ބާދްޝާ އާ ވަކިވި ޚަބަރާ އެކު ދެކެވޭ ވާހަކަތަކަށް އިޝާ ރައްދުދީފި

އިންޑިއާގެ މަޝްހޫރު ރެޕަ ބާދްޝާ އަދި އޭނާގެ ކުރީގެ އަނބިމީހާ އިޝާ--ފޮޓޯ/އެންޑީޓީވީ

އިންޑިއާގެ މަޝްހޫރު ރެޕަ ބާދްޝާ އާއި އޭނާގެ ކައިވެނި ރޫޅުނުކަން ހާމަކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، އެކަމާ ގުޅިގެން މީޑިއާތަކުގައި ދެކެވެމުންދާ ވާހަކަތަކަށް ބޮލީވުޑް އަދި ޕަންޖާބީ ބަތަލާ އިޝާ ރިކީ ރައްދުދީފިއެވެ.

އޭނާ ވަނީ ކަށަވަރުނުވާ މައުލޫމާތުތައް ނުފެތުރުމަށާއި، ހަމައެކަނި އޭނާގެ ރަސްމީ މަންސަތަކުން ހާމަކުރާ މައުލޫމާތަށް އިތުބާރުކުރުމަށް މީޑިއާގެ ކިބައިން އެދިފައެވެ.

ފަސް މަސްދުވަހުގެ ކައިވެންޏަށްފަހު ދެމީހުން އެއްބަސްވެގެން ވަކިވިކަން އިއުލާންކުރީ މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު، ދެމީހުންގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ނެރުނު ގުޅިފައިވާ ބަޔާނެއްގައެވެ.

ނަމަވެސް، އެއަށްފަހު ފެތުރެން ފެށި އެކި އަޑުތަކާ ގުޅިގެން އިޝާގެ އިންސްޓަގްރާމް ސްޓޯރީގައި ބުނެފައިވަނީ، އެމީހުންގެ ގުޅުމާ ގުޅޭގޮތުން ޝާއިއުކުރަމުންދާ ބައެއް ޚަބަރުތަކުގެ ސަބަބުން ވަރަށް ބޮޑު ހައިރާންކަމެއް ލިބިފައިވާ ކަމަށެވެ.

އަދި އޭނާގެ ފަރާތުން ސީދާ ދޭ މައުލޫމާތެއް ފިޔަވައި އެހެން އެއްވެސް ވާހަކައެއް ގަބޫލުނުކުރުމަށް އާންމުންގެ ކިބައިން އޭނާ ވަނީ އިލްތިމާސްކޮށްފައެވެ.

ބާދްޝާ އާއި އިޝާ ދެ މީހުންގެ ކައިވެނީގެ ރަސްމިއްޔާތުގައި--ފޮޓޯ/އެންޑީޓީވީ

އިޝާ އާއި ބާދްޝާގެ ސިއްރު ކައިވެނީގެ ފޮޓޯތަކެއް، އިޝާގެ މަންމަ ޕޫނަމް ރިކީ ސޯޝަލް މީޑިއާއަށް ދޫކޮށްލުމާ ގުޅިގެން، ބާދްޝާގެ ފަރާތުން އޭނާއަށް އޮޅުވާލުންތަކެއް ކުރިމަތިވި ކަމަށް އިޝާ ވަނީ ދާދިފަހުން 'އީ-ޓައިމްސް'އަށް ދިން އިންޓަވިއުއެއްގައި ހާމަކޮށްފައެވެ.

އީޓައިމްސްއަށް މައުލޫމާތު ދެމުން އިޝާ ހާމަކުރި ގޮތުގައި، އެ މައްސަލައާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކާކަށް އޭނާ ބޭނުމެއް ނޫނެވެ.

އޭނާ ބުނި ގޮތުގައި އެ ފޮޓޯތައް އާންމުކުރީ އޭނާއެއް ނޫނެވެ. އެއީ އޭނާގެ މަންމަ ކުރި ކަމެކެވެ. އަދި ބާދްޝާގެ ދިފާއުގައި އޭނާ މަސައްކަތް ކުރި ކަމަށާއި، އެކަމާ ގުޅިގެން މަންމައާ ދެމެދު ބޮޑެތި ޒުވާބުތަކެއް ހިނގި ކަމަށްވެސް އިޝާ ވަނީ ބުނެފައެވެ.

އެހެންނަމަވެސް، ކޮންމެ ކަމެއްވެސް މެދުވެރިވަނީ ސަބަބެއް އޮވެގެން ކަމަށާއި، އެއީ އޭނާގެ އިހުތިޔާރުން ބޭރުގައި ހިނގި ކަމެއްކަން ފަހުން ވިސްނުނު ކަމަށް އޭނާ ފާހަގަކުރިއެވެ.

އެ ދުވަސްވަރު ނުހަނު ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި އުޅެންޖެހުނުކަން ހާމަކުރަމުން އޭނާ ބުނީ، މަންމަގެ ވާހަކަތަކާއި ބާދްޝާގެ ވާހަކަތަކާ ދެމެދު ބޮޑެތި ފުށުއެރުންތަކެއް ހުރި ކަމަށެވެ.

ފޮޓޯތައް ލީކުވި ފަހުންވެސް އެމީހުންގެ ދެމެދުގައި މުއާމަލާތް ކުރެވުނު ނަމަވެސް، ބާދްޝާ ދައްކަމުން ދިޔައީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށް އިޝާ ވަނީ ބުނެފައެވެ.

އެކަމުގެ ސަބަބުން، މިފަދަ ބޮޑު ކުށްހީއެއްގެ ތެރޭގައި ތާށިވެވުނީ ކީއްވެގެންތޯ އަމިއްލަ ނަފްސާ ސުވާލުކުރަން ޖެހުނު ކަމަށާއި، މިއީ އޭނާގެ ހަޔާތުގައި ތަހައްމަލުކުރަން ޖެހުނު އެންމެ ހިތްދަތި ދުވަސްތައް ކަމުގައި އިޝާ ވަނީ ސިފަކޮށްފައެވެ. އަދި އޭނާއަށް އޮޅުވާލާފައިވޭތޯ ސުވާލުކުރުމުން، އެއީ އެއްވެސް ޝައްކެއްނެތް މިންވަރަށް ބޮޑު އޮޅުވާލުމެއް ކަމުގައި އޭނާ ވަނީ ޔަގީންކަމާއެކު ބުނެފައެވެ.

ބާދްޝާ މީގެކުރިން ކައިވެނިކުރީ ޖޭސްމިން މަސީހްއާއެވެ. އެ ކައިވެނި 2020 ވަނަ އަހަރު ރޫޅިފައިވާއިރު، އެ ކައިވެންޏަށް އަންހެން ކުއްޖަކު ލިބިފައިވެއެވެ.

comment ކޮމެންޓް