ދެ އަންހެނެއްގެ އިޒުނައަކާ ނުލައި އެ މީހުންގެ އޯވަރީ ނެގިކަމަށް އެއްބަސްވެފައިވާ, އަންހެނުންގެ ބަލިތަކާބެހޭ ޑޮކްޓަރެއް ކަމަށްވާ ޑރ. އަލީ ޝަކޫހް-އަމީރީގެ މައްޗަށް ކުރެވިފައިވާ މައްސަލަތައް އަލުން ބެލުމަށް އިނގިރޭސިވިލާތުގެ ހައިކޯޓުން އަމުރުކޮށްފިއެވެ.
މި އަމުރާ ގުޅިގެން، އޭނާއަކީ ޑޮކްޓަރުކަން ކުރުމުގެ ގާބިލުކަން ހުރި ފަރާތެއްތޯ ކަނޑައެޅުމަށްޓަކައި އަލުން އަޑުއެހުންތައް ބޭއްވުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ގާންޒީގެ ޕްރިންސަސް އެލިޒަބަތު ހޮސްޕިޓަލުގައި މަސައްކަތް ކުރިއިރު، ހަތަރު ބަލިމީހަކާ މެދު ނޭދެވޭ ގޮތުގައްޔާއި ޖިންސީ ނިޔަތެއް އޮވެގެން އަމަލުކުރުމާއި، މަކަރުހެދުމުގެ އިތުރުން، ބަލިމީހުން ބެލުމުގައި އެކަށީގެންވާ އިޖުރާއާތުތަކަށް ތަބާނުވުމުގެ ތުހުމަތު އީރާނުގެ އާއިލާއަކަށް ނިސްބަތްވާ ޑރ. ޝަކޫހް-އަމީރީގެ މައްޗަށް ވަނީ ކުރެވިފައެވެ. ސިއްހީ އެއްވެސް ޒަރޫރަތެއް ނެތި، ބަލިމީހާގެ ރުހުމަކާ ނުލައި އޯވަރީ ނެގިކަމަށް އޭނާ އިއުތިރާފުވި ނަމަވެސް، އެހެނިހެން ތުހުމަތުތަކަށް އޭނާ ވަނީ އިންކާރުކޮށްފައެވެ.

ޑރ. އަލީ ޝަކޫހް-އަމީރީ--ފޮޓޯ/ޓެލެގްރާފްއިންޑިއާ
މެޑިކަލް ޕްރެކްޓިޝަނާސް ޓްރައިބިއުނަލުން މީގެކުރިން ނިންމާފައިވަނީ، ޑރ. ޝަކޫހް-އަމީރީގެ މައްޗަށް ކުރެވުނު ފުރައްސާރައިގެ މައްސަލަ ސާބިތުވި ނަމަވެސް، އެއީ ޖިންސީ ނިޔަތެއްގައި ކުރި ކަމެއްކަން ސާބިތުނުވާ ކަމަށެވެ.
އަދި އޯވަރީ ނެގުމާއި ބަލިމީހަކާއެކު ޖިމަށް ދިޔުމަށް ދައުވަތު ދިނުމަކީ މަސައްކަތުގެ އަޚުލާގީ މިންގަނޑާ ޚިލާފު ކަމެއް ނަމަވެސް، އޭނާގެ ފަރާތުން ބަލިމީހުންނަށް އިތުރު ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު ކުޑަކަމަށް ބުނެ، އޭރު ނިންމާފައިވަނީ ހަމައެކަނި އިންޒާރެއް ދިނުމަށެވެ.
ނަމަވެސް، މި ނިންމުން ބާޠިލުކުރުމަށް އެދި ޖެނެރަލް މެޑިކަލް ކައުންސިލް (ޖީއެމްސީ)އިން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، މައްސަލަ ބެއްލެވި ފަނޑިޔާރު ޖަސްޓިސް މޮރިސް ވަނީ ޓްރައިބިއުނަލްގެ ނިންމުމަކީ "ބޭއިންސާފު އަދި ގޯސް" ނިންމުމެއް ކަމަށް ކަނޑައަޅުއްވާފައެވެ.
ހަތްދިހަ ސަފުހާގެ ދިގު ހުކުމުގައި ފަނޑިޔާރު ފާހަގަކުރައްވާފައިވަނީ، ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި މުހިންމު ހެކިތަކަށް ރިއާޔަތްކޮށްފައި ނުވާ ކަމަށާއި، ބައެއް ޙަޤީޤަތްތައް އޮޅުވާލައި، ބަލިމީހުންގެ ހެކިބަސް ބަލައިނުގަތް ސަބަބު ވެސް ސާފުކޮށް ބަޔާންކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން، މި މައްސަލަ އަލުން ޓްރައިބިއުނަލަށް ފޮނުވައި، ޑރ. ޝަކޫހް-އަމީރީގެ މެޑިކަލް ލައިސަންސާ މެދު އަލުން ގޮތެއް ނިންމުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ހައިކޯޓުގެ މި ނިންމުމަށް މަރުހަބާ ކިޔަމުން ޖީއެމްސީގެ ތަރުޖަމާނު ވިދާޅުވީ، ޑރ. ޝަކޫހް-އަމީރީގެ މައްޗަށް ކުރެވިފައިވާ ސީރިއަސް ތުހުމަތުތައް ބެލުމުގައި ޓްރައިބިއުނަލުން އިހުމާލުވެފައިވާކަން ކޯޓުގެ ހުކުމުން ހާމަވާ ކަމަށެވެ. އަދި އާންމު ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ އެންމެހައި ޤާނޫނީ ފިޔަވަޅުތައް އެ ކައުންސިލުން އަބަދުވެސް އަޅަމުން ގެންދާނެ ކަމަށް ވިދާޅުވިއެވެ.