މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ މިހާރު މެދުކަނޑާލާފައިވާއިރު, އެމިރޭޓްސް އެއާލައިނުން 100 އަށްވުރެ ގިނަ މަންޒިލަށް ލިމިޓެޑް ޝެޑިއުލެއްގެ ދަށުން ދަތުރުތައް ކުރަން ފަށައިފިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ފެށި ހަނގުރާމައާ ގުޅިގެން، ޔޫއޭއީގެ މައި އެއާލައިންތައް ކަމަށްވާ އެމިރޭޓްސް، އިއްތިހާދު، ފްލައިދުބާއީ އަދި އެއާ އަރަބިއްޔާއިން ދަތުރުކުރަމުންދަނީ ރައްކާތެރި ވައިގެ މަގުތައް ބޭނުންކޮށްގެންނެވެ. އެމިރޭޓްސްއިން ބުނެފައިވާ ގޮތުގައި، އެ ކުންފުނިން ދަނީ ހާލަތު ވަޒަންކުރަމުންނެވެ. އަދި ދަތުރުވެރިން ފުރުމުގެ ކުރިން ފްލައިޓް ސްޓޭޓަސް ޗެކްކުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.
ފެބްރުއަރީ 28 އިން ފެށިގެން މެއި 31 ގެ ނިޔަލަށް ދަތުރުކުރުމަށް ޓިކެޓު ނަގާފައިވާ ފަރާތްތަކަށް، މި އަހަރުގެ ޖޫން 15 ގެ ކުރިން އިތުރު އަގަކާ ނުލައި ޓިކެޓު ރީބުކް ކުރުމުގެ ފުރުސަތު ނުވަތަ ރީފަންޑަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެމިރޭޓްސްއިން ސީދާ ޓިކެޓު ނަގާފައިވާ ފަރާތްތަކަށް އޮންލައިންކޮށް ރީފަންޑަށް އެދެވޭނެއެވެ. ނަމަވެސް ޓްރެވަލް އޭޖެންޓުން މެދުވެރިކޮށް ޓިކެޓު ނަގާފައިވާ ފަރާތްތަކުން މުއާމަލާތްކުރަން ޖެހޭނީ އެ އޭޖެންޓަކާއެވެ.
މީގެ އިތުރުން، މި މަހުގެ ދެ ވަނަ ދުވަހުގެ ފަހުން ކުރާ އާ ބުކިންތަކަށްވެސް، ޓިކެޓުގެ މުއްދަތު ހަމަވުމުގެ ކުރިން އެއް ފަހަރު ހިލޭ ތާރީޚު ބަދަލުކުރެވޭނެ އިންތިޒާމު ވަނީ އެމިރޭޓްސްއިން ހަމަޖައްސާފައެވެ.
އޮންލައިންކޮށް ބަދަލު ނުގެނެވޭ ބުކިންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމިރޭޓްސްގެ ކޯލް ސެންޓަރުތަކާއި ލައިވް ޗެޓްގެ ޚިދުމަތް ވަނީ ހުޅުވާލާފައެވެ.
އެމިރޭޓްސްއިން އިތުރަށް ބުނެފައިވަނީ، ހާލަތަށް އަންނަ ބަދަލުތަކާ ގުޅިގެން ފްލައިޓް ޝެޑިއުލްތަކަށް ބަދަލުގެންނަމުންދާނެ ކަމަށެވެ.
އެމިރޭޓްސްއަކީ ރާއްޖެއަށް ވެސް ގިނަ އަދަދެއްގެ ޓޫރިސްޓުން އުފުލާ, ރާއްޖޭގެ އިގްތިސާދަށް މުހިންމު ކޮންޓިބިއުޝަނެއް ދެމުން އަންނަ އެއާލައިނެކެވެ.