މި އަހަރު އޭޝިއާގައި އުފެދޭ ތޫފާންތަކަށް އެލް ނީނޯގެ އަސަރު ކުރާނީ ކިހިނެއް؟

އެލް ނީނޯއަކީ މެދުތެރެއާއި އިރުމަތީ ޕެސިފިކް ކަނޑުގެ ސަރަހައްދުގެ ފިނިހޫނުމިން ވަކިވަކިން ހޫނުވާ މުއްދަތެއް. ފޮޓޯ/ގެޓީ

އެލް ނީނޯ އަކީ މެދުތެރެއާއި އިރުމަތީ ޕެސިފިކް ކަނޑުގެ ސަރަހައްދުގެ ފިނިހޫނުމިން ވަކިވަކިން ހޫނުވާ މުއްދަތެކެވެ. މިއީ އާންމުކޮށް ނުވަ މަހާއި 12 މަހާ ދެމެދުގެ މުއްދަތެކެވެ. އެ މުއްދަތުގައި، އޭޝިއާ ހިމެނޭ ގޮތަށް، ދުނިޔޭގެ އެކި ސަރަހައްދުތަކުގައި އުފެދޭ ތޫފާންތަކަށް އެލް ނީނޯގެ އަސަރު ކުރެއެވެ.

ތޫފާންތަކާއި ހަރިކޭން އެންމެ ގިނައިން އަންނަނީ ކެރީބިއަންއާއި އެމެރިކާގެ އިރުމަތީ އަދި ގަލްފް އައްސޭރިފަށަށެވެ.

އެމެރިކާގެ ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (އެންއޯއޭއޭ) އިން ލަފާކޮށްފައިވާ ގޮތުގައި އެލް ނީނޯގެ ސަބަބުން، މި އަހަރު އެޓްލާންޓިކްގައި ހަރިކޭންތައް އުފެދޭ މޫސުުމުގައި ތޫފާންތަކުގެ އަސަރު ދަށްވާނެއެވެ. އެގޮތުން އާދައިގެ ތޫފާންތައް އައުމުގެ 35 ޕަސަންޓް ފުރުސަތު އޮތް ކަމަށް ލަފާކޮށްފައިވާއިރު، އާންމު ހާލަަތަށްވުރެ ވަރުގަދަ ހާލަތެއް އައުމުގެ 10 ޕަސަންޓް ފުރުސަތު އެބައޮތް ކަމަށް އެންއޯއޭއޭ އިން ބުނެއެވެ. އަދި އާންމު ހާލަތަށްވުރެ ދަށް ހާލަތެއް އުފެދުމުގެ 55 ޕަސަންޓް ފުރުސަތު އެބައޮތް ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

އެލް ނީނޯ އަކީ ކޮބާ؟ ތޫފާންތަކަށް އޭގެ އަސަރު ކުރަނީ ކިހިނެއް؟

އެލް ނީނޯގެ ސަބަބުން ދުނިޔޭގެ އެކި ހިސާބުތަކުގެ މޫސުމަށް ބަދަލު އައިސް ފެންބޮޑުވުމާއި، ހަަނަފަސްވުމާއި، ކަނޑުގެ ލޮނުގަނޑު ހޫނުވުން ފަދަ ކަންކަން ކުރިމަތިވެއެވެ. އެލް ނީނޯގެ ސަބަބުން ދުނިޔޭގެ އެވްރެޖް ފިނިހޫނުމިން ވެސް އޭގެ އެކްޓިވް ފޭސްގައި ތަންކޮޅެއް މަތިވެއެވެ.

އެލް ނީނޯގެ ހާދިސާތައް އާންމުކޮށް ދިމާވަނީ ކޮންމެ ދެ އަހަރާއި ހަތް އަހަރާ ދެމެދު ކަމަށްވާއިރު، އާންމުކޮށް ނުވަ މަހާއި 12 މަހާ ދެމެދުގެ މުއްދަތަކަށް ދެމިގެން ދިޔަ ނަމަވެސް ބައެއް ހާދިސާތައް ގިނަ ދުވަހު ދެމިހުރެއެވެ.

އެލް ނީނޯގެ އިދިކޮޅު ލާ ނީނޯ އަކީ މެދުތެރޭއާއި އިރުމަތީ ޕެސިފިކް ކަނޑުގެ ސަރަހައްދުގެ ފިނިހޫނުމިން ފިނިވާ މުއްދަތެކެވެ.

މި ދެ ހާލަތަކީ ވެސް ތިރީގައިވާ ގްރެފިކްގައި ޚުލާޞާކޮށްފައިވާ ތިން މަރުހަލާއެއް ހިމެނޭ އެންސޯ (އެލް ނީނޯ-ސަދަން އޮސިލިޝަން) ކިޔާ ބޮޑު މޫސުމީ އުސޫލެއްގެ ބައެކެވެ.

އެލް ނީނޯގެ ސަބަބުން މޫސުމަށް ބޮޑެތި ބަދަލުތައް އާދޭ. ފޮޓޯ/އަލް ޖަޒީރާ

ނިއުޓްރަލް މަރުހަލާ

މި މަރުހަލާގައި ޕެސިފިކް ކަނޑު ހުރަސްކޮށް އިރުމަތިން ހުޅަނގަށް ވައިޖެހޭ މިންވަރު އެއްވަރެއްގައި ހުރެއެވެ. އާންމު ހާލަތުގައި މި ވައިރޯޅިތަކުގެ ސަބަބުން ބިމުގެ މަތީގައިވާ ހޫނު ފެން އެމެރިކާ ސަރަހައްދުން ދުރަށް އޭޝިއާއާ ދިމާއަށް ދަމާލައެވެ. އެ ހޫނު ފެން ހުޅަނގަށް ދަތުރުކުރާއިރު، އެމެރިކާގެ އައްސޭރިފަށުގައި ކަނޑުގެ އަޑިން ފިނި ފެން އުފުލިގެން ގޮސް، އޭގެ ބަދަލުގައި ފިނިފެން އަރައެވެ.

ފިނި މަރުހަލާ: ލާ ނީނާ

ލާ ނީނާގައި އާންމުކޮށް ޖެހޭ ވަރަށް ވުރެ ބާރަށް ވައިޖެހި، އޭޝިއާއާ ދިމާއަށް ހޫނު ފެން އިތުރުވެ، އިރުމަތީ ޕެސިފިކްގެ ކަނޑުގެ ފިނިހޫނުމިން އެވްރެޖަށް ވުރެ ދަށަށް ގެންދެއެވެ.

ހޫނު މަރުހަލާ: އެލް ނީނޯ

އެލް ނީނޯގެ ދުވަސްވަރު މި ވައިޖެހޭ ބާރުމިން ދަށްވެ، ޕެސިފިކް ކަނޑުގެ ހޫނު ފެން އަނބުރާ އިރުމައްޗަށް އެމެރިކާއާ ދިމާއަށް އުފުލެއެވެ.

އެލް ނީނޯ އިން އެޓްލާންޓިކް ތޫފާނުގެ ހަރަކާތްތައް ބަލިކަށިކުރާއިރު، ޕެސިފިކް ތޫފާނުގެ ހަރަކާތްތައް އިތުރުކުރެއެވެ. އެއާ ޚިލާފަށް ލާ ނީނާ އިން ކުރާ ކަމަކީ އޭގެ އިދިކޮޅަށް، އެޓްލާންޓިކް ތޫފާންތައް ގިނަކޮށް ވަރުގަދަ ކުރުމެވެ.

ޓްރޮޕިކަލް ތޫފާންތައް އުފެދެނީ ކީއްވެގެން އަދި ކިހިނެއް؟

އީކުއޭޓަރ ކައިރީގައި އޮންނަ ކަނޑުގެ ހޫނު ފެންގަނޑުގެ މައްޗަށް ޓްރޮޕިކަލް ތޫފާންތައް އުފެދެއެވެ. ނުވަތަ މި ހޫނު ވައި މައްޗަށް ދާވަރަކަށް ވައިގެ ޕްރެޝަރު ދަށް ސަރަހައްދެއް އުފެދެއެވެ.

އަނެއްކާވެސް ވައި ފިނިވާ ވަރަކަށް އޭގެ ދަށުން އިތުރު ހޫނު އުފައްދައެވެ. މި ސައިކަލްގެ ސަބަބުން ވާރޭވެހެއެވެ.

މި ސައިކަލް ބާރުގަދަވެ ވަރުގަދަވަމުންދާ ވަރަކަށް ޓްރޮޕިކަލް ތޫފާން އުފެދެއެވެ.

ތޫފާން ކޮޅިގަނޑަކަށް ބަދަލު ވަނީ ގަޑިއަކު 63 ކިލޯމީޓަރުގެ ބާރުމިނުގައި (ގަޑިއަކު 39 މޭލު) ބާރުމިނުގައި ވައިޖެހޭއިރުއެވެ. ވައިޖެހޭ މިންވަރު 119 ކިލޯމީޓަރު (ގަޑިއަކު 74 މޭލު) އަރައިފިނަމަ ކޮޅިގަނޑު ސައިކްލޯނަކަށް ބަދަލުވެއެވެ.

ހަރިކޭންއާއި ކޮޅިގަނޑު އަދި ސައިކްލޯންއަކީ އެކައްޗެއްތަ؟

އަސާސީ ކަންކަމަށް ބަހާލާއިރު، ހަރިކޭންއާއި، ކޮޅިގަނޑާއި ސައިކްލޯނަކީވެސް އެކައްޗެކެވެ. ތަފާތުވާ ހަމައެކަނި ކަމަކީ އުފެދިފައިވާ ސަރަހައްދެވެ. މި ތިން ނިޒާމަކީ ވެސް ގަޑިއަކު 119 ކިލޯމީޓަރަށް ވުރެ ބާރުމިނުގައި ވައިޖެހޭ ތޫފާން ނިޒާމުތަކެކެވެ.

ހަރިކޭން: މި ތޫފާންތައް އުތުރު އެޓްލާންޓިކް ކަނޑާއި އިރުއުތުރު ޕެސިފިކްގައި ކުރިމަތިވާއިރު، ގިނަ ފަހަރަށް އެމެރިކާގެ އިރުމަތީ އައްސޭރިއާއި މެކްސިކޯގެ ގަލްފް އަދި ކެރީބިއަން ސަރަހައްދުތަކަށް އަސަރުކުރެއެވެ. ހަރިކޭންގެ ބާރުމިން މިންކުރަނީ ވައިގެ ސްކޭލް 1 އިން 5 އަށެވެ. ކެޓަގަރީ 1 ގެ ހަރިކޭންގައި ގަޑިއަކު 119 ކިލޯމީޓަރާއި 153 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހޭއިރު ކެޓަގަރީ 5 ގެ ތޫފާނެއްގައި ގަޑިއަކު 252 ކިލޯމީޓަރަށް ވުރެ ބާރަށް ވައި ޖެހޭނެއެވެ.

ކޮޅިގަނޑު: ކޮޅިގަނޑު އުފެދެނީ ދެކުނު ޕެސިފިކް އަދި އިންޑިއާ ކަނޑުގައެެވެ. ގިނަ ފަހަރަށް އޮސްޓްރޭލިއާ އިން ފެށިގެން މޮޒެމްބިކްއާ ހަމައަށް ގައުމުތަކަށް އަސަރުކުރެއެވެ. އާންމުކޮށް ކޮޅިގަނޑުގެ މޫސުމް ކުރިއަށް ދަނީ ނޮވެމްބަރު މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ.

ސައިކްލޯން: ސައިކްލޯން އުފެދެނީ ޕެސިފިކް ކަނޑުގެ ހުޅަނގު އުތުރުގައެވެ. ސައިކްލޯން ގިނައިން އަރަނީ ފިލިޕީންސް އާއި ޖަޕާނަށެވެ. ސައިކްލޯންގެ މޫސުމަކީ މެއި މަހުން އޮކްޓޯބަރު މަހުގެ ނިޔަލަށެވެ. މި ދުވަސްވަރު ނޫނަސް މުޅި އަހަަރު ދުވަހުވެސް ސައިކްލޯން އުފެދިދާނެއެވެ. ސައިކްލޯންގެ ބާރުމިނުގައި ތަފާތު ކްލަސިފިކޭޝަން ސްކޭލްތަކެއް ހުންނައިރު އެންމެ ގަދަ ތޫފާންތަކަށް "ސުޕާ ޓައިފޫންސް"ގެ ނަން ދީފައިވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތޫފާންތަކަށް އެލް ނީނޯގެ އަސަރު ކުރާނީ ކިހިނެއް؟

އެލް ނީނޯގެ ސަބަބުން މޫސުމަށް ތަފާތު އަސަރުތަކެއް ކުރެއެވެ.

ލާ ނީނާގެ ސަބަބުން 2022 ވަނަ އަހަރު އޮސްޓްރޭލިއާގައި ފެން ބޮޑުވެފައި. ފޮޓޯ/ގެޓީ

ނޯތު އެޓްލާންޓިކް

އެލް ނީނޯގެ ދުވަސްވަރު އެޓްލާންޓިކް ކަނޑުގައި ހަރިކޭންގެ ހަރަކާތްތައް ދަށްވެއެވެ. އެވްރެޖްކޮށް މޫސުމެއްގައި 14 ނަން ދީފައިވާ ކޮޅިގަނޑާއި ހަތް ހަރިކޭން އަންނައިރު އޭގެ ތެރޭގައި ބޮޑެތި ތިން ހަރިކޭން ހިމެނެއެވެ.

ތާރީޚީ ގޮތުން ބަލާއިރު އެލް ނީނޯ މަރުހަލާއެއްގައި ހަރިކޭން ދުވަސްތަކުގެ އަދަދު 60 ޕަސެންޓް މަދުވެ، ޖުމްލަކޮށް ނިޒާމުގެ ބާރުމިން ދަށްވެއެވެ.

ނޯތްއީސްޓް ޕެސިފިކް (ހަވާއީ ކައިރި)

އެލް ނީނޯ މަރުހަލާއެއްގެ ތެރޭގައި ހަވާއީގެ ވަށައިގެން އިތުރު ތޫފާންތައް އުފެދެއެވެ. އެލް ނީނޯ އަށް ފަހުވެސް އެ ސަރަހައްދަށް އިތުރު ތޫފާންތައް އަރައެވެ.

އޮސްޓްރޭލިއާ އާއި ދެކުނު ޕެސިފިކް

އެލް ނީނޯގެ ދުވަސްވަރު އޮސްޓްރޭލިއާގެ އައްސޭރިފަށުގައި ތޫފާންތައް އުފެދޭ މިންވަރު މަދެވެ. ނަމަވެސް ތޫފާންތައް މުޅިން ނެތިގެން ނުދެއެވެ.

އޭޝިއާއާއި ހުޅަނގު އުތުރު ޕެސިފިކް

ހުޅަނގު އުތުރު ޕެސިފިކް ވެސް އުޅެނީ ދެކުނަށް ވެސް އެއްގޮތަށެވެ. އެލް ނީނޯގެ ދުވަސްވަރު ޖުމްލަ ތޫފާންތަކުގެ އަދަދު ގާތްގަނޑަކަށް އެއްގޮތަކަށް ހުރި ނަމަވެސް އެ ތޫފާންތައް އުފެދޭ ތަންތަނަށް ބަދަލުތަކެއް އަންނަ ކަމަށް ވެއެވެ. އޭޝިއާ ކައިރީގައި އޮންނަ ކަނޑުގެ ހުޅަނގު ބައިގައި ތޫފާންތައް މަދުވެ، އިރުމަތީ ފަރާތުގައި ގިނައިން އުފެދެއެވެ.

ތޫފާންތަކަށް ނަން ދެނީ ކިހިނެއް؟

ޓްރޮޕިކަލް ތޫފާންތަކަށް ނަން ދިނުމުގެ އާދަ ފެށުނީ އިންޒާރުތަކުގައާއި މިޑިއާ ރިޕޯޓުތަކުގައި ތޫފާންތައް އަވަހަށް ދެނެގަތުމަށް އެހީތެރިވެދިނުމަށެވެ.

ނަވާރަ ސަތޭކައިގެ އަހަރުތަކުގެ މެދުތެރޭގައި ތޫފާންތަކަށް އަންހެން ނަންތައް ދޭން ފެށިއެވެ. ފަހުން މޫސުމާ ބެހޭ މާހިރުން ވަނީ ކޮންމެ އަހަރަކު ވެސް ތަރުތީބުން ތޫފާންތަކަށް ނަން ދީފައިވާ އަކުރުތަކުގެ ނަން ލިސްޓްތައް ތައާރަފްކޮށްފައެވެ. ތޫފާންތަކަށް ފިރިހެން ނަންތައް ތައާރަފް ކުރީ 1979 ވަނަ އަހަރުއެވެ.

ހަރިކޭންތަކަށް ނަން ދީފައިވަނީ ދުނިޔޭގެ މޫސުމާބެހޭ ޖަމިއްޔާއިން ބެލަހެއްޓޭ ލިސްޓްތައް ބޭނުންކޮށްގެންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް