މާފަންނު ހުޅަނގުން މިރޭ ކަރަންޓު ކެނޑިއްޖެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވި ބައެއް ޕޯސްޓުތަކުގައި ވަނީ، މިރޭ މާފަންނު ހުޅަނގު ވެސްޓު ޕާކު ކައިރީ އިދިކޮޅު އެމްޑީޕީން ކުރިއަށް ގެންދިޔަ ކަންމަތީ ޖަލްސާ ބޭއްވި ވަގުތު 'ގަސްތުގައި' ކަރަންޓު ކަނޑާލީ ކަމަށް ތުހުމަތުކޮށްފައެވެ.
އެކަމާ ގުޅިގެން 'ސަން' އަށް މައުލޫމާތު ދެމުން ސްޓެލްކޯއިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެ ސަރަހައްދުން ކަރަންޓު ކެނޑުނީ ކަމަށެވެ. އަދި މިހާރު ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން މައުލޫމާތު ދިނެވެ.
ތުހުމަތުތަކާ ގުޅޭގޮތުން އެ ކުންފުނިން ބުނީ، އެ ސަރަހައްދުގައި ޖަލްސާއެއް ކުރިއަށްދާކަން ވެސް އެ ކުންފުންޏަށް ނޭނގޭ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއެއްގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ، އެ އަމަލަކީ ސަރުކާރުން އެމްޑީޕީއަށް 'ޖެއްސުންކުރުން' ކަމުގައި ސިފަކުރައްވައިފައެވެ. އެހެންނަމަވެސް އެމްޑީޕީއަކީ ކުރާ ޖެއްސުމަކަށް ފަހަތަށް ޖެހޭނެ ބައެއް ނޫން ކަމަށް މޭޔަރު ވިދާޅުވިއެވެ.