ނަޝީދު ހުށަހެޅުއްވި ޑީއާރުޕީގެ ދަރަނި މައްސަލަ ހައިކޯޓުން ބަލައިނުގަތް

ޑީއާރްޕީގެ ކުރީގެ ޒައީމް، ރައީސް މައުމޫން އަދި ކުރީގެ ލީޑަރު ކާނަލް މުހައްމަދު ނަޝީދު-- ފޮޓޯ/ މައުމޫން ޓުވިޓާ

ޑީއާރުޕީ އުވާލިއިރު އެ ޕާޓީގެ ލީޑަރަކަށް ހުންނެވި މުޙައްމަދު ނަޝީދު (ކާނަލް ނަޝީދު)، ޕާޓީގެ ދަރަންޏަށް ޒިންމާވާންޖެހޭނެކަމަށް ސިވިލް ކޯޓުން ކުރި ޙުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެ ކޯޓުގެ ރަޖިސްޓްރާ ވަނީ މައްސަލަ ބަލައިނުގަތުމަށް ނިންމަވާފައެވެ. މި މައްސަލައަކީ ކުޑަހުވަދޫ ދާއިރާގެ ކުރީގެ މެންބަރު އަޙުމަދު އާމިރުގެ ކުންފުނިތަކަކަށް ދައްކަންޖެހޭ 4.04 މިލިއަން ރުފިޔާގެ ދަރަންޏެކެވެ. މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމީ، ސިވިލް ކޯޓުގެ ނިންމުމަކީ ނަޝީދުގެ ޣައިރު ހާޒިރުގައި ކޮށްފައިވާ ޙުކުމަކަށްވުމުން، އެ މައްސަލަ އަލުން ސިވިލް ކޯޓަށް ހުށަހެޅުމުގެ ފުރުޞަތު އޮތުމުންނެވެ.

  • ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ ޑީއާރުޕީގެ 4.04 މިލިއަން ރުފިޔާގެ ދަރަންޏަށް ކާނަލް ނަޝީދު ޒިންމާވުމަށެވެ.
  • މި ފައިސާއަކީ 2007 އިން 2009 އަށް އާމިރުގެ ކުންފުނިތަކުން ފޯރުކޮށްދިން ޚިދުމަތްތަކުގެ އަގެވެ.
  • ނަޝީދުގެ މައްޗަށް ޙުކުމް އައީ، ޕާޓީ އުވާލިއިރު އެންމެ އިސް ފަރާތަކީ އޭނާ ކަމަށްވުމުންނެވެ.
  • ހައިކޯޓުން މައްސަލަ ބަލައިނުގަތީ، މިއީ ޣައިރު ހާޒިރުގައި ކޮށްފައިވާ ޙުކުމަކަށްވާތީއެވެ.
  • ޑީއާރުޕީގެ ދަރަންޏަށް ކާނަލް ނަޝީދު ޒިންމާވާންޖެހޭނެކަމަށް އޮތް ޙުކުމް ހައިކޯޓުން ބަލައެއްނުގަތެވެ.
  • މައްސަލަ ބަލައިނުގަތީ ސިވިލް ކޯޓަށް އަލުން ހުށަހެޅުމުގެ ފުރުޞަތު އޮތުމުންނެވެ.
  • 14 ދުވަހުގެ ތެރޭގައި 4.04 މިލިއަން ރުފިޔާ ދައްކަން ކޯޓުން ކުރިން އޮތީ އަންގާފައެވެ.
  • ޕާޓީ އުވާލިއިރު އިސްކޮށް ހުންނެވި ފަރާތުގެ ހައިސިއްޔަތުން ދަރަންޏަށް ޒިންމާވާންޖެހުނު ނަމަވެސް، ޚިދުމަތް ހޯދިއިރު ލީޑަރަކީ ނަޝީދެއް ނޫނެވެ.

މިހާރު އުވާލާފައިވާ، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ދަރަންޏަށް، އެ ޕާޓީގެ ކުރީގެ ލީޑަރު މުޙައްމަދު ނަޝީދު ޒިންމާވާން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން، ހައިކޯޓުގައި އިސްތިއުނާފްކުރުމަށް ހުށަހެޅުމުން އެ މައްސަލަ ބަލައިނުގަންނަން އެ ކޯޓުގެ ރަޖިސްޓްރާ ނިންމައިފިއެވެ.

ޑީއާރުޕީގެ ދަރަންޏަށް، އެ ޕާޓީގެ ކުރީގެ ލީޑަރު ނަޝީދު (ކާނަލް ނަޝީދު) ޒިންމާވާން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން، ހައިކޯޓުގައި އިސްތިއުނާފު ކުރީ ނަޝީދުގެ ފަރާތުންނެވެ. އެކަމަކު، މިދިޔަ އާދިއްތަ ދުވަހު ހައިކޯޓުން ނިންމީ އެ މައްސަލަ ހައިކޯޓަށް ބަލައި ނުގަންނާށެވެ.

ހައިކޯޓުން އެ މައްސަލަ ބަލައިނުގަންނަން ނިންމީ، އެ މައްސަލައަކީ ނަޝީދުގެ ޣައިރު ހާޒިރުގައި ހުކުމް ކުރި މައްސަލައަކަށްވުމުން އެ މައްސަލަ ސިވިލް ކޯޓަށް އަލުން ހުށަހެޅޭނެ ކަމަށް ބުނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އާމިރަށް ޑީއާރުޕީން ދައްކަންޖެހޭ ހަތަރު މިލިއަން ރުފިޔާގެ ދަރަނި، އެ ޕާޓީގެ ކުރީގެ ލީޑަރު ނަޝީދު ދައްކަން ޖެހޭނެ ކަމަށް މީގެ ދުވަސްކޮޅެއް ކުރިން ހުކުމް ކުރީ ސިވިލް ކޯޓުގެ ގާޒީ އަޒްފާ އަބްދުލް ގަފޫރުއެވެ.

އަޒްފާގެ ހުކުމަކުން، ކާނަލް ނަޝީދުގެ މައްޗަށް ޒިންމާކުރުވި ފައިސާއަކީ، ކުޑަހުވަދޫ ދާއިރާގެ ކުރީގެ މެންބަރު އާމިރު ހިންގި ވީޑިއޯ ޕްރޮޑަކްޝަންގެ ދެ ކުންފުންޏަކުން 2007 ވަނަ އަހަރުން ފެށިގެން 2009 އާ ހަމައަށް ޑީއާރުޕީގެ ބައެއް ހަރަކާތްތައް ވީޑިއޯ ކުރުމާއި، އެޑިޓް ކުރުމާއި، ސާމާނު ފޯރުކޮށްދީގެން ދީފައިވާ ޚިދުމަތްތަކުގެ އަގެވެ. އޭރު ނަޝީދަކީ ޑީއާރުޕީގެ ލީޑަރެއް ނޫނެވެ.

ޑީއާރުޕީން ދައްކަން ޖެހޭ ފައިސާ ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި އިތުރު 16.3 މިލިއަން ރުފިޔާ އޮތްނަމަވެސް، ހައިކޯޓުން ކުރިން ނިންމާފައިވަނީ ޖޫރިމަނާ އެއްކޮށް އުނި ކުރުމަށްފަހު، ޚިދުމަތުގެ އަގު އެކަނި ނަގައިދޭށެވެ.

ހައިކޯޓުގެ އެ ހުކުމް ސުޕްރީމް ކޯޓާ ހިސާބަށް ވެސް ދިޔައެވެ. އެކަމަކު އެ މައްސަލަ ޝަރުއީ މަރުހަލާގައި އޮއްވައި، ޑީއާރުޕީ ވަނީ އުވާލާފައެވެ. އެއީ ސިޔާސީ ޕާޓީއެއްގެ ޝަރުތުތައް ފުރިހަމަ ނުވާތީއެވެ.

އެ ޕާޓީ އުވާލިއިރު ގިނަ އަދަދެއްގެ ދަރަނި އޮތްއިރު، އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައި ވަނީ އެ ދަރަންޏަށް ޒިންމާވާން ޖެހޭނީ ޕާޓީ އުވާލިއިރު އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުރި މީހާ ކަމަށެވެ.

ޑީއާރްޕީ އުވާލިއިރު ޕާޓީގެ ރައީސްގެ މަގާމުގައި ނަޝީދު ހުންނެވި ނަމަވެސް، ނަޝީދުގެ ފަރާތުން އެ މައްސަލާގައި ކޯޓުގައި ޖަވާބުދާރީވެފައެއް ނުވެއެވެ. އެހެންކަމުން ކޯޓުން ކޭސް ނިންމީ ޣައިރު ހާޒިރުގައެވެ.

ނަޝީދު ޣައިރު ހާޒިރުގައި ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ ހިދުމަތުގެ އަގަށްވާ 4.04 މިލިއަން ރުފިޔާއަކީ އާމިރަށް ލިބެންޖެހޭ ފައިސާ ކަމަށް ކަނޑައަޅައި، އެ ފައިސާ 14 ދުވަސް ތެރޭގައި ދައްކައި ޚާލާސްކުރުމަށެވެ.

comment ކޮމެންޓް