ޓްރެފިކް ޖޫރިމަނާގެ އަދަދު 5،000 ރުފިޔާއަށް ވުރެ ބޮޑުވެއްޖެ ނަމަ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހިފެހެއްޓުމާއި ބާތިލުކުރުމުގެ ބާރު ފުލުހުންނަށް ލިބޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހަށް އަމަލުކުރަން ފަށައިފިއެވެ.
ކުރިން އޮންނަ ގޮތުން ލައިސަންސް ބާތިލުވަނީ ލައިސަންސްގެ މުއްދަތު ހަމަވުމުން ނުވަތަ ކްރެޑިޓް ޕޮއިންޓް އުނިކުރަމުން ގޮސް ކްރެޑިޓް ޕޮއިންޓް ހުސްވުމުންނެވެ.
އާ ގާނޫނުގައިވާ ގޮތުން ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން ގާނޫނާއި ގަވާއިދުތަކާ ޚިލާފު އަމަލެއް ކުރުމާއި، ގާނޫނުގައި ބަޔާންކުރާ ޝަރުތު އުނިވެއްޖެކަމަށް އެކަށީގެންވާ ސަބަބުތަކާ އެކު ގަބޫލުކުރެވޭ ހާލަތްތަކުގައި ލައިސަންސް ހިފެހެއްޓޭނެއެވެ.
ނުދައްކާ ހުރި ފީ އާއި ޖޫރިމަނާ ފައިސާގެ އަދަދު 5،000 ރުފިޔާ ނުވަތަ އެއަށް ވުރެ ބޮޑުވުމުން ވެސް ލައިސަންސް ހިފެހެއްޓޭނެއެވެ. ލައިސަންސް ހިފެހެއްޓޭނީ ޓްރެފިކް ފުލުހުން ކަނޑައެޅުމުން ނުވަތަ ކޯޓު އަމުރަކުންނެވެ.
ވަގުތީ ގޮތުން ލައިސަންސް ހިފަހައްޓައިފި ނަމަ، ލައިސަންސްގެ ބަދަލުގައި 48 ގަޑިއިރަށް ދުއްވުމުގެ ވަގުތީ ހުއްދައެއް ދޫކުރާނެއެވެ.
ލައިސަންސް ނެތި ދުއްވައިފި ނަމަ ފުރަތަމަ ފަހަރަށް 1,000 ރުފިޔާ، ދެވަނަ ފަހަރަށް 1,500 ރުފިޔާ އަދި ތިންވަނަ ފަހަރަށް 2,000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ. އިތުރުވާ ކޮންމެ ފަހަރަކު އެންމެ ފަހުން ކުރި ޖޫރިމަނާގެ ދެގުނަ އިތުރުވާނެއެވެ.
މީގެ އިތުރުން އެ ދުއްވި އުޅަނދު ގިނަވެގެން 30 ދުވަހަށް ހިފެހެއްޓުމާ އެކު، އުޅަނދުގެ ވެރިމީހާ 2،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް މީހަކަށް ނުވަތަ ކުޑަކުއްޖަކަށް ނުވަތަ ފަސިންޖަރުންގެ ސީޓުގައި އިންނަ މީހަކަށް ކޮންޓްރޯލް ދީފި ނަމަ 25،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވެއެވެ.
އެފަދަ އަމަލެއްގެ ސަބަބުން މީހަކަށް އަނިޔާވެއްޖެ ނަމަ 50،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެއެވެ. ފަރުވާކުޑަކޮށް ނުވަތަ ނުރައްކާކޮށް ދުއްވައިގެން މީހަކަށް އަނިޔާއެއް ވެއްޖެ ނަމަ 100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެއެވެ.
ގަވާއިދާ ޚިލާފަށް ޕާކްކުރާ ނަމަ ކޮންމެ ފަހަރަކު 500 ރުފިޔާއިން ޖޫރިމަނާކޮށް ޑީމެރިޓް ޕޮއިންޓް އުނިކުރެވޭނެއެވެ. އަދި މަގުތަކުގެ ކަންމަތި، ސްކޫލް ކައިރި، ބަސް ހުއްޓިތައް އަދި ކަފިހިހުރަސް ފަދަ ޚާއްސަ ތަންތަނުގައި ޕާކުކޮށްފި ނަމަ 1،500 ރުފިޔާއިން ޖޫރިމަނާކުރުމަށް ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.