އިތުބާރު ނެތްކަމުގެ މައްސަލަ: ނާޒިމަށް ޖަވާބުދާރީވާން 10 މިނެޓު، މެންބަރުން ބަހުސްކުރަން 50 މިނެޓު

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް: ކޮމިޓީން ނިންމީ ނާޒިމް ޖަވާބުދާރީވާން 10 މިނެޓު ދޭން -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމްގެ މައްޗަށް ނަގާ އިތުބާރު ނެތް ކަމުގެ ވޯޓުގައި މެންބަރުން ބަހުސްކުރަން 50 މިނެޓުދީ، ނާޒިމް ޖަވާބުދާރީވުމަށް 10 މިނެޓު ދޭން ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ނިންމައިފިއެވެ.

ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު (ސަޓޯ) ހުށަހެޅުއްވި ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު ޢަލީއެވެ.

ޢަބްދުއްސައްތާރު ހުށަހެޅުއްވީ، ނާޒިމްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ނާޒިމް ޖަވާބުދާރީވެވަޑައިގަތުމަށް ބަހުސް ފެށުމުގެ ކުރިން 10 މިނެޓު، އަދި ކޮންމެ މެންބަރަކު ބަހުސްކުރުމަށް ތިން މިނެޓު ދޭ ގޮތަށް ބަހުސަށް 50 މިނެޓު ކަނޑައެޅުމަށެވެ. އޭރުން މި މައްސަލައަށް ހޭދަވާނީ އެއް ގަޑިއިރެވެ.

އާންމު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ. ޢަބްދުއްސައްތާރުގެ ހުށަހެޅުމަށް ފަސް މެންބަރަކު ތާއީދުކުރެއްވިއިރު، ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ އެއް މެންބަރަކު އިންނެވިއެވެ. މިއަދުގެ ކޮމިޓީއަށް ހާޒިރުވީ ހަތް މެންބަރުންނެވެ.

ބެލެވޭ ގޮތުގައި، ނާޒިމް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރާ ޖަލްސާ މާދަމާ އޮންނާނެއެވެ.

ނާޒިމް މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރަން ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުން ނިންމީ މިދިޔަ ބުދަ ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ. އެކަމަކު، ކުއްލި ގޮތަކަށް ނާޒިމަށް އޮތް އިތުބާރު ގެއްލުނު ސަބަބު އަދިވެސް ހާމަ ނުކުރެއެވެ.

https://sun.mv/221984

ޕީއެންސީގެ އިސް މެންބަރަކު މީގެ ކުރިން ވިދާޅުވި ގޮތުގައި ނާޒިމަށް ވަނީ އިސްތިއުފާދޭން އަންގާފައެވެ. އެކަމަކު، އޭނާ އެ ކަމަށް ދެކޮޅު ހެއްދެވީއެވެ. ނާޒިމް ވަކިކުރަން ނިންމީ އެހެންވެއެވެ.

ހަތްދިހަ ތިން މެންބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހަށް ޕީއެންސީން ހުށަހެޅި ގަރާރުގައިވަނީ ނާޒިމް މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި، ފިތުނަ އުފައްދައި، މަޖިލީހުގެ މަސްލަތު ނަގާލަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އެކަމަކު، ބޮޑު ތިން ތުހުމަތުކުރީ ކީއްވެ ކަމެއް އެ ގަރާރުގައި ސާފުކޮށް ބަޔާންކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން، މަޖިލީހުގެ މެންބަރުންނަށް މަތިކޮށްފައިވާ ވާޖިބުތައް އަދާކުރަން ނާޒިމަކީ ހުރަހަކަށް ވެފައިވާ ކަމަށް ވެސް އެ ގަރާރުގައިވެއެވެ.

"މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި، ފިތުނަ އުފައްދައި، ވަކި ފަރާތަކަށް ބުރަވެ މަސްލަހަތު ގެއްލޭ ގޮތަށް ތަކުރާރުކުރަމުން ދާތީއާއި، ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މަސައްކަތްތަކުގައި ވަކި ސިޔާސީ ފިކުރަކަށް ބުރަވެ، ތައައްސުބުވެފައިވުމުގެ އިތުރުން މަޖިލީހުގެ މަސްލަހަތު ގެއްލުވާލަން މަޖިލީހުގެ ނައިބު ރައީސް ހިތްވަރު ދީ، ޒިންމާއިން ބަރީއަވެފައިވާތީ،" މައްސަލަ ހުށަހެޅި ސަބަބުގެ ގޮތުގައި ގަރާރުގައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް މަގާމުން ވަކިކުރުމަށް ސަރުކާރު ހިންގާ ޕާޓީން ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސަށް ހޭދަކުރާނެ ވަގުތުތައް މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ފާސްކޮށްފައެވެ. މިގޮތުން، މައްސަލައިގައި ޖަވާބުދާރީވެވަޑައިގަތުމަށް ނާޒިމަށް 10 މިނެޓު ދިނުމަށާއި، ކޮންމެ މެންބަރަކަށް 3 މިނެޓުގެ މަގުން ޖުމްލަ 50 މިނެޓު ބަހުސަށް ދިނުމަށް ވަނީ ކަނޑައަޅާފައެވެ. މި ހުށަހެޅުން ފާސްކޮށްފައިވަނީ ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ 73 މެންބަރުންގެ ސޮޔާއެކުގައެވެ. މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރުމާއި، ފިތުނަ އުފެއްދުމާއި، އަދި ވަކި ފަރާތަކަށް ބުރަވެ މަޖިލީހުގެ މަސްލަހަތު ނަގާލުމުގެ ތުހުމަތު ނާޒިމްގެ މައްޗަށް ވަނީ ކޮށްފައެވެ. ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުން މި މައްސަލަ ހުށަހަޅަން ނިންމީ ނާޒިމް އިސްތިއުފާ ދެއްވަން ދެކޮޅު ހެއްދެވުމުންނެވެ.

  • ނާޒިމަށް ޖަވާބުދާރީވުމަށް ދިނުމަށް ކަނޑައަޅާފައިވަނީ 10 މިނެޓެވެ.
  • މެންބަރުންގެ ބަހުސަށް ކަނޑައަޅާފައިވަނީ ޖުމްލަ 50 މިނެޓެވެ.
  • މި ވަގުތުތައް ފާސްކޮށްފައިވަނީ އާންމު ކޮމިޓީގެ އަޣުލަބިއްޔަތުންނެވެ.
  • އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ 73 މެންބަރުންގެ ސޮޔާއެކުގައެވެ.
  • މައިގަނޑު ތުހުމަތަކީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މަޖިލީހުގެ މަސްލަހަތު ނަގާލުމެވެ.
comment ކޮމެންޓް