އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަޒީޒު އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު:--- ފޮޓޯ: މަޖިލިސް

ރާއްޖޭގެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރު އަދި މިހާރު ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު އަނެއްކާވެސް ކޮމިޝަނަރަކަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ބޭއްވި ޖަލްސާގައި ޢަބްދުލްޢަޒީޒު އެ މަގާމަށް އައްޔަންކުރުމަށް ރުހުން ދިނުމަށް ފާސްކުރީ 47 މެންބަރުންގެ ވޯޓުންނެވެ. އޭނާ އެ މަގާމަށް އައްޔަންކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރެކެވެ.

މި މައްސަލަ ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވެސް ވަނީ އޭނާއަށް 75 އިންސައްތައަށް ވުރެ މަތިން މާކްސް ލިބިފައިވާތީ ރުހުން ދޭން ފެންނަ ކަމަށް ނިންމާފައެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒުގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ، މި ވަގުތު އެ މަގާމުގައި ހުންނެވި އަހުމަދު އާހިދު ރަޝީދުގެ ފަސް އަހަރުގެ ދައުރު އަންނަ މަހުގެ ހަ ވަނަ ދުވަހަށް ހަމަވާތީއެވެ.

https://sun.mv/226462

އެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އިތުރު ބޭފުޅުން ކުރިމަތިލެއްވި ނަމަވެސް، މަޖިލީހަށް ފޮނުއްވީ ހަމައެކަނި އަޒީޒުގެ ނަންފުޅެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޢަބްދުލްޢަޒީޒު ވިދާޅުވީ، މައުލޫމާތު ހޯދައި ލިބުމުގެ ހައްގުގެ ގާނޫނުގެ މަގުސަދަކީ ރައްޔިތުންނަށް މައުލޫމާތު ހޯދައިދިނުން ކަމަށާއި އެ މަގުސަދު ހާސިލުކުރައްވާނީ ޑިޕްލޮމަސީގެ ތެރެއިން ކަމަށެވެ.

އެގޮތުން، ރައްޔިތުން ހުށަހަޅާ ކަންކަމުގައި މައުލޫމާތު ފޯރުކޮށްދިނުމަށް އިދާރާތަކާ މަޝްވަރާ ކުރައްވާނެ ކަމަށާއި އާންމު އަޑުއެހުންތައް ބާއްވާނީ އެއްވެސް ގޮތަކުން އެ މައުލޫމާތު ނުލިބުމުން، ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، އެ ގާނޫނު އެކުލަވާލިއިރު މަޖިލީހުގެ ކޮމިޓީގައި ހުންނެވިކަން ފާހަގަކުރައްވައި އަޒީޒު ވިދާޅުވީ، ގާނޫނުގެ އަސްލު ނިޔަތަކީ ދައުލަތުގެ މުއައްސަސާތަކުގެ އިސްނެގުމުގެ މަތިން މައުލޫމާތު ހާމަކޮށްފައި ހުރުން ކަމަށާއި އެއީ ރައްޔިތުންނަށް ކޮންމެހެން ލިބިފައި ހުންނަންޖެހޭ މައުލޫމާތު ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ޢަޒީޒަކީ 22 ޖުލައި 2014 އިން 22 ޖުލައި 2019 އަށް އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު އަދާކުރެއްވި ބޭފުޅާއެވެ. މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި އަޒީޒަކީ ތައުލީމީ ދާއިރާއަށް 22 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

އަދި ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ކުރެއްވި ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން 2020 ވަނަ އަހަރު އޭނާއަށް ވަނީ ގައުމީ އިނާމު ވެސް ލިބިވަޑައިގެންފައެވެ.

އަޒީޒުގެ ފުރަތަމަ ދައުރުގައި ކޮމިޝަނަށް ހުށަހެޅުނު ގިނަ މައްސަލަތައް ބޭރުކޮށްލާފައިވާތީ އާއި ގިނަ އަޑުއެހުންތައް ސިއްރުން ބާއްވާފައިވާތީ، އޭނާ އަލުން އެ މަގާމަށް އައްޔަންކުރުމާ މެދު ޓްރާންސްޕޭރެންސީ މޯލްޑިވްސް ފަދަ ޖަމިއްޔާތަކުންނާއި އާންމުންގެ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

comment ކޮމެންޓް