ލޯކަލް ކައުންސިލް އިންތިހާބުގައި، ތ. ތިމަރަފުށީ ވޯޓު ފޮށްޓެއްގެ ވޯޓު ކަރުދާސް ބަންދުކޮށްފައިވާ ސެކިއުރިޓީ އުރަތައް ކަނޑައި، އެ ވޯޓު ކަރުދާސްތައް އަލުން ގުނައި، އެ ވޯޓު ފޮށީގެ ނަތީޖާ އަލުން ކަނޑައެޅުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ހައިކޯޓުން އަމުރުކޮށްފިއެވެ.
ހައިކޯޓުން މިގޮތަށް އަމުރުކުރީ، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ތ. ތިމަރަފުށީ ކައުންސިލްގެ އިންތިޚާބުގެ ނަތީޖާ ބާތިލުކޮށް، އެ އިންތިޚާބު އަލުން ބާއްވައިދޭން ނުވަތަ، މައްސަލަ ދިމާވި، އަމީނިއްޔާ ސްކޫލުގައި ހުރި ފޮށީގެ ވޯޓު އަލުން ގުނައިދިނުމަށް، އިންތިޚާބުން ނާކާމިޔާބުވި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އިމާދުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިންތިހާބީ ޝަކުވާގެ މައްސަލައިގެ ހުކުމުގައެވެ.
ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމުގައިވަނީ، ތިމަރަފުށީ ކައުންސިލްގެ މެންބަރުކަމަށް ވާދަކުރި ކެންޑިޑޭޓުންގެ މެދުގައި ބޭއްވި އިންތިޚާބު ބާޠިލުކޮށް އެ އިންތިޚާބު އަލުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަންގައި އަމުރުކޮށްދެވެން ނެތްކަމަށް ކަނޑައަޅައިފައެވެ. އެކަމަކު، އިސްފަނޑިޔާރު އަބްދުﷲ ޖަމީލް މުހައްމަދު، ހުސެއިން މަޒީދު އަދި ޢަބްދުލްމާނިޢު ޙުސައިންގެ އިއްތިފާގުންވަނީ އަލުން ވޯޓު ގުނަން އަމުރުކޮށްފައެވެ.
ތިމަރަފުށީ އިންތިހާބާ ގުޅިގެން ހައިކޯޓުގައި އޮތް ޝަރިއަތް
ތިމަރަފުށީ ވޯޓުގެ މައްސަލަ ދިމާވީ، ވޯޓުލީ މަރުކަޒުގައި ފުރަތަމަ އިޢުލާން ކުރެވުނު ވަގުތީ ނަތީޖާ އާއި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި ޢާއްމުކޮށްފައިވާ ނަތީޖާއާއި ދެމެދު ފަރަޤުތަކެއް ހުރުމުން އުފެދިފައިވާ ޝަކުވާއެއްގެ ތެރެއިންނެވެ.
ހައިކޯޓުގެ ހުކުމުގައިވާ ގޮތުން، ތ. ތިމަރަފުށީގެ މައްސަލަ ދިމާވި ވޯޓު ފޮށީގެ "ވަގުތީ ނަތީޖާ ޝީޓް"ގައިވާ އަދަދުތައް ކަނޑައި، އެ އަދަދުތަކަށް ބަދަލު ގެނައިއިރު، އެއްވެސް ކެންޑިޑޭޓަކަށް އަދި ކެންޑިޑޭޓެއްގެ މަންދޫބަކަށްވެސް އެކަން އިލެކްޝަންސްއިން އަންގާފައެއް ނުވެއެވެ.
އަދި މީގެ އިތުރުން ނަތީޖާތައް އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓަށް އަޕްލޯޑުކުރިފަހުން، އެ ވޯޓު ފޮށީގެ ވޯޓާ ގުޅޭގޮތުން ވެބްސައިޓުގައި އާންމުކޮށްފައިވާ ވަގުތީ ނަތީޖާގައިވެސް މައްސަލައެއް އުޅޭކަން ފާހަގަކުރެވިގެން، އެ ވޯޓު ފޮށީގެ "ވޯޓު ގުނާ ކަރުދާސް" އަޅައި ކިޔައި ޗެކުކުރިއިރު، ވޯޓުލީ މަރުކަޒުގެ އޮފިޝަލުން ތައްޔާރުކުރި ދެ "ވަގުތީ ނަތީޖާ ޝީޓް" ވެސް ރަނގަޅުނޫންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާކަން ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ.