ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ ޒަމާނީ މައި އޮފީސް އިމާރާތް ހުޅުމާލޭގައި ޑިޒައިންކޮށް، ތަރައްގީކުރުމުގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން އިއުލާނުކޮށްފިއެވެ.
ހޯމް މިނިސްޓްރީން ކުރި އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި މި މަޝްރޫޢަށް ޝައުގުވެރިކަން ފާޅުކުރުމުގެ (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މި މަޝްރޫއަކީ ދިގު މުއްދަތަކަށް އަމިއްލައަށް ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ފަދައިން، ޚާއްސަ ކްލިނިކަލް އަދި މަސްތުވާތަކެތިން ސަލާމަތްވުމަށް ދެވޭ ފަރުވާގެ ޚިދުމަތްތަކާއެކު، ވިޔަފާރި އާއި މުނިފޫހިފިލުވުން އަދި އިދާރީ ޖާގަތައް އެކުލެވޭ ގޮތަށް ތަރައްގީކުރާ ވަސީލަތެކެވެ.
މި އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ 10,726.98 އަކަފޫޓުގެ ބިމެއްގައެވެ.
މި މަޝްރޫޢުގެ ދަށުން އެކުލަވާލެވޭ ޑިޒައިންގައި ބޭސްމަންޓް ޕާކިން، ގްރައުންޑް ފްލޯގައި އާންމު ރިސެޕްޝަނާއި ކެފޭ، ފްލޯ އެކަކާއި ދޭއްގައި ކޮމާޝަލް/އޮފީސް ޖާގަތައް ހިމަނަން ޖެހެއެވެ. އަދި ފްލޯ ތިނަކުން ފަހަކަށް ކްލިނިކަލް އަދި ފަރުވާގެ ޚިދުމަތްތަކަށް ޚާއްސަކުރެވިފައިވާއިރު، ފްލޯ ހަޔަކާއި ހަތެއް ހަމަޖެހިފައިވަނީ އެންޑީއޭގެ މައި އޮފީހަށެވެ.
މީގެ އިތުރުން އަށްވަނަ ފްލޯއިން ދިހަވަނަ ފްލޯއަށް ޖިމް، ޑޭ-ކެއާ، ކެފޭ އަދި މަލްޓިޕަޕަސް ހޯލް ހިމެނޭއިރު، 11 އިން 14ވަނަ ފްލޯއަށް ހުންނާނީ ކުއްޔަށްދޭ ވިޔަފާރި ފަންގިފިލާތައްކަމަށް ކުރި އިއުލާނުގެ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވެއެވެ. އަދި އިމާރާތުގެ ޓެރަސް ޚާއްސަކުރެވިފައިވަނީ ސޯލާ ޕެނަލް އަދި އޭސީ އައުޓްޑޯ ޔުނިޓްތަކަށް ކަމަށް ވެސް ބުނެފައިވެއެވެ.
ނޭޝަނަލް ޑްރަގް އެޖެންސީ: ރިހެބިލިޓޭޝަން ސެންޓަރުތައް ހިންގަނީ އެތަނުން --- ސަން ފޮޓޯ; ފަޔާޒު މޫސާމި އިމާރާތުގެ ޑިޒައިންގައި ސަލާމަތީ ގޮތުން "ޓްރިޕަލް-ޕާތް" ސަކިއުލޭޝަން ސްޓްރެޓެޖީއެއް އެކުލަވާލަންޖެހެއެވެ. އޭގެ ތެރޭގައި އާންމުންނާއި ކްލިނިކަލް ބޭނުންތަކަށް ވަކި މަގެއް، މުވައްޒަފުންނަށް ވަކި މަގެއް އަދި ކުއްޔަށް ހިފާ ފަރާތްތަކަށް ވަކި މަގެއް ކަނޑައެޅިފައި އޮންނަންވާނެއެވެ. އަދި ކްލިނިކަލް ޒޯނާއި ކޮމާޝަލް ޒޯންތަކުގެ މެދުގައި ހުރަސްކޮށް ދަތުރުނުކުރެވޭނެ އިންތިޒާމު ހަމަޖައްސަންޖެހެއެވެ.
ހޯމް މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި މި މަސައްކަތަށް އެދި ވަކިވަކި ކުންފުނިތަކަށާއި ޖޮއިންޓް ވެންޗަ ނުވަތަ ކޮންސޯޝިއަމްތަކަށް ކުރިމަތިލެވޭނެއެވެ. ކުރިމަތިލާ ފަރާތްތަކަކީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ބޮޑެތި އިމާރާތްތަކުގެ މަޝްރޫޢުތައް ހިންގުމުގެ ތަޖުރިބާ ލިބިފައިވާ، އަދި އެކަށޭނަ މާލީ އަދި ފަންނީ ގާބިލުކަން ހުރި ފަރާތްތަކަކަށް ވާންޖެހޭނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން އީއޯއައި ހުށަހަޅަންޖެހެނީ އެއް ޕީޑީއެފް ފައިލެއްގެ ގޮތުގައި [email protected] އަށް އީމެއިލް މެދުވެރިކޮށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އަދި އީއޯއައި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 17 ވަނަ ދުވަހުގެ 14:00 ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.
މި މަޝްރޫޢުގެ އިވެލުއޭޝަން ކުރިއަށްގެންދާނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީންނެވެ.
އެންޑީއޭއަކީ ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަތަކަށް ފަރުވާދިނުމާއި، އެފަދަ ފަރާތްތައް އަނބުރާ މުޖުތަމައަށް ގެނައުމުގެ މަސައްކަތްތައް ރާވައި ހިންގާ ސަރުކާރުގެ މުއައްސަސާއެވެ.