ފެންނަ ނުފެންނަ ވޯޓުގެ ސުވާލުގައި މައްސަލައެއްނެތް ކަމަށާއި, އެ ވޯޓު ހުއްޓުވެން ނެތްކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ އަވަސް އަރުވާލައިގެން، އާންމުކޮށް ކޯޓުން އަމަލުކުރާ ގޮތާ ޚިލާފަށް ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފިއެވެ.
ސުޕްރީމް ކޯޓުން މިއަދު ވަނީ އަންނަ ހޮނިހިރު ދުވަހު ނަގަން އޮތް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ގަރާރަކުން ހުށަހަޅުއްވައިފައިވާ ސުވާލު ގާނޫނުއަސާސީއާ ޚިލާފު ނޫންކަމަށް ހުކުމްކޮށްފައެވެ. އެ ދުސްތޫރީ މައްސަލައަކީ ގާނޫނީ ވަކީލު އިބްރާހީމް ޝިޔާމާއި އައިކު އަހުމަދު އީސާ ހުށަހެޅުއްވި މައްސަލައެކެވެ.
ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމާ ގުޅިގެން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް ވިދާޅުވީ، އެ ކޯޓުން ކުރިއަށް ގެންދިޔަ ޝަރީއަތަކީ ފެންނަ ނުފެންނަ ވޯޓުގައި މައްސަލައެއް ނެތްކަން ދެއްކުމަށް ކުރިއަށްގެންދިޔަ ޝަރީއަތެއް ކަމަށެވެ.
ޝަރީއަތް ނިންމާލީ ވަރަށް އަވަސްއަރުވާލައިގެން، އާންމުކޮށް ކޯޓުން އަމަލުކުރާ ގޮތާ ޚިލާފަށް، މައްސަލަ ތާވަލުކުރިތާ ޖެހިގެން އައި ދުވަހު އަޑުއެހުން ބާއްވައިގެން ކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި އެމްޑީޕީން އެ މައްސަލައަށް ތަދައްޚުލުވާން ފޯމު ހުށަހެޅި ނަމަވެސް، ސުޕްރީމް ކޯޓުން އެ ޕާޓީއަށް ދީފައިވާ ޖަވާބުގައި، އެކަށީގެންވާ ވަގުތު ނެތްކަން ފާހަގަކޮށްފައިވާ ކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ. އެކަމުން ވެސް އެނގެނީ މައްސަލައިގެ ނިންމުން ރަނގަޅު ނޫންކަން ކަމަށް މައުރޫފް ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ، އެ ޕާޓީގެ ފަރާތުން ހުށަހެޅި މައްސަލައަކީ ވޯޓު ކަރުދާހުގައި އޮތް ސުވާލު އޮތީ ގާނޫނުގައި ބުނާ ގޮތަށް ނޫންކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ. ނަމަވެސް އެހެން ވާހަކަތަކެއް ދެއްކުމަށްފަހު މި ވޯޓު ނުހުއްޓުވޭނެ ގޮތަށް ހުކުމްކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
[މައްސަލައިގައި] އެގޮތަށް ސުވާލު ބާއްވައިގެން ވޯޓު ނަގައިގެން ނުވާނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދިފައިވޭ. ނަމަވެސް މި ވޯޓަކީ ރައީސް މުއިއްޒު ބޭނުންވެގެން ނަގާ ވޯޓަކަށް ވާތީ [އަދި] ސުޕްރީމް ކޯޓުން މި މައްސަލަ އަވަހަށް ނިންމަން ބޭނުންވާތީ މިއަދު ވޯޓު ހުއްޓުވެން ނެތްކަމަށް ހުކުމްކޮށްފައި އެވަނީ، އެމްޑީޕީގެ ލީގަލް ޑިރެކްޓާ އަހުމަދު މައުރޫފް
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ވަނީ އިލެކްޝަން ކޮމިޝަނުގެ ގައުމީ ލަފާދޭ ކޮމިޓީއިން އެ ޕާޓީގެ އެއްވެސް ކަންބޮޑުވުމަކަށް ހައްލެއް ގެނެސްދީފައި ނުވާކަމަށް ވިދާޅުވެފައެވެ.
ނިޔާޒް ވިދާޅުވީ، ނަގަން އުޅޭ ފެންނަ ނުފެންނަ ވޯޓަކީ އިލެކްޝަން ކޮމިޝަނުގެ މައްޗަށް މަޖުބޫރުކޮށްގެން ނަގަން އުޅޭ ވޯޓެއްކަން ދޭހަވާ އެތައް ބައިވަރު ސަބަބުތަކެއް އެބަހުރި ކަމަށެވެ.