މިދިޔަ ހޮނިހިރު ދުވަހުގެރޭ ގައުމީ ބޭންކު، ބީއެމްއެލުގެ އަހަރީ އާންމު ޖަލްސާއަށްފަހު، ރާއްޖޭގެ މާލީ ބާޒާރުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ފަދަ ބޮޑު ބަދަލެއް އައިސް، ރާއްޖޭގެ ކެޕިޓަލް މާކެޓަށް ތާރީޚީ ކުރިއެރުމެއް ލިބިފައިވާ ކަމަށް، ބީއެމްއެލުން ބުނެފިއެވެ.
ބީއެމްއެލުން ބުނީ، މިދިޔަ ހުކުރު ދުވަހާ ހަމައަށް، ލިސްޓުކޮށްފައިވާ ހުރިހާ ސެކިއުރިޓީޒްތަކެއްގެ މާކެޓު ކެޕިޓަލައިޒޭޝަން ހުރީ ގާތްގަނޑަކަށް 33 ބިލިއަން ރުފިޔާގައި ކަމަށެވެ.
ނަމަވެސް، ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ބޯނަސް ހިއްސާ ދޫކުރުމަށާއި، ހިއްސާ ބައިކުރުމަށް ފާސްކުރުމާއެކު، މާކެޓު ކެޕިޓަލައިޒޭޝަން 62 ބިލިއަން ރުފިޔާއަށް އުފުލިފައިވާ ކަމަށް، ބީއެމްއެލުން ބުންޏެވެ. މާކެޓު އަގަށް މި ބަދަލު އައީ ބީއެމްއެލްގެ ނިންމުމާއެކު ކަމަށް، ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލްގެ މާކެޓު ކެޕިޓަލައިޒޭޝަން ހުކުރު ދުވަހު ހުރި 3.6 ބިލިއަން ރުފިޔާއިން އިއްޔެގެ ނިޔަލަށް 31.97 ބިލިއަން ރުފިޔާއަށް އިތުރުވެއްޖެ ކަމަށާއި، އެހެންވެ، ދިވެހި ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ އެންމެ ބޮޑު ކުންފުންޏަށް ބީއެމްއެލް ވެފައިވާ ކަމަށް، ބޭންކުން ބުންޏެވެ.
ބީއެމްއެލުން ބުނީ، މާކެޓަށް އައި ބަދަލު ގުޅިފައިވަނީ ބީއެމްއެލްގެ ހިއްސާ ގަނެވިއްކުމަށް މަގުފަހިވެ، ލިކުއިޑިޓީ އިތުރުވުމާ ކަމަށެވެ.
އެގޮތުން މިދިޔަ އަހަރު ބީއެމްއެލްގެ 50 ރުފިޔާގެ މޫނުމަތީ އަގުގެ ހިއްސާއެއްގެ އެވްރެޖް މާކެޓްގެ އަގު ހުރީ ގާތްގަނޑަކަށް 800 ރުފިޔާގައި ކަމަށާއި، ނަމަވެސް، ބޯނަސް ހިއްސާ ދޫކުރުމަށާއި، ހިއްސާ ބައިކުރުމަށް ނިންމުމަށްފަހު، ފަސް ރުފިޔާގެ މޫނުމަތީ އަގުގެ ހިއްސާއެއްގެ މާކެޓު އަގު މިހާރު ވަނީ ގާތްގަނޑަކަށް 200 ރުފިޔާއަށް ތިރިވެފައި ކަމަށް، ބީއެމްއެލުން ބުންޏެވެ.
މިއީ، ނިސްބަތުން މި ނިންމުމުގެ ކުރިން ގަނެވިއްކުމުގެ މުއާމަލާތްތަކުގެ އަގަށް ބަލައިފިނަމަ، ގާތްގަނޑަކަށް 650 އިންސައްތައިގެ މާކެޓު އަގުގެ ކުރިއެރުމެއް ކަމަށް، ބޭންކުން ގަބޫލުކުރެއެވެ.
މި ބަދަލުގެ ސަބަބުން މިހާރު ތިބި ހިއްސާދާރުން މާކެޓުގައި ހަރަކާތްތެރިވުމަށް ހިތްވަރު ލިބި، ހިއްސާ ވިއްކުމުގެ ހަރަކާތްތައް އިތުރުވެއްޖެ ކަމަށާއި، އާ އިންވެސްޓަރުންނަށް، ޚާއްސަކޮށް ޒުވާނުންނަށް މާކެޓަށް ވަނުމަށް އޮތް ހުރަސްތައް ކުޑަވެ، ގިނަ ބަޔަކަށް މާކެޓުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވިގެން ހިނގައްޖެ ކަމަށް، ބީއެމްއެލުން ދެކެއެވެ.