މިއަދު މެންދުރު 12:10ހާއިރު ބޭރަށް ނިކުމެލީމެވެ. ފާހަގަވީ މުޅިން އާދަޔާ ޚިލާފު ކަމެކެވެ. އެހެންޏާ އަތްވަށް ނިކުތުމުން ހުންނަ ހިޔަނި މިއަދު އެއްވެސް އަރިމައްޗަކުން ފެންނާކަށް ނެތެވެ.
ހަމައެކަނި ފެންނަން ހުރީ، ފަޔާ ދިމާލުން ތިރިންނެވެ. ގަބޫލުކުރަން ދަތިވެ، މަގުމަތިން ދުއްވާ ވެހިކަލްތަކަށް ވެސް ބަލައިލީމެވެ. އެ ވެހިކަލްތަކުގެ ހިޔަނި ވެސް ހުރީ ވެހިކަލުގެ ތިރިން އެކަންޏެވެ.
މިވާ ގޮތެއް ބަލައިލަން ކަމުގެ ފަލަކީ މާހިރަކާ ވާހަކަދައްކައިލީމެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ ވަގުތުކޮޅުގައި އިރު ހުންނާނީ މާލޭގެ މައްޗަށް އޮލަނބަށެވެ. ދެ ތިން މިނެޓަށް ދެމިގެންދާ މިވަގުތުކޮޅުގައި އެއްވެސް ދިމާލަކުން ހިޔަނި ފެންނާކަށް ނުހުންނާނެއެވެ. އޭގެ މާނައަކީ އާންމުކޮށް ފެންނަން ހުންނަހެން އަރިމަތިން ހިޔަނި ފެންނަން ނުހުންނާނެ ކަމެވެ.
އެ ވަގުތުކޮޅުގައި އިރު ހުންނާނީ ދުނިޔެއާ 149 މިލިއަން ކިލޯ މީޓަރު އުހުގައި ކަމަށްވާއިރު، މިއީ ވަރަށް މަދުން ނޫނީ ނުކުރެވޭ ފަދަ ތަޖުރިބާއެކެވެ. މިއީ ކޮންމެ އަހަރަކު އެއް ފަހަރު ލިބޭ ފުރުސަތެއްކަމަށް ވެސް ބުނެއެވެ.
ފަލަކީ އިލްމާ ގުޅޭ ކަންކަމަކީ ވަރަށް ގިނަ ބަޔަކު ޝައުގުވެރިވާ ކަމަކަށްވާއިރު، މި ފަދަ ދުވަހެއްގައި، އަމިއްލަ ހިޔަނި "ގެއްލޭ" ގޮތް ތަޖުރިބާ ކޮށްލުން މިއީ ވެސް ޝައުގުވެރި ކަމެކެވެ.