ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް ހ.ވައިޓްޑައިމަންޑް، ޖަމީލާ ޢަލީ ޚާލިދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ، ޖަމީލާ ޢަލީ ޚާލިދު ސަފީރުކަމަށް ޢައްޔަންކުރައްވައި، މަގާމުގެ ފަތްކޮޅު ދެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައި ކަމަށެވެ.
ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާ އާ ސަފީރުގެ މަގާމަށް ޖަމީލާ އައްޔަންކުރުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވީ މި މަހުގެ 16 ވަނަ ދުވަހެވެ.
ފޮރިން ސާވިސްގެ ގާނޫނުގެ ދަށުން އޭނާ ސަފީރުކަމަށް އައްޔަންކުރުމަށް ފޮނުއްވި މައްސަލަ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ ދިރާސާކޮށްފައެވެ.

ޖަމީލާ ޢަލީ ޚާލިދު ސަފީރުކަމަށް ޢައްޔަންކުރައްވައި، މަގާމުގެ ފަތްކޮޅު ދެއްވުމަށްފަހު ރައީސާއެކު އޮތް ބައްދަލުކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް
އިނގިރޭސިވިލާތަކީ ރާއްޖެއާ ވަރަށް ގާތް ހާރިޖީ ގުޅުމެއް ބާއްވަމުން އަންނަ ގައުމަކަށް ވާއިރު، އެ ގައުމަށް ކަނޑައަޅާ ސަފީރަކީ ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާނެ ބޭފުޅެކެވެ.
އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމު ހުސްވީ، ކުރިން އެ ޒިންމާތައް ފުރުއްވަމުން ގެންދެވި އިރުތިޝާމް އާދަމް، މިދިޔަ އޭޕްރީލް މަހު ފޮރިން މިނިސްޓަރަކަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.
އިރުތިޝާމް ވަނީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން 2026 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހާ ހަމައަށް އިނގިރޭސިވިލާތުގެ ސަފީރުކަން ކުރައްވާފައެވެ.
ސަފީރުކަމުގެ މަގާމަށް މިއަދު އައްޔަންކުރެއްވި ޖަމީލާ ޢަލީ ޚާލިދަކީ ދައުލަތުގެ އެކި އިސް މަގާމުތައް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.
އެގޮތުން މި މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމުގައެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރަށް ޖަރުމަނުވިލާތުގައި ހުންނެވި ފުރަތަމަ ދިވެހި ސަފީރުކަން ވެސް އޭނާ ވަނީ ފުރުއްވައި، ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.
ހާރިޖީ ދާއިރާގެ އިތުރުން ޖަމީލާ ވަނީ ސިވިލް ސާވިސް ކޮމިޝަނުގެ ނައިބު ރައީސްކަމާއި، ތައުލީމީ އަދި މީޑިއާގެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން އަގުހުރި ހިދުމަތްތަކެއް ކުރައްވާފައެވެ.