މަޖިލީހުގެ ނައިބު ރައީސް ހޮވާ ޖަލްސާ މާދަމާއަށް ފަސްކޮށްފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: މަޖިލީހުގެ ނައިބު ރައީސަކު އިންތިޚާބުކުރުމަށް މިއަދަށް ތާވަލް ކުރި ޖަލްސާ ވަނީ މާދަމާއަށް ފަސްކޮށްފައި--- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހަށް ނައިބު ރައީސަކު ހޮވުމަށް މިއަދު މެންދުރު 1:00 އަށް ތާވަލް ކުރި ޖަލްސާ މާދަމާއަށް ފަސްކޮށްފިއެވެ.

މިއަދަށް ތާވަލް ކުރި މި ޖަލްސާ ފަސްކުރީ ސީދާ ކޮން ސަބަބަކާ ހުރެ ކަމެއް މަޖިލީހުގެ އިދާރާއިން ސާފުކޮށްދީފައެއް ނުވެއެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް މިއަދު ހެނދުނު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ނާޒިމް އިސްތިއުފާ ދެއްވީ އޭނާ އެ މަގާމުން ވަކިކުރުމުގެ މައްސަލަ މިއަދު ހެނދުނު 9:00އަށް ތާވަލްކޮށްފައިވާ ޖަލްސާ ފެށުމުގެ ކުޑަވަގުތުކޮޅެއް ކުރިންނެވެ.

ވެރިކަން ކުރާ ޕީއެންސީން ނާޒިމް ވަކިކުރަން ހުށަހެޅި ގަރާރުގައި ބުނެފައިވަނީ އޭނާ މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި، ފިތުނަ އުފައްދައި، މަޖިލީހުގެ މަސްލަހަތު ނަގާލަން މަސައްކަތްކޮށްފައިވާ ކަމަށެވެ.

https://sun.mv/222663

ނަމަވެސް، އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި ނެރުއްވި ބަޔާނުގައި ނާޒިމް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. ނާޒިމް ވިދާޅުވީ އޭނާ މަގާމުން ދުރަށް ވަޑައިގަތީ މެޖޯރިޓީގެ ނިންމުމަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވާފައިވަނީ، ނާޒިމް ވަކިކުރަން ހުށަހެޅީ އޭނާއާއެކު ޕީއެންސީގެ 23 މެންބަރަކު ޕާޓީ ބަދަލުކޮށް، ރައީސް ޑރ. މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ކަމަށެވެ. ނަމަވެސް ސަރުކާރުން ވަނީ މިފަދަ ވާހަކަތައް ދޮގުކޮށްފައެވެ.

https://sun.mv/222664

މަޖިލީހުގެ ނައިބު ރައީސް ހޮވުމުގެ ޖަލްސާ މާދަމާއަށް ފަސްކޮށްފައިވާއިރު، މަޖިލީހުގެ މި ދައުރު ދަންމާލާފައިވަނީ ވެސް މި މައްސަލައަށް ގޮތެއް ނިންމުމަށެވެ. ނައިބު ރައީސް ކަމަށް ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ ކަމަށް ކިޔާ ބޭފުޅުންގެ ތެރޭގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އާއި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހުގެ އިތުރުން މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިގު (ޓޮމް) ހިމެނެވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސަކު ހޮވުމަށް ބާއްވަން ތާވަލުކުރި ޖަލްސާ ވަނީ މާދަމާއަށް ފަސްކޮށްފައެވެ. މި މަގާމު ހުސްވެފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައި ވަނިކޮށް، އޭނާ އަމިއްލަފުޅަށް އިސްތިއުފާދެއްވުމުންނެވެ. ނާޒިމްގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކުރުމާއި ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުތަކެއް ކުރެވުނު ނަމަވެސް، އޭނާ ވަނީ އެކަންކަން ދޮގުކުރައްވާފައެވެ.

  • މަޖިލީހުގެ ނައިބު ރައީސް ހޮވުމަށް މިއަދަށް ތާވަލުކުރި ޖަލްސާ މާދަމާއަށް ފަސްކުރުން.
  • އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްދަނިކޮށް އަޙްމަދު ނާޒިމް އިސްތިއުފާދެއްވުން.
  • މަގާމުގެ ނުފޫޒު ބޭނުންކުރެއްވިކަމަށް ކުރެވުނު ތުހުމަތުތައް ނާޒިމް ދޮގުކުރެއްވުން.
  • އައު ނައިބު ރައީސްކަމަށް އިބްރާހީމް ޝުޖާއު، އިބްރާހީމް ފަލާހު އަދި އަޙްމަދު ޠާރިޤު ޝައުގުވެރިކަން ފާޅުކުރެއްވުން.
  • ނައިބު ރައީސްގެ މަގާމު ހުސްވުން.
  • ސިޔާސީ ތުހުމަތުތަކާއި އިސްތިއުފާ.
  • އައު ނައިބު ރައީސަކު ހޮވުމުގެ ވާދަވެރިކަން.
comment ކޮމެންޓް