ދުނިޔޭގެ މަގުބޫލު ޓެކްނޮލޮޖީ ކުންފުނި ޝައޯމީން ކުރިއަށް އޮތް ތަނުގައި ބާޒާރަށް ނެރެން ހަމަޖެހިފައިވާ ފަށްޖެހޭ ފޯނު، "ޝައޯމީ 18 ފޯލްޑް" އައިއެފްއޭ 2026 މައުރަޒުގައި ފުރަތަމަ ފަހަރަށް ދައްކާލައިފިއެވެ.
އައިއެފްއޭ އަކީ ކޮންމެ އަހަރަކު ސެޕްޓެމްބަރު 4 އިން 8 އަށް ޖަރުމަނުގެ ވެރިރަށް ބާލިންގައި ބާއްވަމުން އަންނަ، ދުނިޔޭގެ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު އެއް ކޮންސިއުމާ އިލެކްޓްރޯނިކްސް އަދި ހޯމް އެޕްލަޔަންސަސް (ގޭތެރޭގައި ބޭނުންކުރާ ޒަމާނީ ކަރަންޓު ސާމާނު) ދައްކާލާ ބައިނަލްއަގުވާމީ މައުރަޒެވެ.
ޝައޯމީން ކުންފުނިން ރަތް ކުލައިގައި ދައްކާލި މި ފޯނަކީ އެ ކުންފުނީގެ އެތެރޭގައި އަމިއްލައަށް ތަރައްގީކޮށްފައިވާ އައު "އެކްސްރިންގް އޯ3" ޕްރޮސެސާ އެކުލެވޭ ފުރަތަމަ ސްމާޓްފޯނެވެ. މި ފޯނުގެ ފަހަތުގައި ތިން ކެމެރާ ހިމެނޭއިރު، އޭގެ ތެރޭގައި 200 މެގަޕިކްސެލްގެ ދެ ކެމެރާއާއި 50 މެގަޕިކްސެލްގެ ކެމެރާއެއް ހިމެނެއެވެ. އަދި ކުރިމަތީގައި 50 މެގަޕިކްސެލްގެ ކެމެރާއެއް ހިމެނޭއިރު، މައި ޑިސްޕްލޭގެ ބޮޑުމިނަކީ 6.56 އިންޗިއެވެ. އަދި ކަވަރު ޑިސްޕްލޭގެ ބޮޑުމިނަކީ 7.76 އިންޗިއެވެ. މީގެ އިތުރުން 12 ޖީބީގެ ރެމް އާއި 256 ޖީބީގެ ސްޓޯރޭޖް ހިމެނޭ މި ފޯނުގައި ހުންނަނީ 6000 މިލިއެމްޕަޔަރުގެ ބެޓެރިއަކާއި އެންޑްރޮއިޑް 17 އޮޕަރޭޓިން ސިސްޓަމެވެ.

އައިއެފްއޭ މައުރަޒުގައި ޝައޯމީން ވަނީ 380 އަށް ވުރެ ގިނަ އުފެއްދުންތަކާއި ޓެކްނޮލޮޖީތައް ދައްކާލާފައި ---
ޝައޯމީ 18 ފޯލްޑް ރަސްމީކޮށް ޗައިނާގެ ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 7 ވަނަ ދުވަހުއެވެ. މި ފޯނާ އެކު އެ ދުވަހު "ޝައޯމީ ޕެޑް 9 ޕްރޯ މެކްސް" ޓެބްލެޓް ވެސް ލޯންޗުކުރާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.
އައިއެފްއޭ މައުރަޒުގައި ޝައޯމީން ވަނީ 3،300 އަކަމީޓަރުގެ ބޮޑު ޖާގައެއްގައި 380 އަށް ވުރެ ގިނަ އުފެއްދުންތަކާއި ޓެކްނޮލޮޖީތައް ދައްކާލާފައެވެ. މި މައުރަޒު އެ ކުންފުނިން ބަހާލާފައިވަނީ "އޭއައި ޓުމޯރޯ"، "އޭއައި ޓުޑޭ" އަދި "ހިއުމަން ކާރު ހޯމް" ޕްރޮޑަކްޓް ޕޯޓްފޯލިއޯގެ މައްޗަށެވެ.
އޭއައި ޓުމޯރޯ ސެކްޝަން އަމާޒުކޮށްފައިވަނީ އިންޓެލިޖެންޓް މޮބިލިޓީ އަދި ޝައޯމީ ވިޝަން ގްރޭން ޓޫރިސްމޯ އިލެކްޓްރިކް ހައިޕާކާ ކޮންސެޕްޓަށެވެ. އަދި އޭއައި ޓުޑޭ ސެކްޝަނުގައި އަލިއަޅުވާލާފައިވަނީ ޝައޯމީ އެސްޔޫ7 މެކްސް ކާރާއި ގޭތެރޭގެ މާހައުލުގައި، އަމިއްލަ ޑިވައިސްތަކާއި ކާރު އަދި ސްމާޓް ހޯމް އުފެއްދުންތައް އޭއައި މެދުވެރިކޮށް ގުޅުވައިލެވޭނެ ގޮތްތަކުގެ މައްޗަށެވެ.
ހިއުމަން ކާރު ހޯމް ބައިގެ ދަށުން ކެއްކުމާއި ކާބޯތަކެތި ރައްކާކުރުމާއި، ގޭތެރެ ސާފުކުރުމާއި، ވައިގެ ދައުރުވުން ބެލެހެއްޓުމާއި، އޯޑިއޯވިޝުއަލް މުނިފޫހިފިލުވުމާއި، ރައްކާތެރިކަމާއި ސެކިއުރިޓީ އަދި ސްމާޓް މޮބިލިޓީގެ އުފެއްދުންތައް ވަނީ އެއް ފުރާޅެއްގެ ދަށުން ދައްކާލާފައެވެ.
މި އިވެންޓުގައި ޝައޯމީގެ މަގުބޫލު "މިޖިއާ" ސްމާޓް ހޯމް އިކޯސިސްޓަމް ވެސް ވަނީ ފާހަގަކޮށްފައެވެ. އަދި ޔޫރަޕްގެ ގައުމުތަކުގައި މިޖިއާގެ ޚިދުމަތްތައް ފުޅާ ދާއިރާއެއްގައި ފެތުރުމަށް ރާވާފައިވާކަން އެ ކުންފުނިން ވަނީ ކަށަވަރުކޮށްދީފައެވެ.
މީގެ އިތުރުން ޝައޯމީން ތަރައްގީކޮށްފައިވާ "ސައިބަވަން" ހިއުމަނޮއިޑް ރޮބޮޓް މި މައުރަޒުގައި ވަނީ ދައްކާލާފައެވެ. އަދި ހައިޕައޯއެސް ޕްލެޓްފޯމާ އެކު މިމޯ-ވީ2.5-ޕްރޯ އާއި ޝައޯމީ މިލޮކޯ އަދި ޝައޯމީ މިކްލޯ ފަދަ އައު އޭއައި ޓެކްނޮލޮޖީތައް ވެސް ވަނީ ތައާރަފުކޮށްފައެވެ.
އޮޓޯމޯޓިވް ދާއިރާއިން ޝައޯމީ ވިޝަން ގްރޭން ޓޫރިސްމޯގެ އިތުރުން އައު ޖީލުގެ ޝައޯމީ އެސްޔޫ7 އަދި އެސްޔޫ7 އަލްޓްރާ ވަނީ ދައްކާލާފައެވެ.
މާޗް 2024 ގައި ކާރު ޑެލިވަރީ ކުރަން ފެށި ފަހުން ޗައިނާގައި އެކަނިވެސް 700،000 އަށް ވުރެ ގިނަ ވެހިކަލް މިހާރު ޑެލިވަރީކޮށްފައިވާ ކަމަށާއި، 2027 ވަނަ އަހަރު ޖަރުމަނު ހިމެނޭހެން ޔޫރަޕްގެ މާކެޓަށް ޝައޯމީ އޮޓޯ ތައާރަފުކުރާނެ ކަމަށް އެ ކުންފުނިން ހާމަކުރިއެވެ.
ޝައޯމީން ބުނެފައިވަނީ 2026 އާއި 2030 އާ ދެމެދު އެ ކުންފުނީގެ ދިރާސާތަކާއި ތަރައްގީއަށް ކުރާ އިންވެސްޓްމަންޓް (އާރްއެންޑްޑީ) 24 ބިލިއަން ޔޫރޯއަށް ވުރެ އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މި އިންވެސްޓްމަންޓްތައް މައިގަނޑު ގޮތެއްގައި އަމާޒުކުރާނީ އޭއައި، އޮޕަރޭޓިން ސިސްޓަމް، ޗިޕްސް، ސްމާޓް ވެހިކަލް އަދި ރޮބޮޓިކްސްގެ ދާއިރާތަކަށެވެ.