ދިވެހި ފުލުހުންގެ ޚިދުމަތުގެ އިދާރީ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، މަސައްކަތުގެ ފެންވަރު މަތިކުރުމަށް ޓަކައި އެ މުއައްސަސާގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.
ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި އައު އޮނިގަނޑަށް އަމަލުކުރަން ފަށާފައިވަނީ އިއްޔެއެވެ.
ފުލުހުން ބުނީ މި ބަދަލުތަކަކީ ފުލުހުންގެ ޚިދުމަތް ދިނުމުގައި މިހާރަށްވުރެ ފުރިހަމަ ނަތީޖާއެއް ހާސިލުކޮށް، މަސައްކަތުގެ ފެންވަރު މަތިކުރުމުގެ މަގުސަދުގައި ގެނެވުނު ބަދަލުތަކެއް ކަމަށެވެ.
މި ބަދަލުތަކާ ގުޅިގެން، އައު އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން މަގާމުތަކަށް އޮފިސަރުން އައްޔަންކުރުމުގެ މަސައްކަތާއި، ހިންގުމުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އައު އޮނިގަނޑު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތައް މިހާރު ދަނީ ކުރަމުން ކަމަށް ބުންޏެވެ.
މި އައު އޮނިގަނޑުގެ ދަށުން ފުލުހުންގެ ޚިދުމަތްތަކާއި، ތަހުގީގުގެ ދާއިރާއާއި، އިންޓެލިޖެންސް، ފޮރެންސިކް، އޮޕަރޭޝަނަލް ސަޕޯޓް، ޓެކްނޮލޮޖީ، ޓްރޭނިން އަދި ކޯޕަރޭޓް ސަޕޯޓް ފަދަ މަސައްކަތްތައް ވަނީ ވަކި ކޮމާންޑްތަކެއްގެ ދަށުން ތަރުތީބުކުރެވިފައެވެ.
އެގޮތުން އައު އޮނިގަނޑުގައި ކޮމާންޑް ލެވެލްގައި ހިމެނޭ ބައިތަކަކީ:
- އޮފީސް އޮފް ދަ ކޮމިޝަނާ
- ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް
- ޕްރޮފެޝަނަލް ސްޓެންޑަޑްސް
- ނޭޝަނަލް އިންޓެލިޖެންސް ސާވިސް
- އިންޓާނަލް ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސަޕޯޓް
- ފޮރެންސިކް ސާވިސަސް
- ސެންޓްރަލް އިންވެސްޓިގޭޝަންސް
- މާލޭ ޕޮލިސް
- ހުޅުމާލޭ ޕޮލިސް
- ނޮދަން ޕޮލިސް
- ސަދަން ޕޮލިސް
- ސާވިސް ޑިވެލޮޕްމަންޓް
- ސާވިސް ސަޕޯޓް
- ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ
ފުލުހުންގެ އިދާރާއިން ފާހަގަކުރި ގޮތުގައި، މި އޮނިގަނޑު ފަރުމާކޮށްފައިވަނީ ތަފާތު ދާއިރާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އޮޕަރޭޝަނަލް ހިންގުން ހަރުދަނާކުރުމާއެކު، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދޭ ފުލުހުންގެ ނިޒާމެއް ގާއިމުކުރުމަށެވެ.
މީގެ އިތުރުން، ޚިދުމަތް ދިނުމުގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ދައުރު ފުޅާކުރުމާއި، ރާއްޖޭގެ އަމަންއަމާންކަމާއި ރައްކާތެރިކަމުގެ މާހައުލަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުން ކަށަވަރުކުރުމަކީ މި ގެނެވުނު ބަދަލުގެ މައިގަނޑު އެއް މަގުސަދު ކަމަށް ބުންޏެވެ.