ފިލްމުތަކުން މަސައްކަތް ނުލިބޭތީ ރާހުލް އާމްދަނީ ހޯދަނީ ޕާޓީތަކުގައި ނަށައިގެން

ރާހުލްއަށް ބޮޑު މަޝްހޫރުކަމެއް ލިބުނު ފިލްމު "އާޝިޤީ"ގެ މަންޒަރެއްގައި އެ ފިލްމުގެ ބަތަލާ އަނޫއާ އެކު--ފޮޓޯ/ހިންދުންސްތާންޓައިމްސް

ބޮލީވުޑްގެ މަޝްހޫރު ފިލްމު "އާޝިޤީ"އިން އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދި އެކްޓަރު ރާހުލް ރޯއި (58 އަހަރު)، 2020 ވަނަ އަހަރު ސިކުނޑީގެ ސްޓްރޯކެއް ޖެހުމަށްފަހު އޭނާގެ މާލީ ހާލަތަށާއި ކެރިއަރަށް އައި ބޮޑެތި ގޮންޖެހުންތަކުގެ ވާހަކަ ހިއްސާކޮށްފިއެވެ.

ޓައިމްސް އޮފް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި ރާހުލް ބުނީ، ސްޓްރޯކަށްފަހު ފާއިތުވި ފަސް އަހަރު ހޭދަވީ މުޅިންވެސް ސިއްހަތު ރަނގަޅުކުރުމުގެ މަރުހަލާގައި ކަމަށާއި، އެ ދުވަސްވަރު އެއްވެސް މަސައްކަތެއް ލިބިފައިނުވާ ކަމަށެވެ. އަދި އާމްދަނީ ހޯދުމަށާއި ދިރިއުޅުމުގެ މާލީ ދަތިތަކުން އަރައިގަތުމަށްޓަކައި ކައިވެނި ހަފްލާތަކުގައި ނަށައިގެންވެސް ފައިސާ ހޯދަންޖެހުނު ކަމަށް އޭނާ ހާމަކުރިއެވެ.

ކައިވެނީގެ ހަފްލާތަކުގައި ނަށާ ވީޑިއޯތައް އާއްމުވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އޭނާއަށް އަމާޒުވި ނަމަވެސް، އެއީ ރާހުލް ހަލާލު އާމްދަނީއެއް ހޯދުމަށްކުރާ މަސައްކަތެއް ކަމަށް ވަނީ ބުނެފައެވެ.

އިންޑިއާގެ ކުރީގެ މަޝްހޫރު އެކްޓަރު ރާހުލް ރޯއި--ފޮޓޯ/އިންޑިއާޓުޑޭ

އެގޮތުން އެފަދަ ހަފްލާތަކުގައި ނަށައިގެން ލިބޭ ދެ ލައްކަ ނުވަތަ ހަތަރު ލައްކަ ރުޕީސް އަކީ އޭނާގެ އަމިއްލަ ޒަރޫރީ ބޭނުންތައް ފުއްދުމަށް ވަރަށް ބުރަ މަސައްކަތުން ހޯދާ ފައިސާ ކަމަށް ވެސް ވަނީ ބުނެފައެވެ.

ރާހުލް ފިލްމީ ދާއިރާގައި މަސައްކަތްކުރިއިރު އޭނާއަށް އެންމެ ރަނގަޅު އާމްދަނީއެއް ލިބުނު ނަމަވެސް އެކްޓަރުގެ މިލްކިއްޔާތުގައި ހުރި މުދާތައް އޭގެ ބޮޑު ބައެއް ވަނީ ކުރީގެ އަނބިމީހާ ރާޖްލަކްޝްމީ ހާންވިލްކަރުއަށް ދީފައެވެ. ދެހާސްވަނަ އަހަރު ކުރެވުނު އެ ކައިވެނި ވަނީ 2014ގައި ރޫޅިފައެވެ.

ފިލްމީ ދާއިރާގައި 37 އަހަރު ހޭދަކޮށްފައިވާ ރާހުލް ރޯއި ބުނީ، ފިލްމީ ދާއިރާއިން މަސައްކަތްތަކެއް ލިބޭނެ ދުވަހަކަށް އަބަދުވެސް އިންތިޒާރުކުރާ ކަމަށާއި އޭނާގެ އަމާޒަކީ އަމިއްލަ ދިރިއުޅުން އަލުން ބިނާކޮށް މާލީގޮތުން ހަމަޖެހިލައިގެން ދިރިއުޅުމުގެ ބާކީއޮތް ދުވަސްތައް ހޭދަކުރުން ކަމަށެވެ.

ރާހުލްގެ ކެރިއަރުގެ ފާހަގަކޮށްލެވޭ މުހިއްމު ފިލްމުތަކުގެތެރޭ، "ޖުނޫން" އަދި "ޕިރް ތެރީ ކަހާނީ ޔާދު އާއީ" ހިމެނެއެވެ.

comment ކޮމެންޓް