ނަޝީދަށް ދިން ހަމަލާ: ހައިޝަމާއި ފަހުމީގެ މައްސަލަ މާދަމާއަށް ތާވަލުކޮށްފި

ރައީސް މުޙައްމަދު ނަޝީދު މަޖިލީހުގެ ޖަލްސާއެއްގައި -- ފޮޓޯ/ މަޖިލިސް

ދެހާސް އެކާވީސް ވަނަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހު އޭރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ ހަ މީހުންގެ ތެރެއިން ދެ މީހެއްގެ މައްސަލަ މާދަމާއަށް ތާވަލުކޮށްފިއެވެ.

ދެހާސް އެކާވީސް ވަނަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަކީ އެ މަނިކުފާނުގެ ގެކޮޅު ހުންނަ ނީލޯފަރު ހިނގުމުގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށް ގޮއްވާލައިގެން ދިން ހަމަލާއެކެވެ.

އެ ދުވަހު ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަން ވަޑައިގަންވަނިކޮށް ވަނީ ބޮން ގޮއްވާލައިފައެވެ.

މެއި ހައެއްގެ ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ ހަ މީހުންނަކީ:

  • މއ. ފޭރުގޭ މުޖާޒް އަހުމަދު
  • ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަޙުމަދު
  • ނ. މަނަދޫ، ނޫރީގެ ޢަލީ ހައިޝަމް
  • އއ. މާޅޮސް، އަސަރީގެ، މުޙައްމަދު ނާޒިމް
  • ގއ. ވިލިނގިލި، ހުދުރުވާގެ ފަހުމީ ޢަލީ
  • ހއ. މޮޅަދޫ، މ. ކުދެހިގެ، އިސްހާގު

މީގެ ތެރެއިން މާދަމާއަށް ކްރިމިނަލް ކޯޓުގައި އަޑުއެހުން ތާވަލުކޮށްފައި ވަނީ ޢަލީ ހައިޝަމް އަދި ފަހުމީ ޢަލީގެއެވެ.

ހައިޝަމްގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި، ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިޔުމަށް އެހީތެރިވެދިނުމުގެ ދައުވާއެވެ. އަދި ފަހުމީގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުގައި ހައިޝަމްގެ އަޑުއެހުން މާދަމާގެ 14:00 އަށް ތާވަލުކޮށްފައިވާއިރު ފަހުމީގެ އަޑުއެހުން އޮތީ ހެނދުނު 09:00 ގައެވެ.

https://sun.mv/160079

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި 10 މީހެއްގެ ޝަރީއަތް ކުރިއަށްގެންދެއެވެ. އެ މައްސަލައާ ގުޅިގެން މިހާތަނަށް ހުކުމްކޮށްފައި ވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަޙްމަދު ރަޝީދުގެ މައްޗަށެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލިކަމަށް އިއުތިރާފުވި އަދުހަމަށް އިއްވާފައި ވަނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.

މޭ 6، 2021: ކުރީގެ ރައީސް ނަޝީދު ދިރިއުޅުއްވާ ގޭކައިރީ އެ މަނިކުފާނަށް އަމާޒުކޮށް ދިން ޓެރަރިޒަމް ހަމަލާ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އެ މައްސަލައާ ގުޅިގެން މީގެ ކުރިން ދައުވާ އުފުލާފައިވާ އިތުރު މީހުންނަކީ ހއ. މޮޅަދޫ، ބަހާރުގެ، ޢަބްދުﷲ ޢަލީ މަނިކާއި ހއ. ހޯރަފުށި، އަލަނާސިގެ، މުޙައްމަދު ތަސްލީމްއާއި ދަފްތަރު 6231 ޙަސަން ޔާސީން އާއި ހުޅުމާލެ 07-3-56، މުޙައްމަދު ޒޫމަލް ޒަރީރެވެ.

މީގެ ތެރެއިން އަބްދުﷲ އަލީ މަނިކުގެ މައްޗަށް ކުރި ދައުވާ ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ވަނީ އިއްވާފައެވެ.

ތަސްލީމަކީ ބޮން ގޮއްވައިލުމުގައި އެންމެ އިސް ދައުރެއް އަދައިކުރި މީހާ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ. ނަމަވެސް ތަސްލީމްގެ މައްޗަށް އުފުލި ދައުވާތައް ސާބިތެއް ނުވިއެވެ.

https://www.sun.mv/221615

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެ މަނިކުފާނަށް ބޮޑެތި ޒަޚަމްތަކެއް ލިބި، ބޭރުން ވެސް ފަރުވާ ހޯއްދެވިއެވެ.

އެގޮތުން ބޮމުގެ ރޭޒާފުއްތައް އެ މަނިކުފާނުގެ ހަށިކޮޅުގެ އެ ތަންމިތަނަށް އެރުމުގެ ސަބަބުން، ވަރަށް ނުރައްކާތެރި ހާލަތެއްގައި 16 ގަޑިއިރުގެ އޮޕަރޭޝަނެއް އޭޑީކޭ ހޮސްޕިޓަލުގައި ކުރައްވަން ޖެހިވަޑައިގަތެވެ. އެ ހަމަލާގައި ނަޝީދުގެ ފުރާނަފުޅު ކިރިޔާ ސަލާމަތްވީއިރު، އިތުރު ފަރުވާ ހޯއްދެވުމަށް ޖަރުމަނުވިލާތުގައި ވެސް ގިނަ ދުވަސްތަކެއް ހޭދަކުރެއްވިއެވެ.

ނަމަވެސް އެ ހަމަލާއަށް މިހާރު ފަސް އަހަރުވެފައި ވާއިރު، އެ މަނިކުފާނަށް އޭރު ފަރުވާދެއްވި ޑޮކްޓަރުން ވިދާޅުވި ގޮތަށް، މިހާރު ހާލު ރަނގަޅުވެފައިވާ ކަމަށް ނަޝީދު މިއަހަރު ވިދާޅުވިއެވެ.

https://www.sun.mv/220836

ފާހަގަކޮށްލެވޭ ގޮތުގައި ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއާގުޅޭ ތަހުގީގު އަވަސްކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފުލުހަށް މި އަހަރުގެ އޭޕްރީލް މަހު ވަނީ އަންގައިފައެވެ. އެގޮތުން ޕީޖީ އޮފީހުން ވަނީ ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެކަމަށް ޚަރަދު ކުރި މީހުންނާ ގުޅުންހުރި ތަހުގީގުތައް އަވަސްކޮށް، ވީ އެންމެ އަވަހަކަށް ޕީޖީއަށް ހުށަހެޅުމަށް އެދިފައެވެ.

comment ކޮމެންޓް