ޕެންޝަން ފަންޑު މެދުވެރިކޮށް ސަރުކާރުގެ ޓީ-ބިލަށް 2.4 ބިލިއަން ރުފިޔާ އިންވެސްޓުކުރުމަކީ ސީދާ ފައިސާ ޗާޕުކުރުން ކަމަށް ސިފަކުރައްވައި، އެކަމުގެ ސަބަބުން މުޅި ގައުމުގެ މާލީ ނިޒާމު ހަލާކުވެގެންދާނެ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވި ގޮތުގައި، ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކޮށްގެން ސަރުކާރުން ހިންގަން އުޅޭ މި މުއާމަލާތުގެ ސަބަބުން އިގުތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެއެވެ. އެގޮތުން، އިންފްލޭޝަން މަތިވެ، ދިވެހި ރުފިޔާގެ އަގު އިތުރަށް ވެއްޓުމުގެ އިތުރުން، ޑޮލަރު ލިބުން ދަތިވެ ޑޮލަރުގެ އަގު އިންތިހާއަށް މަތިވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސަރުކާރަށް ބަޖެޓަށް ބޭނުންވާ ފައިސާ ހޯދަން ނުކުޅެދުމުން، އެކަމުގެ އަގު މުޅި ދިވެހި އިގުތިސާދު ދައްކަން ޖެހުމަކީ ދިވެހި ރައްޔިތުންނަށް ވެވޭ އަނިޔާއެއް ކަމަށާއި، މިއީ ބޭއިންސާފެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.
މާލީ ތަޖުރިބާކާރުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ ޕެންޝަން އޮފީހުން ކުރިން ގަނެފައިވާ ބޮންޑުތަކެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވިއްކާލުމަށްފަހު، އެ ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ އާ ބޮންޑަކަށް އިންވެސްޓުކުރުމަށް ރާވާފައިވާ މުއާމަލާތެކެވެ. މިކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފައިސާ ޗާޕުނުކުރައްވާނެ ކަމަށް ވިދާޅުވެ ވެވަޑައިގެންފައިވާ ވައުދާ ހިލާފުވުން ކަމަށާއި، މާލީ ނިޒާމަށް މިފަދަ ބޮޑު ގެއްލުމެއް ލިބިދާނެ ގޮތަކަށް އަމަލުކުރުމަކީ ވަރަށް ދެރަވަރު ކަމެއް ކަމަށް ޝާހިދުގެ ޕޯސްޓުގައި ބަޔާންކޮށްފައިވެއެވެ.
ނަމަވެސް، މި މުއާމަލާތާ ގުޅިގެން ޕެންޝަން އޮފީހުން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ފަންޑުގެ ޕޯޓްފޯލިއޯއަށް ފައިދާވާނެ ކަމެއް ކަމަށެވެ. އެ އޮފީހުން ބުނި ގޮތުގައި މިކަމުގެ ސަބަބުން ބާޒާރުން ގަންނަން ނުޖެހި، ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދި، ދިގު މުއްދަތުގެ ޓްރެޝަރީ ބޮންޑަށް ބަދަލުކުރެވި ރިޓާން އިތުރުވެގެންދާނެއެވެ.
މި 2.4 ބިލިއަން ރުފިޔާގެ މުއާމަލާތާ ގުޅިގެން ޕެންޝަން އޮފީހުގެ އިސް މުވައްޒަފުންތަކެއް ދަނީ މަގާމުން އިސްތިއުފާ ދެއްވަމުންނެވެ. އެގޮތުން، އެ އޮފީހުގެ ޗީފް ލީގަލް އޮފިސަރު އަބްދުﷲ ފިކުރީއާއި، އިންވެސްޓްމަންޓް އެންޑް ރިސާޗު ޑިރެކްޓަރު އައިމިނަތު އިރުތިޔާޝާގެ އިތުރުން ހެޑް އޮފް އިންވެސްޓްމަންޓް އެންޑް އެޑްވައިޒަރީ ސާވިސަސް ހައިފާ އަހުމަދު މިއަދު އިސްތިއުފާ ދެއްވާފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
މިކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް 'ސަން' އިން ޕެންޝަން އޮފީހަށް ގުޅުމުން، އެ އޮފީހުގެ ޕަބްލިކް ރިލޭޝަންސް އިން ބުނެފައިވަނީ އެ ބޭފުޅުންނަކީ މެނޭޖްމަންޓް ފެންވަރުގެ ބޭފުޅުން ކަމަށްވުމުން، އެ ބޭފުޅުންނާ ގުޅޭ އެފަދަ މައުލޫމާތު ހާމަނުކުރެވޭނެ ކަމަށެވެ.
މީގެ ކުރިން އެ އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ސުޖާތާ ހަލީމް އަދި ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފަޖުވާ ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.
ޝާހިދު ވިދާޅުވި ގޮތުގައި، ޕެންޝަން އޮފީހުގެ ބޯޑު މެމްބަރުންނާއި އިސް މުވައްޒަފުން އިސްތިއުފާ ދެއްވަމުން ގެންދަވާއިރުވެސް އެކަމަށް ބެލުމެއް ނެތި ފައިސާ ޗާޕުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ ރައްޔިތުންގެ މުސްތަގުބަލު ހަލާކުކޮށްލުމެވެ.
ޕެންޝަން އޮފީހުގެ ތެރޭގައި މިފަދަ މައްސަލަތަކެއް އުފެދިފައިވާއިރު، އެ އޮފީހުގެ ބޯޑުގެ ކުރީގެ ޗެއާޕާސަން ޑރ. އަހުމަދު އިނާޒް ވެސް ވަނީ އެ ދުވަސްވަރު މަގާމުން އިސްތިއުފާ ދެއްވާފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތުހުމަތުކުރެއްވި ގޮތުގައި، އިނާޒް މަގާމުން އިސްތިއުފާ ދެއްވީ މި ސަރުކާރުން ޕެންޝަން އޮފީސް މެދުވެރިކޮށް މަނީ ލޯންޑާކުރަން އުޅޭތީއެވެ. އިނާޒްގެ އިސްތިއުފާއަށްފަހު ވެސް ޕެންޝަން ބޯޑުގެ ގިނަ މެމްބަރުންތަކެއް ވަނީ މަގާމުން ދުރަށް ވަޑައިގެންފައެވެ.
މީގެ ތެރޭގައި ޕްރައިވެޓް ސެކްޓަރު ތަމްސީލުކުރައްވާ މެމްބަރު އަހުމަދު ސަރުވަޝް އާދަމް އަދި ފިނޭންސް މިނިސްޓްރީ ތަމްސީލުކުރައްވާ އަޝްރަފް ރަޝީދު ވެސް ހިމެނޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
އިނާޒްގެ އިސްތިއުފާގެ މެސެޖުގައި، ރާއްޖޭގައި ދިގު މުއްދަތަކަށް ދެމެހެއްޓެނިވި މާލީ އިސްތިރާތީޖީތަކެއް ނެތުމާއި، ޕެންޝަން ފަންޑުން 2.4 ބިލިއަން ރުފިޔާ ސަރުކާރުގެ ބޮންޑުތަކަށް އިންވެސްޓުކުރުމާ މެދު ހުރި ބޮޑެތި ކަންބޮޑުވުންތައް ފާހަގަކުރައްވާފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.