ވިލް ސްމިތްގެ ވަރަށް ވަރުގަދަ އެކްޝަން ފިލްމަކަށް ތައްޔާރުވަނީ

ހޮލީވުޑްގެ މަގުބޫލު އެކްޓަރު ވިލް ސްމިތް--ފޮޓޯ/ދަހޮލީވުޑްރިޕޯޓަ

މަޝްހޫރު އެކްޓަރު ވިލް ސްމިތު، ޑޭވިޑް ގޯޑަން ގްރީންގެ އާ އެކްޝަން ތުރިލާ ފިލްމު "ސުޕަރމެކްސް" ގެ ލީޑު ރޯލަށް ސޮއިކޮށްފިއެވެ. މި ފިލްމުގެ ރައިޓްސް އެމެޒޯންގެ އެމްޖީއެމް ސްޓޫޑިއޯއިން 70 މިލިއަން ޑޮލަރަށް ގަނެފައިވާއިރު، މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ސީދާ ސްޓްރީމިންގް ޕްލެޓްފޯމްތަކަށެވެ. މިއީ އޮސްކާ އެވޯޑް ހަފްލާގައި ހިނގި ހާދިސާއަށްފަހު، ވިލް ސްމިތުގެ ފިލްމީ ކެރިއަރު އަލުން އާރާސްތުކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.

  • ފިލްމުގެ މައިގަނޑު ވާހަކަ ބިނާކޮށްފައިވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ޖަލެއްގައި ހިނގާ ކުށެއް ތަހުގީގުކުރާ އިސް އިންވެސްޓިގޭޓަރެއްގެ މައްޗަށެވެ.
  • ފިލްމުގެ ކޮޕީ ރައިޓްސް އެމެޒޯންއިން ގަނެފައިވަނީ ކާންސް ފިލްމު ފެސްޓިވަލްގެ ކުރިންނެވެ.
  • ފިލްމުގައި ހަރަކާތްތެރިވާނެ އަންހެން ލީޑު އެކްޓަރެއް އަދި ފިލްމު ނެރޭނެ ރަސްމީ ތާރީޚެއް މިހާތަނަށް އިއުލާނުކޮށްފައެއް ނުވެއެވެ.
  • އޮސްކާ ސަސްޕެންޝަނަށްފަހު، "ބޭޑް ބޯއީސް ރައިޑް އޯ ޑައި" އަށްފަހު ވިލް ސްމިތު ސޮއިކުރި އެންމެ ފަހުގެ ފިލްމަކީ މިއީއެވެ.

ޑޭވިޑް ގޯޑަން ގްރީންގެ އާ ފިލްމު "ސުޕަރމެކްސް"ގައި، ދުނިޔޭގެ އެންމެ ވަރުގަދަ ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާ ޖަލެއްގެ ތެރޭގައި ހިނގާ މަރުގެ ހާދިސާއެއް ތަހުގީގުކުރާ އެފްބީއައި އެޖެންޓެއްގެ ރޯލަށް ހޮލީވުޑްގެ ކުޅަދާނަ އެކްޓަރު ވިލް ސްމިތު ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

މި އެކްޝަން-ތުރިލާގެ މައިގަނޑު ރޯލްއިން ވިލް ފެންނާނެއިރު، ފިލްމުގައި އޭނާ އަދާކުރާނީ ޖަލެއްގެ ތެރޭގައި ހިނގާ ކުށެއް ތަހުގީގުކުރާ އިސް އިންވެސްޓިގޭޓަރެއްގެ ރޯލެވެ. މި ފިލްމުގެ އަންހެން ލީޑް ރޯލުތައް ކުޅޭނެ ފަންނާނުން އަދި މިހާތަނަށް އިއުލާނުކޮށްފައެއް ނުވެއެވެ.

މި ފިލްމުގެ ރައިޓްސް އެމެޒޯންގެ އެމްޖީއެމް ސްޓޫޑިއޯއިން 70 މިލިއަން ޑޮލަރަށް ގަނެފައިވާއިރު، ރިޕޯޓްތައް ބުނާގޮތުގައި މި ފިލްމު ސިނަމާތަކުގައި ދެއްކުމުގެ ބަދަލުގައި ރިލީޒްކުރާނީ ސީދާ ސްޓްރީމިންގް ޕްލެޓްފޯމްތަކަށެވެ.

ވިލް ސްމިތް އަދި ޑައިރެކްޓަރު ޑޭވިޑް ގޯޑަން ގްރީން--ފޮޓޯ/ދަހޮލީވުޑްރިޕޯޓަ

"ދަ އެކްސޯސިސްޓް: ބިލީވާ" އަދި "ހެލޮވީން" ފަދަ މަޝްހޫރު ފިލްމުތައް އުފެއްދި ޑޭވިޑް ގޯޑަން ގްރީން ޑައިރެކްޓްކުރާ މި ފިލްމުގެ ކޮޕީ ރައިޓްސް، މި އަހަރުގެ ކާންސް ފިލްމު ފެސްޓިވަލްގައި އެހެން ކުންފުނިތަކަށް ހުށަހެޅުމުގެ ކުރިން އެމެޒޯންއިން ވަނީ ގަނެފައެވެ.

މީގެ ހަތަރު އަހަރުކުރިން ބޭއްވި އޮސްކާ އެވޯޑް ހަފްލާގައި ކްރިސް ރޮކްގެ ކޮލުގައި ޖެހި ހާދިސާއާ ގުޅިގެން ވިލް ސުމިތުގެ ފިލްމީ ކެރިއަރަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

އެ ހާދިސާގެ ސަބަބުން 10 އަހަރު ދުވަހުގެ މުއްދަތަކަށް އޭނާ އޮސްކާ އެވޯޑްސްއިން ސަސްޕެންޑްކުރެވުނެވެ. އިއްތިފާގުން އެ ހާދިސާ ހިނގީ "ކިންގް ރިޗަޑް" ފިލްމުގައި އޭނާ ދެއްކި މޮޅު ހުނަރަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑް ލިބުނު ރޭގައެވެ.

އެ ހާދިސާއަށް ފަހު ވިލްގެ ބައެއް މަޝްރޫއުތައް މަޑުޖެހުނު ނަމަވެސް، މިހާރު އަނެއްކާވެސް ވިލް ދަނީ ފިލްމީ ދާއިރާގައި ހަރަކާތްތެރިވަމުންނެވެ.

އެގޮތުން 2024 ވަނަ އަހަރު ނުކުތް "ބޭޑް ބޯއީސް: ރައިޑް އޯ ޑައި"އިން ވިލް ފެނުނުއިރު، "ސުޕަރމެކްސް" އަކީ ކުޅަދާނަ އެކްޓަރު ސޮއިކުރި އެންމެ ފަހުގެ ފިލްމެވެ.

މީގެ އިތުރުން "ބެލް އެއާ" ސީރީޒްއިންނާއި ނޭޝަނަލް ޖިއޮގްރަފިކްގެ "ޕޯލް ޓު ޕޯލް" ޑޮކިއުމެންޓްރީއިން ވެސް ވިލް ފަހަކަށް އައިސް ވަނީ ފެނިފައެވެ.

ވިލް "ސުޕަރމެކްސް"ގެ ނަމުގައި އުފައްދާ ފިލްމަށް ތައްޔާރުވަމުން އަންނައިރު މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ ރަސްމީ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.

comment ކޮމެންޓް