މޯލްޑިވްސް ހާފް މެރަތަން 2026 (އެމްއެޗުއެމް26)ގެ އެކްސްލޫސިވް ބޭންކިން ޕާޓްނަރެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އައިރަނާސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ދުވުން އޮންނާނީ އަންނަ މަހުގެ 14 ވަނަ ދުވަހެވެ. މި ހަރަކާތުގައި ދެ ހާހަށްވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް އިންތިޒާމުކުރާ ފަރާތުން ލަފާކުރެއެވެ.
މި ދުވުން ކުރިއަށްދާނީ ޖުމްލަ އަށް ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު، 10 ކިލޯމީޓަރު އަދި ފަސް ކިލޯމީޓަރުގެ ފަން ރަން ހިމެނެއެވެ.
މީގެ އިތުރުން ފަސް ކިލޯމީޓަރުގެ ވީލްޗެއަ ރޭސް، ކިޑްސް މައިލް އަދި ފެމިލީ ރަންތައްވެސް މި ހަރަކާތުގެ ތެރޭގައި ކުރިއަށްދާނެއެވެ.
ދުވުމުގެ ހަރަކާތުގެ އިތުރުން، އައިރަނާސްއިން އިންތިޒާމުކޮށްގެން ތިން ދުވަހުގެ އެކްސްޕޯއެއް ހުޅުމާލޭ ދުވާ ޓްރެކްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އެކްސްޕޯ ކުރިއަށްދާނީ އަންނަ މަހުގެ 11 އިން 13 އަށެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި މި ދުވުމަކީ ހަމައެކަނި ކުޅިވަރުގެ ހަރަކާތެއް ނޫނެވެ. އެގޮތުން، އެމްއެޗްއެމް26ގައި ބައިވެރިވާ މީހުންގެ ފަރާތުން ލިބޭ ފައިސާގެ ތެރެއިން ބައެއް، ސޭވް ދަ ބީޗް ޖަމިއްޔާއަށް މި އަހަރު ހަދިޔާ ކުރާނެކަން އެ ބެންކުން ފާހަގަކުރިއެވެ.
އެއީ، ތިމާވެށި ރައްކާތެރިކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ކުރާ ކަމެއްކަން ބީއެމްއެލްއިން ފާހަގަކުރިއެވެ.