އެމްޑީޕީގެ ޗެއާޕާސަންގެ އިސް ވާޖިބަކީ ޕާޓީ ހިންގައި އެތެރޭގެ ގުޅުން ވަރުގަދަކުރުން، އެކަން ކުރަން ނިކުތީ އިޚްލާސްތެރިކަމާއެކު: މީކާއީލް

މީކާއީލް އަޙްމަދު ނަސީމް: ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން ސަމާލުކަން އެންމެ ބޮޑަށް ދޭން ޖެހޭނީ ޕާޓީ ހިންގައި، ޕާޓީގެ މެންބަރުންގެ އެތެރޭގެ ގުޅުން ވަރުގަދަކުރުމަށް ކަމަށް --- ފޮޓޯ: އިތުބާރު ކެމްޕެއިން ޓީމް

މައި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ސަމާލުކަން އެންމެ ބޮޑަށް ދޭން ޖެހޭނީ ޕާޓީ ހިންގައި، ޕާޓީގެ މެންބަރުންގެ އެތެރޭގެ ގުޅުން ވަރުގަދަކުރުމަށް ކަމަށް، އެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ރޭ ވިދާޅުވެއްޖެއެވެ.

މާފަންނު ބޮނޑިބަތް ޕާކުގައި މީކާއީލްގެ "އިތުބާރު" ކެމްޕެއިންގެ ފަރާތުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މީކާއީލް ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިންތިޚާބުކޮށްދީފިނަމަ، އެ މަގާމަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކޮށާ މަގަކަށް އޮންނަ އޮތުން ނިމުމަކަށް ގެންނާނަން ކަމަށެވެ.

"އެމްޑީޕީގެ ޗެއާޕާސަންގެ ފުލް ފޯކަސް ހުންނަންވާނީ މި ޕާޓީ ހިންގައިދޭން، މި ޕާޓީގެ، ރަށްރަށުގައި ތިބި އާންމު މެންބަރުންނާއި އަޅުގަނޑުމެންގެ މައި އޮފީހާއި، އެ ޕާޓީގެ، އަޅުގަނޑުމެންގެ ރަށްތަކުގައި އޮތް ގޮފިތަކާއި ދާއިރާތަކާއި މި ޕާޓީގެ މައި އޮފީހާ، އިންތިޚާބެއް އޮތަސް، އިންތިޚާބެއް ނެތަސް، އަޅުގަނޑުމެންގެ ގުޅުން ކެނޑިޔަނުދީ އެ ހިފަހައްޓައިދިނުން، އެއީ ޗެއާޕާސަންގެ އެންމެ އިސް ވާޖިބަކީ،" މީކާއީލް ވިދާޅުވިއެވެ.

މީގެ އިތުރުން، އޭނާ އެމްޑީޕީގެ ޗެއާޕާސަންކަމަށް އިންތިޚާބުކޮށްދީފިނަމަ، އެ ޕާޓީ ވެރިރަށް މާލެއަށް ބަރޯސާވެފައި އޮންނަ އޮތުން ހުއްޓުވައި، ރަށްރަށުގައި ހަރަކާތްތެރިކޮށްދެއްވާނެ ކަމަށް، މީކާއީލް ވިދާޅުވިއެވެ.

ހަމަ އެހެންމެ، ދެން އަންނަ ރިޔާސީ އިންތިޚާބުގެ ކުރިން، އެމްޑީޕީއަކީ އެންމެ ބޮޑު، އެންމެ ޒުވާން ޕާޓީއަކަށް ހައްދަވައިދެއްވާނެ ކަމަށް، މީކާއީލް ވައުދުވެވަޑައިގަތެވެ. އެކަން ކުރައްވާނެ ގޮތަކީ، އޭނާ ވިދާޅުވިގޮތުގައި، އެމްޑީޕީއަށް ލިބޭ ފައިސާއިން ވަކި މިންވަރެއް، އެ ޕާޓީގެ ޒުވާނުންގެ ގޮފި ކަމަށްވާ ޒުވާނުންގެ ހިތްވަރާއި، އަންހެނުންގެ ގޮފި ކަމަށްވާ އަންހެނުންގެ ރޫހަށް ޚާއްސަކޮށްދީގެންނެވެ.

"ތި ބޭފުޅުންނަށް ޗެއާޕާސަންއަށް އާދޭސް ނުދަންނަވައި، އެމްޑީޕީގެ މައި އޮފީހަށް އާދޭސް ނުދަންނަވައި، ތި ބޭފުޅުންގެ ހަރަކާތްތައް ހިންގުމުގެ މިނިވަންކަން މި ޕާޓީގެ ތެރެއިން އަޅުގަނޑު ކަށަވަރުކޮށްދޭނަން،" މީކާއީލް ވިދާޅުވިއެވެ.

އެމްޑީޕީއަށް ބޭނުންވަނީ ޒުވާން އައު ޖީލެއް ކަމަށް، މީކާއީލް ވިދާޅުވިއެވެ.

މީކާއީލް ވިދާޅުވީ، ޗެއާޕާސަންކަމަށް ވާދަކުރައްވަނީ އިޚުލާސްތެރިކަމާއެކު ކަމަށެވެ.

"ތެދުވެރިކަމާއެކު، ތި ބޭފުޅުންނަށް ޑީލްތަކުން ފުރިގެންވާ ހުތުރު ޕޮލިޓިކްސްއެއްނޫން ސިޔާސީ ދާއިރާއެއް މި އެމްޑީޕީ ތައާރަފުކޮށްދޭން، ޑީލްތަކުން ފުރިގެންވާ ހުތުރު ދާއިރާއެއް ނޫން ދާއިރާއެއް ގޮތަށް މި ދާއިރާ ހެދިގެން ނޫނީ ޒުވާނުން މި ދާއިރާއަކާ ބައިވެރިއެއް ނުވާނެ، އަޅުގަނޑުގެ މަގުސަދަކީ އެމްޑީޕީއަކީ އެ ދާއިރާއަކީ ޒުވާނުން ބައިވެރިވާހިތްވާނެ، އަދި ޒުވާނުންގެ ބައިވެރިވުން އޮންނާނެ ގޮތަށް މި ރާއްޖޭގެ މުސްތަގްބަލު ބައްޓަންކުރާނޭ މަދަދުވެރިއަކަށް މި އެމްޑީޕީ ހެދުން،" އޭނާ ވިދާޅުވިއެވެ.

މައި އިދިކޮޅު ޕާޓީ، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ މީކާއީލް އަޙްމަދު ނަސީމްގެ "އިތުބާރު" ކެމްޕެއިންގެ މައިގަނޑު އަމާޒަކީ ޕާޓީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް، ގޮފިތަކާއި މެންބަރުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމެވެ. ޗެއާޕާސަންގެ މަގާމަކީ ރިޔާސީ ޓިކެޓަށް ވާސިލުވުމަށް އޮންނަ މަގަކަށް ވުން ހުއްޓުވުމާއެކު، ޕާޓީގެ ހަރަކާތްތައް ހަމައެކަނި މާލެއަށް މަރުކަޒުވެފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށް އޭނާ ވަނީ ވަޢުދުވެވަޑައިގެންފައެވެ. މީގެ އިތުރުން، ޕާޓީގެ އާމްދަނީން ވަކި މިންވަރެއް ޚާއްސަކޮށްގެން ޒުވާނުންނާއި އަންހެނުންގެ ގޮފިތަކަށް މާލީ މިނިވަންކަން ހޯދައިދީ، ސިޔާސީ މައިދާނަކީ ޒުވާނުން ބައިވެރިވާން ޝައުގުވެރިވާ ފަދަ ނަޒާހަތްތެރި، އިޚްލާސްތެރި މާހައުލަކަށް ހެދުމަށް މީކާއީލް ވަނީ އަމާޒު ހިފާފައެވެ.

  • ޕާޓީގެ މައި އޮފީހާއި އަތޮޅުތަކުގެ ގޮފިތަކާ ދެމެދު މެދުކެނޑުމެއްނެތި ގުޅުން ބަދަހިކުރުން.
  • ޗެއާޕާސަންގެ މަގާމަކީ ރިޔާސީ ޓިކެޓު ހޯދުމަށް ބޭނުންކުރާ މަގަކަށް ވުން ހުއްޓުވުން.
  • މާލެއަށް ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެނެސް، އަތޮޅުތެރޭގައި ހަރަކާތްތައް ފުޅާކުރުން.
  • ޒުވާނުންނާއި އަންހެނުންގެ ގޮފިތަކަށް މާލީ މިނިވަންކަން ކަށަވަރުކޮށްދިނުން.
  • ނުރަނގަޅު އެއްބަސްވުންތަކުން ދުރުވެ، ޒުވާނުން ޝައުގުވެރިވާފަދަ ޕާޓީއަކަށް އެމްޑީޕީ ހެދުން.
  • ޕާޓީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް ގުޅުން ބަދަހިކުރުން.
  • ގޮފިތައް މާލީ ގޮތުން ބާރުވެރިކުރުވައި މަރުކަޒީވުން ކުޑަކުރުން.
  • ސިޔާސީ ނަޒާހަތްތެރިކަން ކަށަވަރުކޮށް ޒުވާނުންގެ ބައިވެރިވުން އިތުރުކުރުން.
comment ކޮމެންޓް