ފުވައްމުލަކުގެ ޑުރަގު ބޮޑުން ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ޝަރީއަތް ނިމެންދެން އަލުން ބަންދުކޮށްފި

އަހަރެއް ކުރިން ދައުވާ ކުރި ފުވައްމުލަކުގެ ޑުރަގު ބޮޑުން ކަމަށް ތުހުމަތުކުރެވޭ ދެ މީހުން: އެ މީހުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި --- ފޮޓޯ/ ފުލުހުން

ފުވައްމުލަކުގައި މަސްތުވާތަކެތީގެ ނުރައްކާތެރި ވިޔަފާރިތަކެއް ހިންގަމުންދާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު އަޙްމަދު ނިއުޝާދާއި ޙަސަން ޢާޒިމް، އަލުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ. މި ދެ މީހުންނަކީ މީގެ ކުރިން ވެސް މި މައްސަލައިގައި ހައްޔަރުކޮށް، ފަހުން ހައިކޯޓުގެ އަމުރެއްގެ ދަށުން ދޫކޮށްލެވުނު ދެ މީހުންނެވެ. ނަމަވެސް، މިހާރު ލިބިފައިވާ ހެކިތަކާއި ގަރީނާތަކުގެ މައްޗަށް ބަލާއިރު، މި ދެ މީހުން މިނިވަންކޮށް ތިބުމަކީ ހެކިބަސް ދޭ ފަރާތްތަކަށާއި މައްސަލައިގެ ތަހުގީގަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމެއްކަމަށް ފުލުހުން ފާހަގަކުރެއެވެ. މިފަހަރުގެ އަމުރަކީ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

  • އަޙްމަދު ނިއުޝާދު އަދި ޙަސަން ޢާޒިމް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
  • މި ދެ މީހުން އަލުން ހައްޔަރުކުރީ މައްސަލައިގެ ހެކިތަކަށް ނުފޫޒު ފޯރުވަފާނެ ކަމުގެ ބިރު އޮތުމުންނެވެ.
  • ނިއުޝާދުގެ އެކައުންޓުން ފަސް އަހަރުގެ ތެރޭ 21 މިލިއަން ރުފިޔާ އަދި ޢާޒިމްގެ އެކައުންޓުން ދެ އަހަރު ތެރޭ 7 މިލިއަން ރުފިޔާގެ މުއާމަލާތް ހިންގާފައިވާކަން ފާހަގަކުރެވެއެވެ.
  • މަނީ ލޯންޑަރިންގެ ދައުވާތައް އުފުލުމާއެކު، މައްސަލައިގެ ބާވަތުން މިފަދަ ފިޔަވަޅެއް އެޅުމަށް ކޯޓުން ނިންމީއެވެ.

ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރީގައި އިސް ދައުރެއް އަދާކުރާކަމުގެ ތުހުމަތުގައި އަލުން ހައްޔަރުކުރި އަޙްމަދު ނިއުޝާދާއި ޙަސަން ޢާޒިމް ޝަރީއަތް ނިމެންދެން އަލުން ބަންދުކޮށްފިއެވެ.

ފުލުހުން އިއްޔެ ބުނީ، 35 އަހަރުގެ ނިއުޝާދާއި 30 އަހަރުގެ ޢާޒިމްް އަލުން ހައްޔަރުކުރީ، ދެ މީހުންގެ މައްޗަށް ކޯޓުގައި އުފުލައިފައިވާ މައްސަލައެއްގެ ހެއްކަށް ނުފޫޒު ފޯރުވައިފާނެތީއެވެ.

އެހެންކަމުން އެ ދެ މީހުން ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުމަށް ހާޒިރުކުރުމުން، ކޯޓުން އަމުރުކުރީ ޝަރީއަތް ނިމެންދެން ދެ މީހުން ވެސް ބަންދުކުރުމަށެވެ.

ނިއުޝާދާއި ޢާޒިމް އެންމެ ފުރަތަމަ ހައްޔަރުކުރީ ޑިސެންބަރު 9، 2024ގައެވެ. އެފަހަރު ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން އަމުރުކުރީ ޝަރީއަތް ނިމެންދެން ދެ މީހުން ބަންދުކުރުމަށެވެ.

ނަމަވެސް، ދައުލަތުންވެސް އެއްބަސްވާ ގޮތަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރި ކަމަށް ބަޔާންކުރުމަށް ފަހު، ޝަރީއަތް ނިމެންދެން ބަންދު ކުރަން ނިންމުމަކީ ޖިނާއި އިޖުރާއަތުގެ ގާނޫނުގެ 60ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމަށް ބުނެ، ހައިކޯޓުން ވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ނުވަވަނަ ދުވަހު ދެ މީހުން ދޫކޮށްލައިފައެވެ.

އޭގެ ދެ މަސް ފަހުން މާރިޗު 18ގައި، ދެ މީހުންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލިއެވެ.

ފުލުހުން މީގެ ކުރިން ބުނީ، ފާއިތުވި ފަސް އަހަރުގެ ތެރޭ ނިއުޝާދުގެ ބޭންކު އެކައުންޓު މެދުވެރިކޮށް 21 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގައިފައިވާ ކަމަށެވެ. ފާއިތުވި ދެ އަހަރުގެ ތެރޭ އާޒިމްގެ ބޭންކު އެކައުންޓް މެދުވެރިކޮށް ހަތް މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގައިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް