ޓެކްސްއާ ގުޅޭގޮތުން ޝަކީރާއާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ލަވަކިޔުންތެރިޔާ ކާމިޔާބު ހޯދައިފި

ކޮލަމްބިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ކޮލަމްބިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާއާ ދެކޮޅަށް ސްޕެއިންގައި އުފުލާފައިވާ 2011 ވަނަ އަހަރުގެ ޓެކްސް މައްސަލައިގައި އޭނާ ވަނީ ކާމިޔާބު ހޯދާފައެވެ. ސްޕެއިންގެ ހައިކޯޓުން ނިންމާފައިވަނީ ޝަކީރާ ދައްކާފައިވާ ޓެކްސް ފައިސާއާއި ޖޫރިމަނާ، އޭގެ އިންޓްރެސްޓާއެކު އަނބުރާ ދިނުމަށެވެ. މިއީ 60 މިލިއަން ޔޫރޯއަށްވުރެ ބޮޑު އަދަދެކެވެ. މި މައްސަލަ އުފެދުނީ 2011 ވަނަ އަހަރު ޝަކީރާ ސްޕެއިންގައި 183 ދުވަހަށްވުރެ ގިނަ ދުވަހު އުޅުނުކަމަށް ބުނެއެވެ. ނަމަވެސް، އޭނާ އެ ގައުމުގައި ހޭދަކުރީ 163 ދުވަސްކަން ކޯޓަށް ސާބިތުވުމާއެކު، ޓެކްސް ދައްކަން ނުޖެހޭނެކަމަށް ވަނީ ކަނޑައަޅާފައެވެ.

  • 2011 ވަނަ އަހަރުގެ ޓެކްސް މައްސަލައިގައި ޝަކީރާއަށް ކާމިޔާބު ލިބި، ދެއްކި ފައިސާ އަނބުރާ ލިބޭނެއެވެ.
  • އަނބުރާ ލިބޭ ފައިސާގެ ޖުމްލަ އަދަދު 60 މިލިއަން ޔޫރޯއަށްވުރެ ގިނައެވެ.
  • ޓެކްސް ދައްކަން ލާޒިމުވާ 183 ދުވަހުގެ ބަދަލުގައި އޭނާ ސްޕެއިންގައި ހޭދަކުރީ 163 ދުވަހެވެ.
  • މިއީ ކުރިން ނިމިފައިވާ 2012 އާއި 2014 ގެ ޓެކްސް މައްސަލަތަކާ ގުޅުމެއް ނެތް ވަކި ނިންމުމެކެވެ.
  • މި ކާމިޔާބީ ލިބިފައިވަނީ އޭނާގެ ދުނިޔޭގެ ޓުއާ ނިންމާލުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

ކޮލަމްބިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ، ސްޕެއިންގައި އޭނާއާ ދެކޮޅަށް އުފުލާފައިވާ ޓެކްސް މައްސަލައަކުން ކާމިޔާބު ހޯދައިފިއެވެ.

ސްޕެއިންގެ ހައިކޯޓުން ވަނީ ޝަކީރާ ދައްކާފައިވާ ޓެކްސް ފައިސާއާއި ޖޫރިމަނާ، އޭގެ އިންޓްރެސްޓާއެކު އަނބުރާ އޭނާއަށް ދިނުމަށް އެ ގައުމުގެ ޓްރެޜަރީގެ މައްޗަށް އަމުރުކޮށްފައެވެ.

ރޮއިޓާސް ނިއުސް އެޖެންސީއަށް ލިބިފައިވާ ކޯޓު ލިޔެކިޔުންތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އަނބުރާ ދައްކަންޖެހޭ މި ފައިސާގެ ޖުމްލަ އަދަދު 60 މިލިއަން ޔޫރޯއަށްވުރެ ގިނައެވެ.

މި މައްސަލައަކީ 2011 ވަނަ އަހަރުގެ ޓެކްސްއާ ގުޅޭގޮތުން އުފެދުނު ދެބަސްވުމެކެވެ. ސްޕެއިންގެ ހައިކޯޓުން ހާމަކުރި ގޮތުގައި، 2011 ވަނަ އަހަރުގެ ތެރޭގައި 183 ދުވަހަށް ވުރެ ގިނަ ދުވަހު ޝަކީރާ ސްޕެއިންގައި އުޅުނުކަން ސާބިތުކޮށްދިނުމަށް ޓެކްސް އިދާރާތައް ވަނީ ނުކުޅެދިފައެވެ.

ޝަކީރާ ލޯބިވެރިޔާ، އިނގިރޭސި އެކްޓަރު ލޫސިއޭ ލަވުސްކައުންޓްއާ އެކު--ފޮޓޯ/އިންސްޓްގްރާމް

ގާނޫނީ ގޮތުން ސްޕެއިންގައި އާމްދަނީގެ ޓެކްސް ދައްކަން ޖެހެނީ އެ ގައުމުގައި އަހަރެއްގެ ތެރޭގައި މަދުވެގެން 183 ދުވަސް ހޭދަކޮށްފި ނަމައެވެ.

މިދިޔަ މަހު ނެރުނު އަދި އޭއެފްޕީ ނިއުސް އެޖެންސީއަށް ފެނިފައިވާ މި ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޝަކީރާ 2011 ވަނަ އަހަރު ސްޕެއިންގައި ހޭދަކޮށްފައިވަނީ ޖުމްލަ 163 ދުވަހެވެ.

އެހެންކަމުން، ޓެކްސް އިދާރާތަކުން އޭނާގެ މައްޗަށް ކަނޑައެޅި ޓެކްސްގެ އަދަދުތަކާއި މިލިއަނުން ކުރި ޖޫރިމަނާތައް ކޯޓުން ވަނީ ބާތިލުކޮށްފައެވެ. އަދި އޭނާ ދެއްކި ހުރިހާ ފައިސާއެއް ގާނޫނީ އިންޓްރެސްޓާ އެކު އަނބުރާ ރައްދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައަކީ 2012 އާއި 2014އާ ދެމެދު ލިބުނު އާމްދަނީގެ ޓެކްސްއާ ގުޅޭގޮތުން 2023 ވަނަ އަހަރު ޝަކީރާ އެއްބަސްވުމަކަށް އައިސް ނިންމާލި މައްސަލައާ ގުޅުމެއް ނެތް ވަކި މައްސަލައެކެވެ.

މީގެ އިތުރުން 2018 ވަނަ އަހަރުގެ ޓެކްސްއާ ގުޅޭގޮތުން އޭނާގެ މައްޗަށް ކުރި ތުހުމަތުތަކެއް ވެސް 2024 ވަނަ އަހަރު ސްޕެއިންގެ ކޯޓަކުން ވަނީ ބޭރުކޮށްލާފައެވެ.

މި ހުކުމް މި އައީ، އަންނަ ސެޕްޓެމްބަރު މަހު މެޑްރިޑްގައި ފަށާ ކޮންސަޓްތަކާ އެކު، ޝަކީރާގެ ރެކޯޑްތައް މުގުރާލި "ވިމެން ޑޯންޓް ކްރައި އެނީމޯ" ވޯލްޑް ޓުއާ ނިންމާލުމަށް އޭނާ ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

comment ކޮމެންޓް