ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ދ. މީދޫގެ ރައީސް ހޮވުމުގައި މައްސަލަ ޖެހުނު ވޯޓު ފޮށި އަލުން ގުނިއިރު، އެއް ވޯޓުގެ ތަފާތުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ކެންޑިޑޭޓު ކާމިޔާބުކޮށްފިއެވެ.
މި މައްސަލައަކީ ލ. ފޮނަދޫގައި ބެހެއްޓި ވޯޓު ފޮއްޓަކަށް، ވޯޓުލުމުގެ ހައްގު ނެތް ފަރާތަކުން ވޯޓުލާފައިވާކަމަށް ބުނެ އެމްޑީއޭއިން އެ ކޮމިޝަނުގެ ކޮމްޕްލެއިންސް ބިއުރޯއަށް މިދިޔަ ހޯމަ ދުވަހު ހުށަހެޅި މައްސަލައެކެވެ.
އެމްޑީއޭއިން ހުށަހެޅި މައްސަލައިގެ އިތުރުން ޕީއެންސީން ވެސް ވަނީ އެ ވޯޓު ގުނުމުގައި ބާތިލު ވޯޓެއް އޮތުމުން އަލުން ގުނައިދިނުމަށް އެދި މައްސަލައެއް ހުށަހަޅައިފައެވެ.
މައްސަލަ ބެލުމަށް ފަހުގައި، އީސީން މިއަދު ނިންމީ، ފޮނަދޫ ތިން ނަމްބަރު ވޯޓު ފޮށްޓަށް މީދޫ ކައުންސިލް ރައީސް ކަމުގެ މަގާމަށް ވޯޓުގެ ލުމުގެ ހައްގު ލިބިފައިނުވާ މީހަކު ވޯޓު ލާފައިވާ ކަމަށެވެ. އެހެންވެ، އެ ފޮއްޓަށް ވޯޓުލާފައިވާ ހަތަރު ވޯޓުގެ ތެރެއިން އެއް ވޯޓަކީ ބާތިލު ކަމަށް ވަނީ ކަނޑައަޅާފައެވެ.

މީދޫގައި މައްސަލަ ޖެހުނު ވޯޓު ފޮށި މިއަދު އަލުން އީސީން ގުނަނީ --- ސަން ފޮޓޯ/ ހުސައިން ހާފިޒު
އެހެންވެ، އެމްޑީއޭ ކެންޑިޑޭޓާއި ޕީއެންސީ ކެންޑިޑޭޓުގެ ވޯޓު އެއްވަރު ވުމުން ފޮނަދޫގައި ބެހެއްޓި ތިން ނަމްބަރު ވޯޓު ފޮށި އަލުން މިއަދު އީސީން ވަނީ ގުނާފައެވެ.
އެ ވޯޓު ފޮށީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ޕީއެންސީ ކެންޑިޑޭޓަށް ލިބުނީ 114 ވޯޓު ކަމަށްވާއިރު، އެމްޑީއޭ ކެންޑިޑޭޓަށް ލިބުނީ 127 ވޯޓެވެ.
ހުރިހާ ފޮށްޓެއްގެ ވަގުތީ ނަތީޖާއަށް ބަލާއިރު، އެމްޑީއޭއަށް މީދޫ ކައުންސިލްގެ ރައީސްކަން ކާމިޔާބުވީ، އެންމެ ވޯޓެއްގެ ފަރަގަކުންނެވެ. މިގޮތުން، ޕީއެންސީ ޓިކެޓުގައި ވާދަކުރެއްވި ސުހާއަށް 391 ވޯޓު ލިބިވަޑައިގެންނެވިއިރު، އެމްޑީއޭ ކެންޑިޑޭޓަށް ވަނީ 392 ވޯޓު ލިބިވަޑައިގެންފައެވެ.
އެ ފޮށީގެ ވޯޓު އަލުން ގުނިއިރު ވެސް ކުރިން ބާތިލުވި ވޯޓު އަނެއްކާވެސް ވަނީ ބާތިލުވެފައެވެ. އެއާއެކު ސުހާއަށް ލިބިފައިވާ ވޯޓެއް ބާތިލުކުރުމުން ކަމަށް ބުނެ އެ ތަނުގައި ތިބި މީހުން ވަނީ އަޑުގަދަކޮށް ހަމަނުޖެހުން ވެސް ހިންގާފައެވެ.

މީދޫ ކައުންސިލް ރައީސް އިންތިޚާބު ކުރުމަށް ފޮނަދޫ ތިން ނަމްބަރު ވޯޓު ފޮށި އަލުން މިއަދު ގުނަނީ --- ސަން ފޮޓޯ/ ހުސައިން ހާފިޒު
އެމްޑީއޭގެ ފަރާތުން ހުށަހެޅި ޝަކުވާގައި ބުނެފައި ވަނީ، ލ. ފޮނަދޫ ތިން ނަންބަރު ވޯޓު ފޮށްޓަށް, މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ރަޖިސްޓަރީކޮށްފައި ވަނީ އެންމެ ހަތަރު މީހުން ކަމަށެވެ. އޭގެ ތެރެއިން އެކަކު ވޯޓުލާން ފޮނަދުއަށް ނުދާއިރުވެސް، އެ ފޮށްޓަށް ހަތަރު މީހުން ވޯޓުލާފައިވާ ކަމަށް ރަސްމީ ނަތީޖާއިން ދައްކާ ކަމަށް އެމްޑީއޭއިން ފާހަގަކުރިއެވެ.
މި މައްސަލަ ހޫނުވީ ދެ ކެންޑިޑޭޓުންގެ ދެމެދުގައި އޮތް ވޯޓުގެ ފަރަގު ކުޑަކަމުންނެވެ. އީސީން ކުރިން އާންމުކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން، ޕީޕަލް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓް ސުހާ އިބްރާހީމަށް 393 ވޯޓު ލިބިވަޑައިގެންފައިވާއިރު، އެމްޑީއޭގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދަށް ލިބިވަޑައިގަތީ 392 ވޯޓެވެ. މިއީ އެންމެ ވޯޓެއްގެ ފަރަގަކަށް ވުމުން، ސައްހަ ނޫން އެންމެ ވޯޓެއް ހިމެނިފައި އޮތަސް މުޅި ނަތީޖާ ބަދަލުވެގެންދާނެތީ، އެމްޑީއޭއިން އެދުނީ މައްސަލަ ތަހުގީގުކޮށްދިނުމަށެވެ.