ފާސްޓްފުޑް އިންޑަސްޓްރީގައި އޮޓޮމޭޝަން ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޕިއްޒާ ތައްޔާރުކުރުމަށް ތައާރަފުކުރި ރޮބޮޓް ޓެކްނޮލޮޖީއަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހި، ގިނަ ކުންފުނިތަކެއް ހުއްޓުމަކަށް އަތުވެއްޖެއެވެ.
ޕިއްޒާ ފިހާރަތަކަށް އޮޓޮމޭޓެޑް ޚިދުމަތްތައް ދިނުމަށް އުފެއްދި ޕިކްނިކް، ޒޫމް، ޕާޒީ އަދި ބެސިލް ސްޓްރީޓް ފަދަ މަޝްހޫރު ސްޓާޓްއަޕްތައް މިހާރު ވަނީ ބަންދުކޮށްފައެވެ.
ސިއެޓްލްގެ މޮޓޯ ޕިއްޒާ ރެސްޓޯރަންޓުގެ ބާނީ އަދި ސީއީއޯ ލީ ކިންޑެލް ބުނި ގޮތުގައި، އޭނާ ބޭނުންކުރަމުން ދިޔަ 160،000 އެމެރިކާ ޑޮލަރުގެ ދެ ރޮބޮޓް ސަޕްލައިކުރި ޕިކްނިކް ކުންފުނި މި އަހަރުގެ މެއި މަހު ކުއްލިއަކަށް ހުއްޓާލުމާ ގުޅިގެން، ޓެކްނިކަލް ސަޕޯޓް ނުލިބި އެ މެޝިންތައް މިހާރު ވަނީ ބޭނުންނުކުރެވޭ ހާލަތަށް ގޮސްފައެވެ. ނަމަވެސް، އަތުގެ ކަށިގަނޑަކަށް ލިބުނު އަނިޔާއެއްގެ ސަބަބުން ފުށް މޮޑުމަށް މެޝިންގެ އެހީ ހޯދަން މަޖުބޫރުވި ކިންޑެލް އަދިވެސް އުންމީދު ކަނޑައެއް ނުލައެވެ. އޭނާ މިހާރު ދަނީ 3ޑީ ޕްރިންޓިންގެ ޓެކްނޮލޮޖީއަށް ބިނާކޮށް ޕިއްޒާ ތައްޔާރުކުރެވޭނެ އަމިއްލަ ރޮބޮޓެއް އުފެއްދުމުގެ މަސައްކަތް ކުރަމުން ކަމަށްވާއިރު، 2027 ގެ ހޫނުމޫސުމުގެ ނިޔަލަށް އެ އީޖާދު ފުރިހަމަކުރެވޭނެ ކަމަށް ލަފާކުރެއެވެ.

ސިއެޓްލްގެ މޮޓޯ ޕިއްޒާ ރެސްޓޯރަންޓުގެ ބާނީ އަދި ސީއީއޯ ލީ ކިންޑެލް ---
ބޭންކް އޮފް އެމެރިކާގެ ސީނިއާ ރެސްޓޯރަންޓް އެނަލިސްޓް ސާރާ ސެނަޓޯރޭ ފާހަގަކުރި ގޮތުގައި، ގިނަ ބަޔަކު އުންމީދުކުރި ފަދަ ކާމިޔާބީއެއް އަދި މި ޓެކްނޮލޮޖީން ފެނިފައެއް ނުވެއެވެ. އިންސާނުންނާ އަޅާބަލާއިރު ރޮބޮޓްތައް ބައެއް ފަހަރު އިންގްރީޑިއަންޓްސް އެޅުމުގައި ގޯސްތައް ހަދާ ކަމަށާއި، ކާބޯތަކެތި ތައްޔާރުކުރުމުގައި އިންސާނުންގެ ހުނަރުވެރިކަން މާ ބޮޑަށް ވެސް ރަނގަޅު ކަމަށް އޭނާ ބުންޏެވެ.
މީގެ އިތުރުން ރެސްޓޯރަންޓްތަކުން އިންސާނީ ގުޅުމާއި ޚިދުމަތްތެރިކަމުގެ އިހުސާސް ގެއްލި، މެޝިނަކަށް މައްސަލައެއް ޖެހިއްޖެ ހާލަތެއްގައި ކަސްޓަމަރުން މާޔޫސްވުމުގެ ފުރުސަތު އޮތުމަކީ ބޮޑު ރިސްކެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
ރޮބޮޓްތަކުގެ ސަބަބުން ވަޒީފާތައް ގެއްލިދާނެ ކަމަށް ދެކެވޭ ވާހަކަތަކަށް ޖަވާބުދެމުން ކިންޑެލް ބުނީ، ސިއެޓްލް މެރިނާސްގެ ޓީ-މޯބައިލް ޕާކް ސްޓޭޑިއަމްގައި ކުރިން 10 މީހުން ކުރި މަސައްކަތް ރޮބޮޓްގެ އެހީގައި ދެ މީހުންނަށް ކުޑަކުރެވުނު ނަމަވެސް، ބާކީ ތިބި އަށް މުވައްޒަފުން ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށާއި ޕިއްޒާ އިޝްތިހާރުކުރުމުގެ މަސައްކަތަށް ބަދަލުކުރުމުން ޚިދުމަތުގެ ދުވެލި ވަރަށް ބޮޑަށް އަވަސްވެގެން ދިޔަ ކަމަށެވެ.
އަނެއްކޮޅުން، ކެނެޑާގެ އެޕެޓްރޯނިކްސް ކުންފުނިން ދޮނާޓޯސް ޕިއްޒާ ޗެއިނާ ގުޅިގެން އޮހާޔޯގެ އެއާޕޯޓެއްގައި 24 ގަޑިއިރު ޚިދުމަތްދޭ ރޮބޮޓިކް ޔުނިޓެއް ގާއިމުކޮށްފައިވާއިރު، ކޮންމެ މިނެޓަކު ޕިއްޒާއެއް ނެރެވޭ ފެންވަރަށް ސްޕީޑް އިތުރުކުރުމުގެ ދިރާސާތައް ދަނީ ކުރަމުންނެވެ.
އެ ކުންފުނީގެ ސީއީއޯ ނިޕުން ޝަރުމާ ބުނީ، ސޯސް އެޅުމުގެ ވަގުތު 9.5 ސިކުންތުން 1.5 ސިކުންތަށް އަވަސްކުރުމަށް ޝަވަރު ހެޑް ފަދަ ޓެކްނޮލޮޖީއާއި، ޕިއްޒާ ކެފުމަށް ވަޅީގެ ބަދަލުގައި ލޭޒާ އަދި އަލްޓްރާސައުންޑް ބޭނުންކުރުމަށް ދިރާސާކުރަމުން އަންނަ ކަމަށެވެ. އަދި އެ ކުންފުނީގެ އަމާޒަކީ ކޮންމެ ފަހަރަކު ވެސް އެއް ރަހައެއްގައި ޕިއްޒާ ލިބޭނެ ޗެއިން މާކެޓެއް ކަމަށް ވެސް އޭނާ ބުންޏެވެ.
މި އީޖާދުތަކާ ޚިލާފަށް، ޕޯލީ ޖީސް ޕިއްޒާ ރެސްޓޯރަންޓުގެ ވެރިޔާ ޕޯލް ޖިއަނޯން ފަދަ ވިޔަފާރިވެރިން އަދިވެސް ގަބޫލުކުރަނީ އަމިއްލަ އަތުން ތައްޔާރުކުރާ ޕިއްޒާއާއި ކަސްޓަމަރުންނަށް ދެވޭ ޒާތީ ޚިދުމަތަކީ ބަދަލުނުކުރެވޭނެ މުހިންމު ބައެއް ކަމަށެވެ. އޭނާ ބުނި ގޮތުގައި އެ ފިހާރަތަކުގައި އެއްވެސް އިރެއްގައި ރޮބޮޓް ބޭނުމެއް ނުކުރާނެއެވެ.
ނާކާމިޔާބުވި ކުންފުނިތައް ހުއްޓުނު ނަމަވެސް، އެ ކުންފުނިތަކުގެ ޓެކްނޮލޮޖީއާއި ޕޭޓެންޓްތައް އެހެން ކުންފުނިތަކުން ދަނީ ބޭނުންކުރަމުންނެވެ. މިގޮތުން ޒޫމް ކުންފުނީގެ 300 އަށް ވުރެ ގިނަ ޕޭޓެންޓް މިސޯ ރޮބޮޓިކްސްއިން ގަނެފައިވާއިރު، އެ ކުންފުނީގެ ސީއީއޯ ރިޗް ހަލް ބުނީ ކުރީގެ ސްޓާޓްއަޕްތައް ނާކާމިޔާބުވީ އެ ޓެކްނޮލޮޖީ ބަލައިގަތުމަށް ކަސްޓަމަރުން އޭރު ތައްޔާރު ނުވާތީ މާ އަވަހަށް މާކެޓަށް ނިކުތުމުން ކަމަށެވެ.
އެ ކުންފުނިން އުފައްދާ ފްރައިސް ތެލުލާ 'ފްލިޕީ' ރޮބޮޓްގެ ފެންވަރު ރަނގަޅުކުރުމަށް މި ޕޭޓެންޓްތައް ބޭނުންކުރާނެ ކަމަށް އޭނާ ހާމަކުރިއެވެ.
ފާސްޓްފުޑްގެ ދާއިރާގައި ރޮބޮޓް ޓެކްނޮލޮޖީ ބޭނުންކުރުމުގައި ގިނަ ގޮންޖެހުންތަކަކާއި ނާކާމިޔާބީތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، މި ދާއިރާގެ މުސްތަގުބަލާމެދު އޮތް އުންމީދު އަދި މުޅިން ގެއްލިއެއް ނުދެއެވެ. އެއްބަޔަކު އިންސާނުންގެ އަތްތެރި މަސައްކަތާއި ޒާތީ ޚިދުމަތްތެރިކަމުގެ މުހިންމުކަން ފާހަގަކުރަމުންދާއިރު، އަނެއްބަޔަކު ދެކެނީ މިއީ ވަގުތީ ހުރަސްތަކެއް ކަމަށާއި، ދުވެލި އަވަސް އަދި އެއް ފެންވަރެއްގެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ފުރިހަމަ އޮޓޮމޭޝަނަކީ ދުވަހަކު ވެސް ހުއްޓުވޭނެ ބަދަލެއް ނޫން ކަމަށެވެ. އެހެންކަމުން، މި ޓެކްނޮލޮޖީ އެންމެ ފުރިހަމައަށް ތަރައްގީކޮށް ބާޒާރަށް ކާމިޔާބުކަމާއެކު ފުރަތަމަ ނެރެވޭނީ ކޮން ބަޔަކަށްތޯ ބެލުމުގެ ވާދަވެރިކަން އަދިވެސް މިދަނީ ކުރިއަށެވެ.