ލޭންޑިން ކްރާފްޓެއްގެ ކެޕްޓަނަކު ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކޮށް، ނުދީ ހުރި މުސާރައާއި ބަދަލުގެ ގޮތުގައި ދޮޅު ލައްކައެއްހާ ރުފިޔާ ދެއްކުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނޯތު ކޯސްޓް ކޮންޓްރެކްޓާސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރި އަމުރަށް ހައިކޯޓުން ތާއީދުކޮށްފިއެވެ.
މި މައްސަލައަކީ ނޯތު ކޯސްޓް ކުންފުނީގެ ލޭންޑިން ކްރާފްޓް ކެޕްޓަންގެ ވަޒީފާއަށް 15 ޖޫން 2022 ގައި ހަމަޖެއްސި ހުވަދު އަތޮޅަށް ނިސްބަތްވާ ކެޕްޓަނަކު، އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި 10 ނޮވެންބަރު 2022 ގައި ވަޒީފާއިން ވަކިކުރުމާ ގުޅިގެން ހުށަހެޅި މައްސަލައެކެވެ. މަހަކު 25,000 ރުފިޔާގެ މުސާރައަކަށް ވަޒީފާ ދިން ނަމަވެސް، ކެޕްޓަނަށް ދީފައިވަނީ އެންމެ ފުރަތަމަ މަހުގެ 15 ދުވަހުގެ މުސާރަ އެކަނި ކަމަށް އޭނާ ބުނެފައިވެއެވެ.
މި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލުމަށްފަހު ނިންމާފައިވަނީ، ކެޕްޓަން ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމެއް ނެތި ކަމަށެވެ. އެހެންކަމުން ނުލިބިވާ މުސާރައާއި ނޯޓިސް ނުދީ ވަކިކުރުމުގެ ބަދަލުގެ ގޮތުގައި 123,333.33 ރުފިޔާ ދެއްކުމަށް ޓްރައިބިއުނަލުން އަމުރުކުރިއެވެ.
ނޯތު ކޯސްޓް ކުންފުނީގެ ފަރާތުން މި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރީ، ކެޕްޓަން މަސައްކަތަށް ހާޟިރުވެފައި ނުވާތީ މުސާރަ ދޭން ނުޖެހޭނެ ކަމަށް ބުނެއެވެ.
ނަމަވެސް، މައްސަލަ ބެލުމަށްފަހު ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، މުވައްޒަފަކު މަސައްކަތަށް ހާޟިރުނުވާ ކަމަށް ބުނެ މުސާރަ ނުދީ ހިފެހެއްޓުމާއި ވަޒީފާއިން ވަކިކުރި ނަމަ، އޭނާ މަސައްކަތަށް ހާޟިރުނުވާކަން ސާބިތުކޮށްދިނުމުގެ ބުރަ އޮތީ ވަޒީފާ ދިން ކުންފުނީގެ މައްޗަށް ކަމަށެވެ.
ވަޒީފާގެ އެއްބަސްވުމުގައި ހާޟިރީ ރެކޯޑުކުރާ ރަޖިސްޓްރީއެއް އޮންނާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އެފަދަ ރެކޯޑެއް ކުންފުންޏަށް ހުށަހެޅިފައެއް ނުވެއެވެ. އަދި ކުންފުނީގެ ފަރާތުން ހުށަހެޅި ހެކިންގެ ބަހަކީ ވެސް ސާފު ނޫން، ހީވާ ހީވުމުގެ މައްޗަށް ދީފައިވާ ބަޔާންތަކެއް ކަމަށް ހައިކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވެއެވެ.
އެހެންކަމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ބާޠިލުކުރަންޖެހޭ އެއްވެސް ޤާނޫނީ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި، ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ ޓްރައިބިއުނަލްގެ ނިންމުމަށް ތާއީދުކޮށްފައެވެ.
މި މައްސަލަ ހައިކޯޓުން ބެއްލެވީ ފަނޑިޔާރު ޙަސަން ޝަފީޢު، ފަނޑިޔާރު ފާޠިމަތު ފާރްހީޒު، އަދި ފަނޑިޔާރު ޢަބްދުއްރަޢޫފު އިބްރާހީމްއެވެ.