ފުލުހުންގެ މުއައްސަސާ ތެރޭގައި މަގާމުގެ ނުފޫޒު ފޯރުވައި، ކޮރަޕްޝަނަށް ޖާގަ ދީގެން ނުވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ، ރާއްޖެއަށް ސަލާމަތީ އަދި އިގުތިޞާދީ ގޮތުން ހަމަޖެހުމެއް އަންނާނީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވިފައިވާކަން ރައްޔިތުންނަށް އިހުސާސް ކުރެވިގެން ކަމަށެވެ.
އެ ޖަލްސާގައި ފުލުހުންނާ މުޚާތަބުކުރައްވަމުން އިހުސާން ވިދާޅުވީ، ފުލުހުންނަށް ލިބެން ޖެހޭނެ އެންމެ މުހިންމު ތަސައްލީއަކީ ރައްޔިތުން ފުލުހުންނާ ދޭތެރޭ ހިތްހަމަޖެހުން ކަމަށެވެ.
މިގޮތުން، ކޮންމެ ފުލުހެއްގެ އިންޓެގްރިޓީއާއި ޑިސިޕްލިންއާއި އެއްވެސް ފަރާތަކަށް ނުޖެހި ގާނޫނު ތަންފީޒުކުރުމަކީ ރައްޔިތުން ބަލައިގަންނާނެ ސިފަތައް ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.
ފުލުހުންތަކެއް: ފުލުހުންގެ މުއައްސަސާ ތެރޭގައި މަގާމުގެ ނުފޫޒު ފޯރުވައި، ކޮރަޕްޝަނަށް ޖާގަ ދީގެން ނުވާނެ ކަަމަށް އިހުސާން ވަނީ ވިދާޅުވެފައި -- ފޮޓޯ: ފުލުހުންޔުނިފޯމް އަޅައިގެން މަގުމައްޗަށް ނިކުންނަ ކޮންމެ ފުލުހެއްގެ ފިޔަވަޅުތަކާއި ބާރުގެ ބޭނުންކުރާ ކޮންމެ ވަގުތެއް ދިވެހި ރައްޔިތުން ވަޒަންކޮށް، ފުލުހުން ދެނީ އަގުހުރި ޚިދުމަތްތޯ ވަޒަން ކުރާނެ ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.
ފުލުހުންގެ މުއައްސަސާއަށް ރީތި ނަން ހޯދައިދިނުމަށް މަސައްކަތް ކުރުމަށް މިނިސްޓަރު ފުލުހުންނަށް ވަނީ ގޮވާލައްވާފައެވެ.
"އަޅުގަނޑުމެން ތަކުރާރުކޮށް، އަބަދުވެސް ދަންނަވަމުން މި ދަނީ މުއައްސަސާގެ ތެރޭގައި ކޮރަޕްޝަނަށާއި އެ މީހަކަށް ލިބިފައި އޮންނަ އޮތޯރިޓީއެއް އެބިއުސް ކުރުމަށް އެއްވެސް ޖާގައެއް ދީގެން ނުވާނެޔޭ،" އިހުސާން ވިދާޅުވިއެވެ.
މީގެއިތުރުން، ނަޒާހާތްތެރިކަން ފުލުހުންގެ ތެރޭގައި ދަމަހައްޓަމުން އަންނަ ފުލުހުން ތިބުމުން އުފާކުރައްވާކަން ހާމަކުރައްވައި، އިހުސާން ވަނީ އަޚުލާގު ދަށްވެފައިވާ ފުލުހުންނާ މެދު އަވަސް ފިޔަވަޅުތަކެއް އަޅަމުން އަންނަކަން ފާހަގަކުރައްވާފައެވެ. ނަމަވެސް، އެ ކަމުގެ އިތުރު ތަފުސީލެއް އިހުސާން ނުދެއްވައެވެ.