ރާއްޖޭގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއާ، ޓީޓީއެމްގެ 10 ވަނަ އެޑިޝަން ފަށައިފި

ރާއްޖޭގައި ބާއްވާ ފަތުރުވެރިކަމޖުގެ އެންމެ ބޮޑުފެއާ، ޓީޓީއެމްގެ 10 ވަނަ އެޑިޝަނުގެ ތެރެއިން --- ފޮޓޯ: ވިޒިޓް މޯލްޑިވްސް

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއާ، ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ގެ 10 ވަނަ އެޑިޝަން، ބާސެލޯ ނަސަންދުރަ މާލޭގައި މިއަދު ފަށައިފިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ހަރަކާތަކީ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކާއި ބައިނަލްއަގްވާމީ މާހިރުން އެއް ތަނަކުން ބައްދަލުވެ، ވިޔަފާރި ފުރުސަތުތައް ފަހިކުރުމަށާއި ގުޅުންތައް ބަދަހިކުރުމަށް ލިބޭ އަގުހުރި މަންސައެއް ކަމަށް ވިޒިޓް މޯލްޑިވްސްއިން ފާހަގަކުރިއެވެ.

އެގޮތުން ޓީޓީއެމްގެ 10 ވަނަ އެޑިޝަންގެ ގޮތުގައި ފާހަގަކުރާ މި އަހަރުގެ ފެއާގައި 130 އަށްވުރެ ގިނަ ރިސޯޓް ހޮޓެލް އަދި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މައިގަނޑު 30 މާކެޓަކުން 250 އަށްވުރެ ގިނަ ޓްރެވަލް އޮޕަރޭޓަރުންނާއި އެޖެންޓުން ބައިވެރިވާ ކަމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ މައުލޫމާތު ދީފައެވެ.

މިއީ ފަތުރުވެރިކަމުގެ ސިނާއަތުގެ ހަރަކާތްތެރިންނަށް ޕްރޮފެޝަނަލް ގުޅުންތައް ގާއިމުކުރުމަށާއި، ސްޓްރެޓީޖިކް ޕާޓްނަޝިޕްތައް އުފެއްދުމުގެ އިތުރުން، ދުނިޔޭގެ ފަތުރުވެރިކަމުގެ ޓްރެންޑްތަކަށް އަންނަ ބަދަލުތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ފަހިވެގެންދާ މުހިންމު ފުރުސަތެއް ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

ރާއްޖޭގައި ބާއްވާ ފަތުރުވެރިކަމޖުގެ އެންމެ ބޮޑުފެއާ، ޓީޓީއެމްގެ 10 ވަނަ އެޑިޝަނުގެ ތެރެއިން --- ފޮޓޯ: ވިޒިޓް މޯލްޑިވްސް

ޓީޓީއެމްގެ ގެ ގޯލްޑް ސްޕޮންސަރު އަދި ޑެސްޓިނޭޝަން ޕާޓްނަރުގެ ހައިސިއްޔަތުން، ވިޒިޓް މޯލްޑިވްސްއިން ވަނީ އެ ފެއާގެ އެގްޒިބިޓަރެއްގެ ގޮތުގައި ބައިވެރިވެފައެވެ. އެގޮތުން ހަރަކާތުގެ ތެރެއިން، ޚާއްސަ ލައުންޖެއް މެދުވެރިކޮށް ބައިނަލްއަގްވާމީ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންގެ އިތުރުން ޑީއެމްސީތަކާއި އެއާލައިންތަކުގެ އިތުރުން މީޑިއާތަކާއެކު މުހިންމު ބައްދަލުވުންތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

އަދި މި ބައްދަލުވުންތަކަކީ ބައިނަލްއަގްވާމީ މާކެޓިން ހަރަކާތްތައް ފުޅާކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖޭގެ މަގްބޫލުކަން އިތުރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަން ވެސް އެ ކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

ޓީޓީއެމްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ދުނިޔޭގެ ޓްރެވަލް ޓްރޭޑާ ސީދާ ގުޅުވައިދޭ މުހިންމު މަންސައެއް. އަދި މިއަހަރުގެ ބައިވެރިވުމުގެ ސަބަބުން މިހާރު ޤާއިމުކުރެވިފައިވާ ޕާޓްނަޝިޕްތައް އިތުރަށް ހަރުދަނާވެ، އައު ވިޔަފާރި ގުޅުންތައް އުފެދި، މައިގަނޑު މާކެޓުތަކުގައި ރާއްޖޭގެ ވާދަވެރިކަން ދެމެހެއްޓުމަށް މަގުފަހިވާނެ، ވިޒިޓް މޯލްޑިވްސްގެ ކުރީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ

ރާއްޖޭގައި ބާއްވާ ފަތުރުވެރިކަމޖުގެ އެންމެ ބޮޑުފެއާ، ޓީޓީއެމްގެ 10 ވަނަ އެޑިޝަނުގެ ތެރެއިން --- ފޮޓޯ: ވިޒިޓް މޯލްޑިވްސް

އެ އިވެންޓުގެ ތެރެއިންނާއި 'ޓީޓީއެމް ކަނެކްޓް' ޑިޖިޓަލް ޕްލެޓްފޯމް އަދި ސޯޝަލް މީޑިއާ މަންސަތަކުގައި ވިޒިޓް މޯލްޑިވްސްގެ ބްރޭންޑިން ފުޅާދާއިރާއެއްގައި ދައްކުވައިދޭނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

އަދި މި ހަރަކާތް ނިންމާލުމުގެ ގޮތުން ބާއްވާ 'ޓީޓީއެމް އެވޯޑްސް އެންޑް ގާލާ' ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭ، ކްރޮސްރޯޑްސް މޯލްޑިވްސްގައި ކަމަށާއި އެ ހަފުލާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް އެވޯޑު ދިނުން އޮންނާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ޓީޓީއެމްގެ 10 ވަނަ އެޑިޝަނަކީ ބައިނަލްއަގްވާމީ ބާޒާރުތަކާއި ރާއްޖެ ގުޅުވައިދިނުމުގައާއި، ސިނާއަތުގެ ވިޔަފާރި ގުޅުންތައް ބަދަހިކޮށް ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް ފަތުރުވެރިކަމުގެ ދާއިރާގައި އަދާކުރާ މުހިންމު ދައުރު ރަމްޒުކޮށްދޭ ހަރަކާތެކެވެ.

comment ކޮމެންޓް