ނެޓްފްލިކްސްގެ ކާމިޔާބު އެންތޮލޮޖީ ފިލްމު ސީރީޒް "ލަސްޓް ސްޓޯރީސް"ގެ ތިންވަނަ ބައި، މި މަހުގެ 18 ވަނަ ދުވަހު ސްޓްރީމްކުރަން ފަށާނެކަން އިއުލާނުކޮށްފިއެވެ.
ކުރީގެ ބައިތަކެކޭ އެއްފަދައިން، މި ފަހަރުގެ ފިލްމުގައިވެސް ހިމެނެނީ ހުނަރުވެރި ހަތަރު ޑައިރެކްޓަރެއްގެ ހަތަރު ތަފާތު ވާހަކައެވެ.
އެގޮތުން މި ފަހަރުގެ ސެގްމަންޓްތައް ޑައިރެކްޓްކޮށްފައިވަނީ، ފާހަގަކޮށްލެވޭ ފިލްމު "ލާޕަތާ ލޭޑީސް"ގެ ޑައިރެކްޓަރު ކިރަން ރާއޯ އާއި، "އޯ ރޯމިއޯ" ގެނެސްދިން މަޝްހޫރު ޑައިރެކްޓަރު ވިޝާލް ބަރަދްވާޖާއި، "ކަޕޫރް އެންޑް ސަންސް"ގެ ޑައިރެކްޓަރު ޝަކޫން ބަޓްރާގެ އިތުރުން "އުޅާން"ގެ ޑައިރެކްޓަރު ވިކްރަމަދިތުޔާ މޮޓްވާނީއެވެ.

"ލަސްޓް ސްޓޯރީސް 2"ގެ ޕޯސްޓަރެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ
މި ސީރީޒްގެ ފުރަތަމަ ފިލްމު 2018 ވަނަ އަހަރު ނެރުނުއިރު، އޭގެ ސެގްމަންޓްތައް ޑައިރެކްޓްކުރީ ކަރަން ޖޯހަރާއި، އަނޫރާގް ކަޝްޔަޕާއި، ޒޯޔާ އަޚްތަރު އަދި ދިބާކަރް ބެނަޖީ އެވެ.
އަދި 2023ގައި ގެނެސްދިން ދެވަނަ ބައި ޑައިރެކްޓްކުރީ އާރް ބަލްކީ އާއި، ބަތަލާ ކޮންކޮނާ ސެން ޝަރުމާ އާއި، އަމިތު ޝަރުމާގެ އިތުރުން ސުޖޯއި ގޯޝްއެވެ.
ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ލިބޭ ނެޓްފްލިކްސްގެ ސީރީޒް "ލަސްޓް ސްޓޯރީސް"ގެ ހުރިހާ ބައެއްގެ ވާހަކަތަކުންވެސް ބޮލީވުޑްގެ ނުފޫޒުގަދަ އަދި މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދެއެވެ.
އެގޮތުން އެންމެފަހުން ގެނެސްދިން ބައިން ފެނުނު މުހިއްމު ތަރިންގެތެރޭ ތަމަންނާ ބާޓިއާ، މްރޫނާލް ތާކުރު، ކުމުދް މިޝްރާ، އަންގަދް ބެދީ، ނީނާ ގުޕްތާ، ކާޖޮލްގެ އިތުރުން ވިޖޭ ވަރުމާ ހިމެނެއެވެ.
ތިން ވަނަ ސީރީޒްއިން ފެންނާނެ މުހިއްމު ތަރިންގެތެރޭ، ރާދިކާ އަޕްތޭ، ކޮންކޮނާ ސެން ޝަރުމާ، ވިޖޭ ވަރުމާ، އަބީޝެކް ބެނަޖީ، އަލީ ފަޒަލް، ރާދިކާ މަދަން، ސިދާތު، އަދިތީ ރާއޯ އަދި ގުރްފަތޭހް ޕިރުޒާދާ ހިމެނެއެވެ.