ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ނުސީދާ ގޮތެއްގައި ފާޑުވިދާޅުވެ، އެ މަނިކުފާނުގެ ވެރިކަމުގައި ކުރީގެ ރައީސް އަދި ބޭބޭފުޅު މައުމޫން އަބްދުލްގައްޔޫމް ޖަލުގައި އޮންނެވި ހާލަތަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ރޭ އަލިއަޅުއްވާލައްވައިފިއެވެ.
ވެރިކަން ކުރާ ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސަށް އެރުވި، ރޭގެ މަހާސިންތާގައި ރައީސް ވަނީ މާޒީގައި ޝަރުއީ ދާއިރާ އޮތް ގޮތާއި މިހާރު ޝަރުއީ ދާއިރާ އޮތް ގޮތާ ގުޅޭ ގޮތުން އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތް ހާމަކުރައްވައިފައެވެ. އެގޮތުން މާޒީގައި ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވައި، "ފަނޑިޔާރުން ރަހީނުކުރުމާއި، ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރުން" ފަދަ ކަންކަން ކުރި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިޝާރާތް ކުރެއްވީ، ޔާމީންގެ ވެރިކަމުގައި މައުމޫން ހިމެނޭ ގޮތަށް، ސިޔާސީ ގޮތުން އިދިކޮޅު ގިނަ ލީޑަރުން ޖަލަށްލި މައްސަލައަށެވެ. އެ ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ފެބްރުއަރީ 1، 2018ގެ ރޭ، ސުޕްރީމް ކޯޓުން ކުއްލި އަމުރެއް ނެރުނެވެ.
އެ އަމުރު ނެރުނީ އެއްވެސް އަޑުއެހުމެއް ވެސް ނުބާއްވައި، އެ މައްސަލަ ސުޕްރީމް ކޯޓުން ވެސް ނިންމިތާ އެތައް ދުވަހެއް ފަހުންނެވެ.

ކުރީގެ ރައީސް މައުމޫން ހައްޔަރުކޮށްފައި ބެހެއްޓި ދުވަސްވަރު، ކޯޓަށް ހާޒިރުކުރުން -- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް
އެހެންވެ، ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރައްވައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަލީ ހަމީދާއި އަބްދުﷲ ސައީދު ހައްޔަރުކުރެއްވިއެވެ. 'ސުޕްރީމް ކޯޓު ފުރާޅުން ޓިނު ނެގި'އޭ ކިޔަނީ އެ މައްސަލައިގައި ފަނޑިޔާރުން ހައްޔަރުކުރިއިރެވެ. އެ ފަނޑިޔާރުންނާ ދެކޮޅަށް ރިޝްވަތުގެ މައްސަލަ ބަލައި، ތަހުގީގަށް ފޯނު ނުދިން މައްސަލައިގައި އެ ދެ ފަނޑިޔާރުން ޖަލަށް ވެސް ލިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ، އެ ބޭފުޅުން ޖަލުގައި ތިއްބެވި ދުވަސްވަރު ކެބިނެޓުގެ ބައެއް ވަޒީރުން އެދިވަޑައިގެންނެވުމުން ހާލު ބައްލަވާލެއްވުމަށް އެ މަނިކުފާނު ވަޑައިގެންނެވި ކަމަށެވެ.
"އަޅުގަނޑަށް ވަރަށް އުނދަގޫ އިހުސާސެއްވީ... އެ ބޭފުޅުން ތިއްބެވީ ހަމަ ކުޑަގޮޅީގައި، ނޫނީ ވަރަށް ހާލުގައި... އަޅުގަނޑު އަމިއްލައަށް ތަޖުރިބާ ކުރި ކަންތައް މިއީ. އެހެންވީމަ އެހާވަރަކަށް ޝަރުއީ ދާއިރާ މިނިވަން ވާނީ،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ އަދުލުވެރިކަމާއެކު ވެރިކަން ކުރުމަށްޓަކައި ޝަރުޢީ ދާއިރާ އޮންނަންޖެހޭނީ ފުރިހަމައަށް މިނިވަންވެފައި ކަމަށެވެ. އެގޮތުން 2023 ވަނަ އަހަރު މި ސަރުކާރު ވެރިކަމާ ހަވާލުވި ދުވަހުން ފެށިގެން ޝަރުޢީ ދާއިރާއަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް ފޯރުވާފައިނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ މަނިކުފާނު ދެއްވިއެވެ.

ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރި ދުވަހު ރައީސް ޑރ. މުއިއްޒާއެކު -- ސަން ފޮޓޯ/ މާހިލް އާތިފް
"ސަތާރަ ނޮވެންބަރު 2023ގައި އެންމެ ފުރަތަމަ ރައްޔިތުންނާ ވާހަކަދައްކަމުން ދިޔަ ވަގުތު އަޅުގަނދު ދެންނެވިން މި ހިނދުން މި ހިނދަށް ޝަރުއީ ދާއިރާ މިނިވަންވީއޭ އެއޮތީ މިނިވަން ވެފައޭ. އެ ދުވަހުން ފެށިގެން ބައްލަވާ މިއަދާ ހަމައަށް އައިއިރު ޝަރުއީ ދާއިރާ އޮތީ މިނިވަންކޮށްތޯ ނޫންތޯ. އެއްވެސް ވަރަކަށް ސަރުކާރުން ނުފޫޒެއް ނުފޯރުވާ! އެއްވެސް ވަރަކަށް ނުފޯރުވާ!" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރުޢީ ދާއިރާގެ މަސައްކަތްތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ބަޖެޓުގެ މައްސަލަތައް ހައްލުކޮށްދީ، މަސައްކަތް ނުފެށި ލަސްވެފައި އޮތް ސުޕީރިއާ ކޯޓު ކޮމްޕްލެކްސްގެ އައު އިމާރާތުގެ މަސައްކަތް ވެސް މިހާރު ހަވާލުކުރެވިފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ގައުމުގައި އަދުލުއިންސާފު ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެއްވެސް ތަފާތުކުރުމެއް ނެތި ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑު ފުރިހަމަ މާނައިގައި މި ގައުމުގައި އަދުލުވެރިކަން ގާއިމްކުރާނަން. އޭގެ މާނައަކީ ކުށްކުރާ މީހަކަށް އަދަބު ލިބޭނެއޭ. އެމީހާ އަކީ ކާކުތޯ، ކާކުގެ ދަރިއެއްތޯ، ކޮން ޕާޓީއަކަށް ނިސްބަތްވާ މީހެއްތޯ ނުބަލާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ގާނޫނުގެ ވެރިކަން ނެގެހެއްޓުން ދޫކޮށްލުމަކީ އަދުލުވެރިވުން ކަމަށް ސަރުކާރުން ނުދެކޭ ކަމަށެވެ. އަދި ކޮންމެ ހާލަތެއްގައިވެސް ގާނޫނުއަސާސީއާއި ގާނޫނުތައް ތަންފީޒުކުރުންމަތީ ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވިއެވެ.
ރައީސް އެ މޭރުމުން ވާހަކަދެއްކެވިއިރު، އެ މަނިކުފާނު ވެރިކަމަށް ވަޑައިގަތީ ޔާމީންގެ ތާއިދާއެކުގައެވެ. އެއީ މިދިޔަ ސަރުކާރުގައި އިދިކޮޅުގައި އޮތް ޕީޕީއެމާއި ޕީއެންސީގައި ކޯލިޝަނުން ޔާމީނަށް ރިޔާސީ ޓިކެޓް އެރުވި ނަމަވެސް، އެ މަނިކުފާނު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވުމުން އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލުމުންނެވެ.
ޔާމީން ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވީ، ރާއްޖޭގެ ތާރީޚުގައި ހިނގައިފައިވާ އެންމެ ބޮޑު އެއް ކޮރަޕްޝަނުގެ މައްސަލަ ކަމަށްވާ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅުންހުރި މައްސަލައެއްގައެވެ. އެ ޚިޔާނާތް ހިނގައިފައިވަނީ ޔާމީންގެ ވެރިކަމުގައި ކަމަށްވާއިރު އެ މަނިކުފާނާއި އެ މަނިކުފާނަށް ތާއިދުކުރައްވާ މީހުން ވަނީ ޔާމީނަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށްފައެވެ. އަދި ރައީސް މުއިއްޒުގެ ރިޔާސީ ކެމްޕޭން ތެރޭގައި އެންމެ މުހިންމު އެއް ވައުދުފުޅަކަށް އޮތީ ޔާމީން މިނިވަން ކުރެއްވުމެވެ.
ރައީސް މުއިއްޒު ވެރިކަމަށް އިންތިޚާބުވުމާއެކު ޔާމީން ގޭ ބަންދަށް ބަދަލުކުރެއްވިއެވެ. ނަމަވެސް ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްތާ މާ ގިނަ ދުވަހެއް ނުވެ ދެ ބޭފުޅުންގެ ގުޅުން ވަނީ ގޯސްވެފައެވެ. އަދި ޔާމީން މިނިވަން ކުރުމަކީ ހަމައެކަނި ކޯޓުތަކަށް ކުރެވޭނެ ކަމެއް ކަމަށާއި، ކޯޓުތަކަށް ނުފޫޒު ނުފޯރުވާނެ ކަމަށް ރައީސް ގެންދަވަނީ ވިދާޅުވަމުންނެވެ. އެ މައްސަލައިގައި ޔާމީނާއި އެ މަނިކުފާނަށް ތާއިދުކުރާ މީހުންގެ ފާޑުކިޔުންތައް ރައީސަށް އޮތީ އަމާޒުވެފައެވެ.