އެމެރިކާއާއި ސައުދީ އަރަބިއްޔާއާ ދެމެދު އެކުލަވާލި މަދަނީ ނިއުކްލިއާ އެއްބަސްވުމަށް އަމަލުކުރަން ފަށާނީ، ސައުދީން އިޒްރޭލާއެކު ގުޅުން ގާއިމުކުރުމަށް 'އަބްރަހަމް އެކޯޑްސް' ގައި ބައިވެރިވުމުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރޫތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް އިއްޔެ ވިދާޅުވި ގޮތުގައި، މި އެއްބަސްވުމަށް ރުހުން ދޭނީ ސައުދީން އެ މުއާހަދާގައި ބައިވެރިވުމުންނެވެ. އަދި މި އެއްބަސްވުމުގެ ދަށުން ޔުރޭނިއަމް ފައްކާކުރުމުގެ ފުރުސަތު ސައުދީއަށް ނުލިބޭނެ ކަމަށާއި، މިއީ ހަމައެކަނި އަސްކަރީ ނޫން ބޭނުންތަކަށް ހާއްސަ އެއްބަސްވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ ހަކަތައާ ބެހޭ ވަޒީރު ކްރިސް ރައިޓް އަދި ސައުދީގެ ހަކަތައާ ބެހޭ ވަޒީރު އަމީރު އަބްދުލްއަޒީޒް ބިން ސަލްމާން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ބުދަ ދުވަހުއެވެ. ނަމަވެސް، އެއްބަސްވުމުގައި ސޮއިކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ޓްރަމްޕް ވަނީ އާ ޝަރުތެއް ކުރިމަތިކުރުވާފައެވެ.
ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓް ވިދާޅުވި ގޮތުގައި، ސައުދީން އަބްރަހަމް އެކޯޑްސްގައި ބައިވެރިނުވެއްޖެނަމަ މި އެއްބަސްވުން ކުރިއަކަށް ނުގެންދެވޭނެއެވެ. އަދި މިކަމާ ގުޅޭގޮތުން ސައުދީގެ އިސްވެރިންނާ މަޝްވަރާކުރަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިޒްރޭލާއެކު ގުޅުން ގާއިމުކުރާނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމުން ކަމަށް ސައުދީން މީގެ ކުރިން ވަނީ ބުނެފައެވެ. ނަމަވެސް ޓްރަމްޕްގެ މި ޝަރުތާ ގުޅިގެން ސައުދީ ސަރުކާރުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ސައުދީން އަބްރަހަމް އެކޯޑްސްގައި ބައިވެރިވުމަކީ މެދުއިރުމަތީގެ ސުލްހައަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅަކަށް ވާނެއެވެ.
މި އެއްބަސްވުމަށް އަމަލުކުރުމުގެ ކުރިން އެމެރިކާގެ ކޮންގްރެސްއިން މުރާޖައާކުރަން ޖެހޭނެއެވެ.