ސުކޫކަށް ދައްކަންޖެހޭ 525 މިލިއަން ޑޮލަރުގެ ދަރަނި ސަރުކާރުން އެއްކޮށް ދައްކައިފި

ފިނޭންސް މިނިސްޓަރު ޒަމީރާއި ރައީސް ޑރ. މުހައްމަދު މުއިއްޒު: -- ފޮޓޯ/ ޕީއެސްއެމް

މާލީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، 2021 ވަނަ އަހަރު ދޫކުރި ސުކޫކަށް ދައްކަންޖެހޭ 524.68 މިލިއަން އެމެރިކާ ޑޮލަރުގެ ދަރަނި ސަރުކާރުން ވަނީ އެއްކޮށް ދައްކާފައެވެ. މިއީ ދިވެހި ފައިސާއިން ބަލާނަމަ ގާތްގަނޑަކަށް އަށް ބިލިއަން ރުފިޔާއެވެ. މި ފައިސާ ދައްކާފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑާއި ދައުލަތުގެ ރިޒާވް ބޭނުންކޮށްގެންނެވެ. މީގެ ސަބަބުން އުފެއްދުންތެރިކަމުގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރި މިންވަރު ދަށްވެ، މާލީ ދާއިރާ އިތުރަށް ވަރުގަދަވާނެކަމަށް ވުޒާރާއިން ފާހަގަކުރެއެވެ. މި ބޮޑު ދަރަނި އަދާކުރި ނަމަވެސް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި މުދާ މެދުނުކެނޑި ފޯރުކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަން ވަނީ ކަށަވަރުކޮށްދީފައެވެ.

  • ސުކޫކުގެ އަސްލު އަގާއި އިންޓްރަސްޓާއެކު ޖުމްލަ 524.68 މިލިއަން ޑޮލަރު ދައްކައިފި
  • ދަރަނި އަދާކުރުމަށް ބޭނުންކުރީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑާއި ދައުލަތުގެ ރިޒާވް
  • ދަރަނި ދެއްކުމާއެކު އުފެއްދުންތެރިކަމުގެ ނިސްބަތުން ދައުލަތުގެ ދަރަނި ވަނީ ދަށްވެފައި
  • އަބޫދާބީ ފަންޑުގެ 100 މިލިއަން ޑޮލަރުގެ ބޮންޑު ދެއްކުން ފަސްކުރުމަށް ވަނީ އެއްބަސްވެފައި

މިދިޔަ ސަރުކާރުގައި 2021 ވަނަ އަހަރު ދޫކުރި ސުކޫކަށް ދައްކަންޖެހޭ 525 މިލިއަން ޑޮލަރުގެ ބޮޑު ދަރަނި ދިވެހި ސަރުކާރުން އެއްކޮށް ދައްކައި ޚަލާސްކޮށްފި ކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.

މާލީ ވުޒާރާއިން މަޢުލޫމާތު ދޭ ގޮތުގައި، ސަރުކާރުން ދައްކާފައިވަނީ ޖުމްލަ 524.68 މިލިއަން އެމެރިކާ ޑޮލަރެވެ. މިއީ ދިވެހި ފައިސާއިން ބަލާނަމަ ގާތްގަނޑަކަށް އަށް ބިލިއަން ރުފިޔާއެވެ. މި ފައިސާގެ ތެރޭގައި ސުކޫކުގެ އަސްލު އަގު ކަމަށްވާ 500 މިލިއަން ޑޮލަރާއި، އިންޓްރަސްޓްގެ ގޮތުގައި ދައްކަންޖެހޭ 24.68 މިލިއަން ޑޮލަރު ހިމެނެއެވެ.

މި ބޮޑު ދަރަނި ދެއްކުމަށް ސަރުކާރުން ބޭނުންކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވެވެ. މާލީ ވުޒާރާއިން ފާހަގަކުރި ގޮތުގައި، މި ދަރަނި އަދާކުރުމާއެކު އުފެއްދުންތެރިކަމުގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރި މިންވަރު ދަށްވެ، ކުރިއަށް އޮތް މެދު ރާސްތާގައި ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ވަރުގަދަވެގެންދާނެއެވެ.

މި ސުކޫކަކީ 2021 ވަނަ އަހަރު މުއްދަތު ހަމަވި 250 މިލިއަން ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑު ދެއްކުމަށް ޓަކައި ރައީސް ސާލިޙުގެ ސަރުކާރުން ނަގާފައިވާ ދަރަންޏެކެވެ. މާލީ ވުޒާރާއިން ބުނީ، މި ދަރަންޏަކީ ދުނިޔޭގެ އިގްތިޞާދީ ހާލަތު ނާޒުކު ދަނޑިވަޅެއްގައި، ދަރަނި އަދާކުރާނެ އެކަށީގެންވާ ސިޔާސަތެއް ނެތި، ބޮޑު އިންޓްރެސްޓެއްގައި ނަގާފައިވާ ދަރަންޏެއް ކަމަށެވެ.

މާލީ ވުޒާރާއިން އިތުރަށް ބުނީ، މި ދަރަނި ދައްކާ ނިމުމާއެކުވެސް ރައްޔިތުންނަށް ބޭނުންވާ ތެލާއި، އަސާސީ ޚިދުމަތްތަކާއި، މުދާ މެދުނުކެނޑި ފޯރުކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށެވެ.

އަދި ބައިނަލްއަޤްވާމީ އިދާރާތަކާ ގުޅިގެން މާލީ ހަމަޖެހުން ދެމެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެގޮތުން އަބޫދާބީ ފަންޑުން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ބޮންޑު ދެއްކުން ފަސްކުރުމުގެ މަޝްވަރާތައް ކާމިޔާބުކަމާއެކު ނިމިފައިވާކަން ވެސް އެ ވުޒާރާއިން ހާމަކުރެއެވެ.

comment ކޮމެންޓް