ރާއްޖެ ވަރަށް ހޫނު: ހީޓް ސްޓްރޯކުން ފުރާނަ ސަލާމަތްކުރާނީ ކިހިނެއް؟

މި އޭޕްރީލް މަހަކީ ރާއްޖެއަށް އާދަޔާ ޚިލާފަށް ހޫނުގަދަ ދުވަސްވަރެކެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތު ދޭގޮތުގައި، އިޙްސާސްކުރެވޭ ހޫނުމިން ހުރީ 35 ޑިގްރީ ސެލްސިއަސްއަށްވުރެ މަތީގައެވެ. މި ނުރައްކާތެރި ޙާލަތާ ގުޅިގެން ޞިއްޙީ މާހިރުން ވަނީ ހީޓް ސްޓްރޯކް ނުވަތަ ހޫނުވުމުގެ ސަބަބުން ޖެހޭ ސްޓްރޯކުން ރައްކާތެރިވުމަށް އިރުޝާދުދެއްވާފައެވެ. މިއީ ހަށިގަނޑުގެ ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށްގޮސް، ފުރާނައަށް ނުރައްކާވާ ޙާލަތެކެވެ. ހީޓް ސްޓްރޯކް މައިގަނޑު ގޮތެއްގައި ދެ ބާވަތަކަށް ބެހެއެވެ. އެއީ ހޫނު މާޙައުލެއްގައި ގިނަ ވަގުތު ހޭދަކުރުމުން ދިމާވާ ކްލެސިކް ހީޓް ސްޓްރޯކް އަދި ބުރަ މަސައްކަތްކުރުމުން ދިމާވާ އެގްޒާޝަނަލް ހީޓް ސްޓްރޯކެވެ. މީހަކަށް މިފަދަ ކަމެއް ދިމާވެއްޖެނަމަ، ލަސްނުކޮށް އެމްބިއުލާންސަށް ގުޅައި، އެމީހަކު ހިޔާކޮށްފައިވާ ފިނި ތަނަކަށް ގެންގޮސް ހަށިގަނޑު ފިނިކުރުމުގެ މަސައްކަތް ވަގުތުން ފަށަންޖެހެއެވެ.

  • މިއީ ރާއްޖެއަށް ވަރަށް ހޫނުގަދަ ދުވަސްވަރެއް ކަމުން ހީޓް ސްޓްރޯކަށް އާންމުން ސަމާލުވާންޖެހޭނެއެވެ.
  • ހީޓް ސްޓްރޯކްގެ ސަބަބުން ހަށިގަނޑުގެ ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް ދެއެވެ.
  • މީގެ ޢަލާމާތްތަކުގެ ތެރޭގައި ހަންގަނޑު ރަތްވެ ހޫނުވުމާއި، ވިންދު އަވަސްވުމާއި އަދި ހޭނެތުން ހިމެނެއެވެ.
  • ރައްކާތެރިވުމުގެ ގޮތުން ގިނައިން ފެންބުއިމާއި ހޫނުގަދަ ވަގުތުތަކުގައި އަވީގައި ނޫޅުމަށް ޑޮކްޓަރުން ލަފާދެއްވައެވެ.

މި އޭޕްރީލް މަހަކީ ރާއްޖެއަށް އާދަޔާ ޚިލާފަށް ހޫނުގަދަ ދުވަސްވަރެކެވެ. މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ހާމަކޮށްފައިވާ ގޮތުގައި، މި ދުވަސްވަރު ރާއްޖޭގެ ފިނިހޫނުމިން އިޙްސާސްކުރެވޭ މިންވަރު ހުރީ 35 ޑިގްރީ ސެލްސިއަސްއިން މަތީގައެވެ. ތާރީޚަށް ބަލާއިރު، ރާއްޖޭގައި އެންމެ ހޫނުގަދަ ކަމަށް ރެކޯޑުކުރެވިފައިވަނީ ވެސް އޭޕްރީލް މަހުގައެވެ. އެގޮތުން 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ އެއް ވަނަ ދުވަހު އިޙްސާސްކުރެވޭ ހޫނުމިން 48 ޑިގްރީ ސެލްސިއަސްއަށް އަރާފައިވެއެވެ.

މި ދުވަސްވަރު ވައިގައި ތެތްކަން ނުވަތަ ހިއުމިޑިޓީ މަތިވުމާއި، ވައިމަޑުވުމުގެ ސަބަބުން، ހަށިގަނޑަށް އިޙްސާސްކުރެވޭ ހޫނުމިން މާބޮޑަށް ވެސް މައްޗަށް ދެއެވެ. މިކަމުގެ ސަބަބުން އާންމު ރައްޔިތުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ.

https://www.sun.mv/220128

މި ނުރައްކާތެރި ހޫނުމިނާ ގުޅިގެން، ޑރ. ޢަބްދުﷲ ޖުނައިދު ވަނީ މީސްމީޑިއާ މެދުވެރިކޮށް އާންމުންނަށް މުހިންމު އިރުޝާރެއް ދެއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، މިއީ ރާއްޖެއަށް އިންތިހާއަށް ހޫނުގަދަ ދުވަސްވަރެއް ކަމަށާއި، ފިނިހޫނުމިން 37 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށެވެ.

މިފަދަ ޙާލަތެއްގައި އަމިއްލަ ނަފްސާއި، ކުޑަކުދިންނާއި، އަދި އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭނެއެވެ. ޚާއްސަކޮށް، ފުރާނައަށް ނުރައްކާވާ ފަދަ ޙާލަތެއް ކަމަށްވާ "ހީޓް ސްޓްރޯކް" ނުވަތަ ހޫނުވުމުގެ ސަބަބުން ޖެހޭ ސްޓްރޯކުން ރައްކާތެރިވުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

މިއީ ހަމައެކަނި ވަރުބަލިވުމެއް ނޫން ކަމަށާއި، މިއީ ސީދާ ފުރާނައަށް ނުރައްކާވާ ކަމެއްކަން އޭނާ ވަނީ ތަކުރާރުކުރައްވާފައެވެ.

ހީޓް ސްޓްރޯކަކީ ކޮބާ؟

ހީޓް ސްޓްރޯކަކީ ހޫނުގަދަވުމުގެ ސަބަބުން ދިމާވާ އެންމެ ނުރައްކާތެރި ޞިއްޙީ މައްސަލައެވެ. މިއީ ހަށިގަނޑުގެ ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސް (104 ޑިގްރީ ފެރެންހައިޓް) އަށް ނުވަތަ އެއަށްވުރެ މައްޗަށް ގޮސް، ހަށިގަނޑު އަމިއްލައަށް ފިނިކުރުމުގެ ބާރު ކެނޑުމުން ދިމާވާ ޙާލަތެކެވެ. މިއީ ވަގުތުން ފަރުވާ ބޭނުންވާ މެޑިކަލް އިމަޖެންސީއެކެވެ.

ހީޓް ސްޓްރޯކް މައިގަނޑު ގޮތެއްގައި ބެހިގެންވަނީ ދެ ބާވަތަކަށެވެ. ފުރަތަމަ ބާވަތަކީ "ކްލެސިކް ހީޓް ސްޓްރޯކް"އެވެ. މިއީ ހޫނު މާހައުލެއްގައި ގިނަ ވަގުތު ހޭދަކުރުމުގެ ސަބަބުން ދިމާވާ ކަމެކެވެ. މިއީ އުމުރުން ދުވަސްވީ މީހުންނާއި، ކުޑަކުދިންނާއި، އަދި ދާއިމީ ބަލިތަކަށް ފަރުވާހޯދާ މީހުންނަށް އާންމުކޮށް ދިމާވާ ބާވަތެކެވެ.

ދެވަނަ ބާވަތަކީ "އެގްޒާޝަނަލް ހީޓް ސްޓްރޯކް" އެވެ. މިއީ ހޫނު އަދި ތެތްކަން ގަދަ މާޙައުލެއްގައި ބުރަ މަސައްކަތްކުރުމުން ނުވަތަ ކަސްރަތުކުރުމުން ދިމާވާ ކަމެކެވެ. މިއީ ޒުވާން އަދި ޞިއްޙަތު ރަނގަޅު މީހުންނަށްވެސް ދިމާވެދާނެ ކަމެކެވެ.

ސިއްހީ މާހިރުން ބުނާގޮތުގައި މި ޙާލަތުގެ ނުރައްކާތެރި އަލާމާތްތަކުގެ ތެރޭގައި، ހަށިގަނޑުގެ ހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށްވުރެ މަތިވުމާއި، ހަންގަނޑު ރަތްވެ ހޫނުވުން ހިމެނެއެވެ. ކްލެސިކް ހީޓް ސްޓްރޯކްގައި ހަންގަނޑު ހުންނާނީ ހިކިކޮށެވެ. ނަމަވެސް އެގްޒާޝަނަލް ހީޓް ސްޓްރޯކްގައި ދާހިއްލާފައި ހުރެދާނެއެވެ.

މީގެ އިތުރުން، ވިންދު އަވަސްވުމާއި، ބޯއެނބުރުމާއި، ވާހަކަދައްކަން އުނދަގޫވުމާއި، ހޭނެތުމާއި، މޭނުބައިކުރުމާއި ހޮޑުލުން، އަދި ފިޓުޖެހުން ފަދަ ކަންކަން ހިމެނެއެވެ. ކްލެސިކް ހީޓް ސްޓްރޯކްގައި ދާނުހިއްލުމަކީ ވަރަށް ބޮޑު އިންޒާރެކެވެ.

ވަގުތުން އެޅިދާނެ ފިޔަވަޅުތަކާއި ރައްކާތެރިވުން

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި މީހަކަށް ހީޓް ސްޓްރޯކް ޖެހިއްޖެނަމަ، އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ލަސްނުކޮށް އެމްބިއުލާންސަށް ނުވަތަ ހޮސްޕިޓަލަށް ގުޅުމެވެ. އެއަށްފަހު، އެމީހަކު ހިޔާކޮށްފައިވާ ފިނި ތަނަކަށް ގެންގޮސް، އަންނައުނުތައް ބާލަންވާނެއެވެ. އަދި ހަށިގަނޑު އަވަހަށް ފިނިކުރުމަށްޓަކައި، ތެތް ފޮތިގަނޑަކުން ހަށިގަނޑު ފުހެ، ކަރުދޮށާއި، ކިހިލިފަތްދޮށާއި، އަދި އުކުޅުވަޅުގައި އައިސްޕެކް ނުވަތަ ފިނި ފެންފުޅި ބަހައްޓަންވާނެ ކަމަށް ޑޮކްޓަރުން ބުނެއެވެ. އަދި ބާރަށް ވައިޖެއްސުން މުހިންމެވެ. އެ މީހަކު ހޭނެތިފައިވާނަމަ ނުވަތަ ވާނުވާ ނޭނގޭ ހާލަތުގައި ވާނަމަ، އެއްވެސް ދިޔާއެއްޗެއް ބޯންދީގެން ނުވާނެ ކަމަށް ޑޮކްޓަރުން ބުނެއެވެ.

މި ނުރައްކާތެރި ޙާލަތަށް އެންމެ ބޮޑަށް ހުށަހެޅިފައިވަނީ އުމުރުން ދުވަސްވީ މީހުންނާއި ތުއްތު ކުދިންނެވެ. މީގެ އިތުރުން، އަވީގައި މަސައްކަތްކުރާ ނުވަތަ ކަސްރަތުކުރާ މީހުންނާއި، ހަކުރުބަލި، ހިތުގެ ބަލި، ނުވަތަ ފަލަބަލި ހުންނަ މީހުންނަށްވެސް ނުރައްކާ ބޮޑެވެ. ކުޑަކަމުދާން ފަސޭހަކޮށްދޭ ބޭސް (ޑަޔުރެޓިކްސް) ނުވަތަ އެންޓިހިސްޓަމީން ފަދަ ބޭސްތައް ބޭނުންކުރާ މީހުންނާއި، ހޫނު މާޙައުލުތަކަށް އާދަވެފައިނުވާ މީހުންވެސް ސަމާލުވާންޖެހެއެވެ.

ޑރ. ޖުނައިދު ފާހަގަކުރެއްވި ގޮތުގައި، މިކަމުން ސަލާމަތްވުމުގެ އެންމެ މުހިންމު ހަތިޔާރަކީ ރައްކާތެރިވުމެވެ. ގިނައިން ފެންބުއިމާއި، އެކަށީގެންވާ ވަރަށް އަރާމުކުރުމާއި، އަދި އެންމެ ހޫނުގަދަ ވަގުތުތަކުގައި އަވީގައި ނޫޅުމަކީ ހީޓް ސްޓްރޯކުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަމެވެ. ރާއްޖޭގެ މޫސުން އޮންނަ ގޮތުން، އަވީގައި ކުރާ އާދައިގެ ކުޑަ މަސައްކަތަކުންވެސް، ފަރުވާތެރިނުވެއްޖެނަމަ، ހާލަތު ވަރަށް އަވަހަށް ގޯސްވެގެން ހިނގައިދާނެއެވެ.

އާންމު ޞިއްޙަތަށް އޮތް ނުރައްކާ

ހީޓް ސްޓްރޯކަކީ ހަމައެކަނި ވަގުތީ އުނދަގޫތަކެއް ކުރިމަތިކުރުވާ ކަމެއް ނޫނެވެ. ޑރ. ޖުނައިދު އިންޒާރުދެއްވާފައިވާ ފަދައިން، މިއީ އެކަށީގެންވާ ފަރުވާ ނުލިބިއްޖެނަމަ، ހަށިގަނޑުގެ މުހިންމު ގުނަވަންތައް ފޭލިވެ، ފުރާނައަށް ނުރައްކާވާ ކަމެކެވެ.

މޫސުމީ ބަދަލުތަކާއެކު ރާއްޖޭގެ ފިނިހޫނުމިން މައްޗަށް ދަމުންދާއިރު، ހޫނާ ގުޅިގެން ދިމާވާ ޞިއްޙީ މައްސަލަތަކަށް އާންމުން ހޭލުންތެރިވުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ހޫނުމިން ހުންނާނީ މަތީގައެވެ. އެހެންކަމުން، ކޮންމެ ފަރުދަކުވެސް އަމިއްލަ ރައްކާތެރިކަމަށް ފިޔަވަޅުތައް އަޅައި، ގޭބިސީތަކުގައި ތިބޭ ނާޒުކު ފަރާތްތަކުގެ ޙާލަތު ގާތުން ބެލުމަކީ މިއަދު މަޖުބޫރު ކަމެކެވެ.

comment ކޮމެންޓް