ މަޒުހަބުތަކުގެ އަގީދާތަކާ ގުޅޭ ކަންކަމުގައި، އެކަމުގެ އިލްމު ލިބިގެންވާ ޢިލްމުވެރިން ނޫނީ ވާހަކަ ނުކެއްކުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ނަސޭހަތްތެރިވެވަޑައިގެންފިއެވެ.
ޝަހީމް އެފަދައިން ވިދާޅުވީ، އީރާނުގައި މިހާރު ކުރަމުން އަންނަ ހަނގުރާމައާ ގުޅިގެން، ރާއްޖޭގެ އިލްމުވެރީން ހިމެނޭ ގޮތަށް ސޯޝަލް މީޑިއާގައި ބަހުސްތައް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ޝީއީ މުސްލިމުންގެ އާބާދީ ބޮޑު އީރާނުން އިސްރާއީލާ ދެކޮޅަށް ކުރާ ހަނގުރާމައަށް ބައެއް މީހުން ތާއިދުކުރާއިރު، އެ ގައުމުގެ މުސްލިމުންގެ ގަބޫލުކުރުންތަކާ ދެކޮޅަށް ބައެއް މީހުން ވާހަކަދައްކައިފައިވެއެވެ.
ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސުންނީ، ޝީޢީ މަޒުހަބީ ތަޢައްޞުބްގެ ތެރެއަށް ރާއްޖޭގެ މުޖުތަމަޢު ވެއްޓުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ. ރާއްޖޭގެ ރައްޔިތުންނަކީ ސުންނަތް ޖަމާޢަތުގެ ޞައްޙަ މަތިވެރި ޢަޤީދާގެ މަތީގައި، ޤުރުއާނާއި ސުންނަތާއި ސަލަފުއްޞާލިޙުންގެ މަންހަޖުގައި އެތައް ގަރުނެއް ވަންދެން ސާބިތުކަމާއެކު ދެމިތިބި ބައެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ދިވެހީންނަކީ އިސްލާމްދީނުގެ ވަސަޠީ އުޞޫލުތަކުގައި ހިފަހައްޓައިގެން ތިބިބައެއް. ސުންނަތް ޖަމާޢަތުގެ މަތިވެރި ޢަޤީދާގައި ރާއްޖެ ދެމިއޮންނާނެ އިންޝާ ﷲ." ޝަހީމް ލިޔުއްވާފައިވެއެވެ.
މިނިސްޓަރު ވިދާޅުވީ، މި އަސާސް ދެމެހެއްޓުމަށް ރައްޔިތުންނާއި ޢިލްމުވެރިންގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށް އެއްވެސް ލޮޅުމެއް އަރާނެ ފަދަ ކަމަކަށް ޖާގަ ނުދެއްވުމަށް އިލްތިމާސްކުރެއްވިއެވެ.
މީގެ އިތުރުން ތަފާތު އަގީދާތަކާ ގުޅޭ އިލްމީ ހަގީގަތް އޮޅޭނެ ފަދަ ގޮތަކަށް ނުފެތުރުމަށް ޝަހީމް އެދިވަޑައިގަތެވެ.
ދީނީ ފިކުރީ ގޮތުން އިސްލާމީ މުޖުތަމަޢު ބައިބައިކޮށްލައި ދުޝްމަނުން ކުރަމުންދާ މަސައްކަތްތަކާ މެދު ސަމާލުވެ ތިބެންޖެހޭނެ. ފިރުޤާތަކުގެ ޢަޤީދާތަކާ ގުޅޭ ކަންކަމުގައި، އެކަމުގެ އިލްމު ލިބިގެންވާ ޢިލްމުވެރިން ނޫނީ ވާހަކަ ނުކެއްކުމަށް ވެސް ނަސޭޙަތްތެރިވަން." އޭނާ ލިޔުއްވާފައިވެއެވެ.
ތަފާތު މަޒުހަބުތަކާ ގުޅޭ ބަހުސް އެންމެ ބޮޑަށް ހޫނުވީ، އީރާނުގެ ދީނީ ލީޑަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޝައިޚް އަޙްމަދު ސަމީރު ފޭސްބުކްގައި ލިޔުއްވި ތަފްސީލީ ޕޯސްޓަކާ ގުޅިގެންނެވެ. ޝައިޚް ސަމީރު ވިދާޅުވި ގޮތުގައި، އީރާނުގެ ދީނީ މުރުޝިދު ޚުމައިނީއާއި ޚާމަނައީގެ ފޮތްތަކުން އެ ދެމީހުންގެ ބާޠިލު ޢަޤީދާ ވަރަށް ސާފުކޮށް އެނގެން އޮވެއެވެ. އެގޮތުން، މާތް ﷲ ރުއްސުންލެއްވި އުންމުލް މުއުމިނީން ޢާއިޝަތުގެފާނާއި ޙަފްޞަތުގެފާނުގެ އިތުރުން، އަބޫބަކުރުގެފާނާއި ޢުމަރުގެފާނާއި ޢުޘްމާނުގެފާނު ފަދަ މާތް ޞަޙާބީންނަށް މަކަރާއި ޙީލަތްތެރިކަން ނިސްބަތްކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އެހެންކަމުން، އީރާނުގެ ޙަމަލާތަކުން ޔަހޫދީ ދައުލަތް ސުންނާފަތިވާން އެދުނު ކަމުގައިވިޔަސް، އިސްލާމްދީނަށް ނަޞްރުދިނުމުގެ ނަމުގައި އެފަދަ ބަޔަކު މަތިވެރިކުރުމުގެ އެއްވެސް މާނައެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.
އެ ބަހުސް އުފެދިފައި ވަނިކޮށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ސީދާ ވަކި ބޭފުޅެއްގެ ނަން ވިދާޅުނުވެ، މި މައްސަލައަށް ރައްދުދެއްވާފައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ މަނިކުފާނު ވަނީ، މަޒުހަބީ ގޮތުން ބައިބައިކޮށްގެން ވާހަކަނުދެއްކުމަށް ގޮވާލައްވައިފައެވެ.
"އަޅުގަނޑުމެންނަކީ ހައްތާވެސް މުސްލިމުންނެވެ." މައުމޫން ލިޔުއްވާފައިވެއެވެ.
އެ މަނިކުފާނުގެ އެ ވާހަކަފުޅަށް ގިނަ ބަޔަކު ތާއީދުކޮށް، މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އަޚުވަންތަކަން ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ.