ވޯޓްގެ ނަތީޖާއަށް އިހުތިރާމު ކުރަން, ރަނގަޅު ކުރަން ޖެހޭ ކަންކަން ކުރާނަން: ރައީސް

ރައީސް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ތެރެއިން: \ -- ފޮޓޯ/ ޕީއެންސީ ކެމްޕޭން

މިއަދު ބޭއްވުނު ބޮޑު އިންތިޚާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީ ގަބޫލުކުރައްވައި، ރައްޔިތުންގެ ނިންމުމަށް އިހުތިރާމުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ހިންގުމުގައި އިސްލާހުކުރަންޖެހޭ ކަންކަން ދެނެގަނެ، އެ ކަންކަން ރަނގަޅުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

  • ސަރުކާރަށް އިންތިޚާބުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވުން
  • އިންތިޚާބުގެ ނަތީޖާ ރައީސް ގަބޫލުކުރެއްވުން
  • ރައްޔިތުންގެ ނިންމުމަށް އިހުތިރާމުކުރައްވާކަން ހާމަކުރެއްވުން
  • އިސްލާހުކުރަންޖެހޭ ކަންކަން ރަނގަޅުކުރައްވާނެކަމުގެ ޔަގީންކަން ދެއްވުން

މިއަދު ބޭއްވި ލޯކަލް ކައުންސިލުތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި، މައި ދެ އިންތިޚާބު އެއްކޮށްލުމާމެދު ނެގި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ ބަލައިގަންނަ ކަމަށާއި، ރަނގަޅުކުރަންޖެހޭ ކަންކަން ސަރުކާރުން ރަނގަޅުކުރާނެ ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ބަލި ގަބޫލުފުޅުކުރައްވައި ރައީސް މިރޭ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައިވަނީ، އިންތިޚާބުތަކުގެ ނަތީޖާ ގަބޫލުކުރައްވާ ކަމަށާއި، އިންތިޚާބު ކާމިޔާބުކުރެއްވި ކެނޑިޑޭޓުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ.

"ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މާތްالله ގެ ވާގިފުޅާއެކު ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން،" އެމަނިކުފާނު ލިޔުއްވައިފައިވެއެވެ.

މިއަދު ވަނީ، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު ބާއްވައިފައެވެ. އަދި، މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން ޚިޔާލު ހޯދުމުގެ ވޯޓު ވެސް ނަގައިފައިވެއެވެ.

ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއިން، "ސަން"އަށް މިހާތަނަށް 18،050 ވޯޓެެއްގެ ނަތީޖާ ލިބިފައިވާއިރު، 70.1 ޕަސެންޓް މީހުން ވަނީ ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ދެކޮޅަށް ވޯޓު ދީފައެވެ. ދެ އިންތިޚާބު އެއްކޮށް ބާއްވަން ވޯޓު ދިނީ 29.9 ޕަސެންޓް މީހުން ކަމަށް އެ ވޯޓުތަކުން ދައްކައެވެ.

އޭގެ އިތުރުން، މިއަދު ބޭއްވި އިންތިޚާބުގެ ނަތީޖާ މިހާތަނަށް ދައްކާ ގޮތުގައި، ފަސް ސިޓީކަމަށްވާ މާލެއާއި ފުވައްމުލަކާއި އައްޑުއާއި ކުޅުދުއްފުށްޓާއި ތިނަދޫގެ އެމްޑީޕީގެ މޭޔަރުން ވަނީ، އެ މަގާމުތައް ދިފާއުކުރައްވައިފައެވެ. އަދި އެ ސިޓީތަކުން އިދިކޮޅު އެމްޑީޕީން ވަނީ އަޣުލަބިއްޔަތު ހޯދައިފައެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާންމުކުރީ މިއަދު ހަވީރު ހަތަރެއް ޖެހުމާ ހަމައަށް ވޯޓުލީ މީހުންގެ ތަފާސްހިސާބުތަކެވެ. އެގޮތުން 294،876 މީހުންނަށް މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، ވޯޓުލީ 185،709 މީހުންނެވެ. އެއީ ވޯޓުލެވޭ މީހުންގެ އާބާދީގެ 63 ޕަސެންޓެވެ.

ވޯޓުލުމުގެ ފަހު ވަގުތު ހަވީރު ފަހެއް ޖަހަންދެން އިތުރުކުރިއިރު، ބެލެވޭ ގޮތުގައި މިއަދުގެ އިންތިޚާބުގައި 70 ޕަސެންޓާ ގާތްކުރާ އަދަދަކަށް މީހުން ވޯޓުލާނެއެވެ.

comment ކޮމެންޓް