މުޅި ފުވައްމުލައް ސިޓީ ރީނދޫކޮށްލައިފި

ފުވައްމުލައް ސިޓީގެ އެމްޑީޕީ ކެންޑިޑޭޓުން ކެމްޕޭން ޖަލްސާއެއްގެ ތެރެއިން --

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރުކަމާއި އިތުރު ހަތް ގޮނޑިއާއެކު ޖުމްލަ އަށް ގޮނޑި އިދިކޮޅު އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައެވެ. ވެރިކަން ކުރާ ޕީއެންސީއަށް ފުވައްމުލައް ސިޓީން އެއްވެސް ގޮނޑިއެއް ލިބިފައިނުވާއިރު، އަނެއް ގޮނޑި ކާމިޔާބުކުރީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓެކެވެ. ރާއްޖޭގެ އެހެން ބޮޑެތި ސިޓީތަކުންވެސް ސަރުކާރަށް ވަނީ މި އިންތިޚާބުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހިފައެވެ.

  • ފުވައްމުލައް ސިޓީ ކައުންސިލްގެ 9 ގޮނޑީގެ ތެރެއިން 8 ގޮނޑި އެމްޑީޕީން ކާމިޔާބުކުރުން
  • ސަރުކާރު ހިންގާ ޕީއެންސީއަށް އެއްވެސް ގޮނޑިއެއް ކާމިޔާބު ނުކުރެވުން
  • އެމްޑީޕީގެ ކެންޑިޑޭޓުން 50 އިންސައްތައަށްވުރެ މަތިން ވޯޓު ހޯދުން
  • މާލެ އަދި އައްޑޫ ސިޓީ ހިމެނޭހެން ހުރިހާ ސިޓީއަކުން ސަރުކާރަށް ނާކާމިޔާބުވުން

އިއްޔެ އޮތް ވާދަވެރި ލޯކަލް ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން ފުވައްމުލައް ސިޓީގެ ކައުންސިލުން ވެރިކަން ކުރާ ޕީއެންސީއަށް އެއްވެސް ގޮނޑިއެއް ކާމިޔާބު ނުކުރެވި މުޅި ސިޓީ "ރީނދޫ ވެއްޖެ"އެވެ.

މޭޔަރުގެ ގޮނޑިއާއެކު ޖުމްލަ ނުވަ މެންބަރުން އިންތިޚާބުކުރަންޖެހޭ ފުވައްމުލައް ސިޓީ ކައުންސިލްގެ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، އެއް ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް ކާމިޔާބުކޮށްފައިވަނީ އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރި ހުރިހާ ކެންޑިޑޭޓުން ވެސް އިންތިޚާބުވެފައިވަނީ ވޯޓުލީ މީހުންގެ 50 އިންސައްތައަށްވުރެ މަތީ ނަތީޖާއަކުންކަން ވަގުތީ ނަތީޖާއެއް ފެނެއެވެ.


ފުވައްމުލައް ސިޓީ ކައުންސިލްގެ ގޮނޑިތަކަށް މެންބަރުން އިންތިޚާބުވީ ގޮތުގެ ތަފްސީލަށް ބަލާއިރު:

  • މޭޔަރު: އިސްމާއިލް ރަފީގް (އެމްޑީޕީ)
  • މެންބަރު މިސްކިތްމަގު: މުޙައްމަދު ލިރާރު (އެމްޑީޕީ)
  • މެންބަރު މާލެގަން: ޚަދީޖާ މޫސާ (އެމްޑީޕީ)
  • މެންބަރު މާދަނޑު: ފާތިމަތު މާޝާ (އެމްޑީޕީ)
  • މެންބަރު ހޯދަޑު: އައިޝަތު އިބްރާހިމް (އެމްޑީޕީ)
  • މެންބަރު ފުނާޑު: އާމިނަތު އިނާޔާ (އެމްޑީޕީ)
  • މެންބަރު ދޫޑިގަން: މަރިޔަމް ޒަހީނާ އަހްމަދު (އެމްޑީޕީ)
  • މެންބަރު ދިގުވާނޑު: ހަސަން ޝިރްހާން (އެމްޑީޕީ)
  • މެންބަރު ދަޑިގަމު: ޝީޒާ އިބްރާހީމް (އަމިއްލަ)

މި ނަތީޖާއާއެކު، ފުވައްމުލައް ސިޓީ ކައުންސިލްގެ ފުރިހަމަ އަޣުލަބިއްޔަތު އެމްޑީޕީއަށް ލިބިފައިވާއިރު، ކައުންސިލްގައި ދެން ހިމެނޭނީ އަމިއްލަ ގޮތުން ވާދަކޮށް ގޮނޑި ކާމިޔާބުކުރި ޝީޒާ އިބްރާހީމެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީއެންއެފުން އެންޑޯޒްކޮށްފައިވާ ކެންޑިޑޭޓެކެވެ.

އިއްޔެ އޮތް އިންތިޚާބުގައި ރާއްޖޭގެ ހުރިހާ ސިޓީތަކުން ސަރުކާރަށް ވަނީ ބޮޑު ނާކާމިޔާބެއް ލިބިފައެވެ. ވަކިން ޚާއްސަކޮށް އެންމެ ބޮޑަށް ކެމްޕޭންކުރި ވެރިރަށް މާލެއިން ވެސް ލިބިފައިވަނީ އެ ޕާޓީން އުންމީދުކުރިވަރުގެ ނަތީޖާއެއް ވެސް ނޫނެވެ. ހަމަ އެގޮތަށް އައްޑޫ ސިޓީގައި ވެސް ޕީއެންސީން ބޮޑު ކެމްޕޭނެއް ހިންގި ނަަމަވެސް، ނަތީޖާތަކަށް ބަލާއިރު ޕީއެންސީއަށް އެ ސިޓީން ވެސް ލިބުނީ ބޮޑު ނާކާމިޔާބެކެވެ.

comment ކޮމެންޓް